ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.
"މަޝްރިޤް އާއި މަޣްރިބް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. ފަހެ، ތިއަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެތަނެއްގައި ﷲ ވޮޑިގެންވެއެވެ. ހަމަކަށަވަރުން، ﷲ އީ، ތަނަވަސްވެގެންވާ، މޮޅަށް ދެނވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 115)
ކިތަންމެ ވަރަކަށް ސިއްރުކޮށްގެން ތިބިނަމަވެސް ކިތަންމެ ވަރަކަށް އެކަހެރިވިޔަސް އެމީހަކުވީ ކޮންމެ ތަނެއްގައި ކޮންމެ ޙާލަތެއްގައިވެސް އެމީހަކާއިއެކުގައި އެމީހާގެ ފަތް ލިޔުއްވަވާ ދެމަލާއިކަތުން ދެކޮނޑުގައިވެއެވެ. އެބޭކަލުންނާއި ވަކިވެ އެބޭކަލުންނަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ!
އަދި ކީއްހެއްޔެވެ؟ ކޮންމެ ޤައުމެއްގައި ފާފަކުރިނަމަވެސް، ކަނޑުގެ އަޑީގައިކުރިނަމަވެސް ކިތަންމ އުސްޢިމާރާތެއްގެ ކިތަންމެ މަތީގައި ކުރިނަމަވެސް ފާފަތައް ތިއަކުރެވެނީ ހަމަ ﷲ ތަޢާލާގެ ބިމުގައެވެ. އެކަން ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ. ބިރުވެތިވާށެވެ!
ފާފަކުރަން ބޭނުންވުމުން ބައެއް މީހުން ކޮޓަރި އާއި ގެތައް ތަޅުލައެވެ. އަވަށްޓެރިއަކަށް ނަމަވެސް އެނގިދާނެކަމަށް ބިރުން ދުރު ސަރަހައްދުތަކަށްވެސް ދެއެވެ. ޤާނޫނަށް ބިރުން ފާފަކުރުން ހުއްދަ ޤައުމުތަކަށްވެސް ދެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ތިމާއަށް ލިބެން އޮތް ފާފައިން ސަލާމަތެއް ނުވެވެއެވެ!
ﷲ ދުނިޔެއަށް ފޮނުއްވަވައި ﷲ ހުރިހާ ނިޢުމްތްތަކެއް ދެއްވެވީމައި ﷲ އަށް އީމާންވެ ﷲ އަށް ތެދވެރިނުވާ މީހާ ހަމަ އެކަކަށްވެސް ތެދުވެރި ނުވާނެއެވެ. އަހަރެމެންނަށް މީހެއްގެ އެހީތެރިކަން ނުލިބުނަސް ދުނިޔޭގައި އުޅެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ނިޢްމަތްތައް ނުދެއްވަވާނަމަ އެންމެ ކުޑަމިނުން ނޭވާވެސް ނުލެވޭނެއެވެ. ރިޒުޤްވެސް ނުލިބޭނެއެވެ. ސަލާމަތް ޞިއްހަތެއްވެސް ނުލިބޭނެއެވެ. އެހެންކަމަށްވާއިރު އެކަލާނގެއަށް އިކްލާޞްތެރިނުވާ މީހާ އެއްވެސް އިޚްލާޞްތެރިއެއް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން