މީހަކަށް މުޅި ދުނިޔޭގެ ރަސްކަން ލިބި އެރަސްކަމުގެ ތާޖް އޭނާގެ ބޮލުގައި ބެހެއްޓިވެސްދާނެއެވެ. އެތާޖު އަޅައިގެން ދުނިޔޭގައި އުޅެވިވެސްދާނެއެވެ. ނަމަވެސް މަރުވުމުން ޖެހޭނީ އެތާޖާއި ވަކިވާށެވެ. ބޮލުން ތާޖް ނެގޭނެއެވެ.
ނަމަވެސް ތިބާ ކީރިތި ޤުރްއާން ހިތުދަސްކުރުމުން ބޮލުގައި ބެހެއްޓިގެންދާ ތާޖަށް ނިމުމެއް ނެތެވެ. އެހެނީ އޭނާއަށް ޤިޔާމަތްދުވަހުގައި ބުނެވޭނެތެވެ! "ޤުރްއާނުން އެނގޭ މިންވަރަކަށް ކިޔަވަމުން ސުވަރުގޭގެ ދަރަޖަތަކަށް އަރައިގެންދާށެވެ."
ކީރިތި ޤުރްއާނަކީ އުނގެނެން އެންމެ ފަސޭހަ އަދި ހިތުގައި ހަރުލައްވަން އެންމެ ފަސޭހަފޮތް ކަމުގައި ކާފިރުންވެސް ޤަބޫލުކުރެއެވެ.
ކީރިތި ޤުރްއާނުގައި 604 ޞަފްޙާވެއެވެ. އެ ޞަފްޙާތަކުގައި 114 ސޫރަތްވެއެވެ. އެސޫރަތްތަކުގައި 6236 އާޔަތްވެއެވެ. އެހެންކަމާއިއެކުވެސް ދުނިޔޭގައިވާ ހުރިހާ ފޮތަކަސް ބެލިނަމަވެސް އެންމެ ގިނަ ބައަކު ހިތަސްކުރަން މަސައްކުރާ ފޮތަކީވެސް އަދި ދުނިޔޭގައި މިހައިތަނަށް ޗާޕުކޮށްފައިވާ ހުރިހާ ފޮތްތަކުގެ ތެރެއިން ވެސް އެންމެ ގިނަ ބައަކު ހިތުދަސް، ހަނދާންހުންނަ ފޮތަކީ ކީރިތި ޤުރްއާން ކަމުގައިވާތީއެވެ.
ވީމާ ދެފަހަރަކު ކިޔައިލުމުން ހިތުދަސްނުވީތީ ފަރުވާކުޑަކޮށްނުލާށެވެ! ހިތުދަސްކުރުމުގެ ބާރު އެކި މީހުންނަށް ދެއްވަވާފައިވަނީވެސް އެކި މިންވަރަށެވެ. ވީމާ އެންމެންނަށް އެއްވަރަށް ފަސޭހަ ނުވެދާނެއެވެ. ހިތްވަރުކުރާށެވެ! ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާން އުނގެނުމާއި ހަނދުމަކުރުމަކީ ފަސޭހަ ކަމެއް ކަމުގައި ލައްވަވައިފައެވެ.
"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސެހަކޮށްދެއްވެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟" (އައްރަޙްމާން: 17)
ބުނެވޭގޮތުން ތުރުކީގައި އިސްލާމް ދީން ކުރިއަރައިގެން އައި ދުވަސްވަރު ހަމައެކަނި ކަނބަލުންނަށް ބެލިނަމަވެސް 60،000 ޙާފިޡާއިން ހަމަވިއެވެ. އެކަނބަލުންނަކީވެސް އެހެން އެއްވެސް ކަމެއް ނުކޮށް ހަމައެކަނި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރި ބައެއް ނޫނެވެ. ކުރަންޖެހޭ އެހެން މަސައްކަތްތައްވެސް ކުރަމުން އެކަމަށް މަސައްކަތްކުރި ކަނބަލުންނެވެ!
ވީމާ ތިއަ ކަނބަލުންނަކީ ވެސް ދިރިއުޅެން ކުރަންޖެހޭ މަސައްކަތްކުރަމުން އެކަމަށް މަސައްކަތްކުރާ ބައކަށްވާށެވެ! އަދި ފިރިހެނުންވެސްމެއެވެ. ﷲ ތަޢާލާ ހެޔޮރަހްމަތް މިންވަރުކުރައްވަވައި ބަރަކާތް ލައްވަވާނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން