އަނިޔާވެރިކަމަކީ ހަމައެކަނި ޖިސްމާނީ އަނިޔާކުރުމެއް ނޫނެވެ. ހިތްދަތިކުރުވުމަކީ އެންމެ ބޮޑު އަނިޔާއެވެ. އަނެކާއަށް ނުބައި ބަސްތައް ބުނުމަކީ ވެސް ހަމަ އަނިޔާއެވެ. މީސްތަކުންނަކީ އަނިޔާވެރިކަމުން ސަލާމަތްވެގެން ތިބެން ޖެހޭނެ ބައެއް ނަމަވެސް ޖުމުލަ ގޮތެއްގައި ބަލައިފިނަމަ ކޮންމެވެސް ސިފައެއްގައި އަނިޔާ ލިބެމުންދާ މީހަކު މަދުކަމަށް ބުނަންޖެހޭ ޙާލަތަށް އަނިޔާވެރިކަން މިވަނީ ޢާންމުވެފައެވެ.
ވީމާ އަނިޔާއިން ސަލާމަތްވެހުރުމަށް މިފދަ ޖިކުރުތައް ކުރަމުން ގެންދާށެވެ!
لا حَوْلَ وَلا قُوَّةَ إِلا بِالله
އެކުލެވިގެންވާ މާނައަކީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. އެހެން ފަރާތަކަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ.
މިއީ ސުވަރުގޭގެ ޚަޒާނާއިން އިންސާނުންނަށް ލިބިފައިވާ ޖަވާހިރެކެވެ. ސުވަރުގެ ވަނުމަށް އޮތް ތަޅުދަނޑިއެކެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ޤަބޫލުކުރުމާއި އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއްވެސް ބާރެއް ލިބިގެން ނުވާކަމަށް ޤަބޫލުކުރުން މިއީ އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސެވެ.
މިކަލިމަ ކިޔުން ގިނަކޮށް އަދި ބުނެވޭ ބަހަށް ޢަމަލުކުރާ މީހާއަށް އަނިޔާއެއް ގެއްލުމެއް ހަަމ އެކަކަސްވެސް ނުދެވޭނެއެވެ. އެމީހަކަށް ބޭނުންވާ ހިމާޔަތާއި ރައްކައުތެރިކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަކީ ﷲ ތަޢާލާ އެންމެ ގަދައަށް ކުރައްވަވާފައިވާ އެއް އަމުރުފުޅެވެ. އަނިޔާވެރިންނަށް ﷲ ތަޢަލާ ވަނީ ލަޢްނަތް ލައްވަވައިފައެވެ. އަދި މީސްތަކުންނަށް އެހީތެރިވާ މީހުންނަށް އެހީތެރިވެވޮޑިގަތުމުގައި ދެމިހުންނަވާނެކަމަށް ވަނީ ވަޙީކުރައްވަވައިފައެވެ.
ނަމަވެސް އެކަކު އަނެކަކަށް އަނިޔާވެރިވުން ޢާންމުވަމުން އައިސް ގޭބިސީތަކުގައިވެސް އެކަން މިވަނީ ޢާންމުވެފައެވެ. މައިންބަފައިންނަށް އަނިޔާވެރިވަނީއެވެ. ދެމަފިރިން އެކަކު އަނިޔާވެރިވަނީއެވެ. ދަރިން މައިންބަފައިންނަށް އަދި މައިންބަފައިން ދަރިންނަށްވެސް އަނިޔާވެރިވަނީއެވެ. ވަޒީފާގެ ބިރުދައްކައި މުވައްޒިފުންނަށްވެސް އަނިޔާވެރިވަނީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން