ދަރިފުޅުގެ ކައިވެންޏަށް އެދޭ މީހާގެ ޖީބުގެ ބޮޑުމިނާ ޖީބުގެ ބުރަދަނަށް ބަލައިގެން ހެޔޮލަފާ ފިރިއަކު ހޯދައެއް ނުދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ދަރިފުޅުގެ ކައިވެންޏަށް އެދޭ މީހާގެ ޖީބުގެ ބޮޑުމިނާ ޖީބުގެ ބުރަދަނަށް ބަލައިގެން ހެޔޮލަފާ ފިރިއަކު ހޯދައެއް ނުދެވޭނެ!

އެ ޒުވާނާއަކީ ރެސްޓޯރަންޓެއްގެ ވެއިޓަރެކެވެ. އޭނާގެ އުންމީދުތަކެއް އޮވެއެވެ. އެއީ ލިބޭ މުސާރަ އެއްކޮށްގެން އަމިއްލައަށް ރެސްޓޯރަންޓެއް ހުޅުވައި ހިންގުމެވެ. އެއުންމީދުގައި މަސައްކަތްކުރަމުން ދަނިކޮށް ރެސްޓޯރަންޓަށް އައިސް އުޅުނު ތަނަވަސް އަންހެންކުއްޖަކު އޭނާއަށް ޝައުޤުވެރިވިއެވެ. އަދި ކައިވެނިކުރަން ބޭނުންކަމަށްވެސް ބުންޏެވެ. 

އެޒުވާނާ، އޭނާގެ ނިކަމެތިކަން ބަޔާންކުރުމުންވެސް އަންހެންކުއްޖާ ބޭނުންވީ އޭނާ އާއި ކައިވެނިކުރާށެވެ. އެހެންވެ އެއްރޭ އޭނާގެ މަންމަ އާއި ބައްޕަ ގޮވައިގެން ރެސްޓޯރަންޓަށް ދިއައެވެ. ޒުވާނާއަކީ ވެއިޓަރެއް ކަމާއި ލިބެނީ ވަރަށް ކުޑަކުޑަ މުސާރައެއްކަން އެނގުމުން ބައްޕަ ވަގުތުން ދެކޮޅު ހެދިއެވެ. 

ޒުވާނާ ކިޔައިދިނެވެ. "މިހާރު އަހަރެންނަކީ ވެއިޓަރަކީމެވެ. ނަމަވެސް އުންމީދަކީ އަމިއްލައަށް ރެސްޓޯރަންޓެއް ހުޅުވައި ވިޔަފާރިކުރަން ފެށުމެވެ. މިގެންދަނީ އެކަމަށް ފައިސާ އެއްކުރަމުންނެވެ."  

ބައްޕަ ބުނީ އޭނާއަށް މަހަކު މިލިއަނުން ފައިސާ ލިބޭކަމަށާއި ެއިޓަރަކާއި ދަރިފުޅު ކައިވެނިކޮށްދޭން ބޭނުން ނުވާކަމަށެވެ. އަދި އެމީހުން އިށީނދެގެން ތިބި މޭޒުން ތެދުވެގެން ދުރަށް ދިއުމަށްވެސް ބުންޏެވެ. 

އެހެން ބުނުމުން ޒުވާނާ ތެދުވެ ހިނގައިގަތުމުން ފަހަތުން އަންހެންކުއްޖާވެސް ހިނގައިގަތެވެ. އެވަގުތު މަންމަ ވިސްނައިދިނެވެ. "އަހަރެމެންގެ ކައިވެނިކުރެވުނު ކަލޭހުރި ޙާލު ހަނދާން ނައްތައިލީއެވެ. އެއިރު ކަލެއަކީ ބާކަރީއެއްގެ ފިހާރައިގާ މަސައްކަތްކުރާ މުވައްޒިފެއް ނޫން ހެއްޔެވެ؟ ތަނަވަސްކަން ލިބުނީ ވަރަށް އާދައިގެ ގޮތަކަށް އަމިއްލައަށް ކުރަންފެށި މަސައްކަތުން ނޫނެހެއްޔެވެ؟ އެހަނދާން މިހާރު ނެތުނީހެއްޔެވެ؟" 

އަނެއް ދުވަހު ދަރިފުޅު ގާތުގައި ބުނެގެން ޒުވާނާ އޮފީޯހަށް ގެންގޮސް އޭނާގެ ބިޒްނަސް ޕްލޭން އާއިމެދު ސުވާލުކުރުމުން އޭނާގެ ވިސްނުން ކިޔައިދިނެވެ. ބައްޕައަށް އެހުށަހެޅުން ވަރަށް ކަމުދިއައެވެ. ދަރިފުޅަށް ދެރަގޮތެއް ނުހެދުން ޝަރުޠުކޮށް ވިޔަފާރިފަށާނެ ފައިސާދިނެވެ. 

ރެސްޓޯރަންޓް ހުޅުވިތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެރެސްޓޯރަންޓަކީ ސިޓީގެ އެންމެ މަޝްހޫރު އެއްރެސްޓޯރަންޓަށްވެގެންދިއައެވެ. 

މިވާހަކަ ކިޔާފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއްވެސް މީހަކު އުފަންވަނީ ފައިސާތަކަކާއިއެކުގައެއް ނޫނެވެ. ތަނަވަސްކަން ލިބެނީ ކުރާ މަސައްކަތުންނެވެ. ﷲ ދެއްވެވުމުންނެވެ. ވީމާ ދަރިން ކައިވެނިކުރަން ބޭނުންވުމުން އެމީހެއްގެ އެކައުންޓުގައި ފައިސާހުރިވަރު ބެލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

އަޅުގަނޑު ދެކޭގޮތުގައި ބަލަންވީ އެމީހަކީ ދިރިއުޅެން މަސައްކަތްކުރާ މީހެއްތޯއެވެ. މަސައްކަތުގައި ކުރިއަށް ދިއުމުގެ ހިތްވަރުހުރިތޯއެވެ. ލޯބިން އަނބިމީހާ ގެންގުޅޭނެ މީހެއްތޯއެވެ. ޚާއްޞަކޮށް ތަޤްވާވެރިކަންހުރި މީހެއްތޯއެވެ. 

ދަރިފުޅާއި ކައިވެނިކުރަން އުޅޭ މީހާގެ ޖީބުގެ ތަނަވަސްކަމަށް ބެލުމަކީ ރާއްޖޭގައިވެސް ގިނަ ޢާއިލާތަކުން ކުރާ ކަމެކެވެ. އެކަމުގަ މިންއަޅަންހަދައިގެން ތަްްވާވެރި، މުރާލި ޒުވާނުންނަށް ފުރުޞަތު ނުދިނުމުން ފަހުން ހިތާމަކުރަންޖެހޭ ފަހަރުވެސް މަދެއް ނޫނެވެ. 

ޚުދު އަޅުގަނޑަކީވެސް ހަމަ އެފަދަ ގޮތެއް މެދުވެރިވި އަންހެނެކެވެ. އަޅުގަނޑު ކައިވެނިކުރަން އުޅުނީ ވަރަށް އަޚްލާޤް ރަނގަޅު، ހީވާގި މަސައްކަތްތެރި ޒުވާނަކާއިއެވެ. ނަމަވެސް އޭނާގެ އަތުގައި އެއިރު ފައިސާ ނެތުމުން ކައިވެނިކުރިއަ ނުދީ ތަނަވަސްކަންހުރި މީހަކާއި ކައިވެނިކުރުވީއެވެ. ނަތީޖާއަކަށްވީ 3 ދަރިންނާއިއެކު މިއަދު އެކަނިވެފައި އިންނަން ޖެހުމެވެ. 

އަޅުގަނޑު އެއިރު ކައިވެނިކުރަން އުޅުނު ޒުވާނާއަކީ މިހާރު އަމިއްލަ ވޯކްޝޮޕެއް ހިންގާ މީހެކެވެ. ދިރިއުޅެމުންދަނީ އަލަތު އަނބިމީހާއާއިއެކު ނުހަނު އުފަލުގައެވެ. ތަނަވަސްކަމުގައެވެ. 

އަޅުގަނޑުގެ މިބަސްކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ! 

- ޒިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން