މީހުން ދައްކާ ވާހަކަތައް ޤަބޫލުކޮށް މީހުންނާމެދު ގޮތް ނިންމުމަކީ ކުރެވޭ ފާފައެކެވެ! އެފަދަ ކަމަކުން އަނެކާއަށް ލިބޭ ގެއްލުމަށް ބަދަލުދޭންވެސް ޖެހޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މީހުން ދައްކާ ވާހަކަތައް ޤަބޫލުކޮށް މީހުންނާމެދު ގޮތް ނިންމުމަކީ ކުރެވޭ ފާފައެކެވެ! އެފަދަ ކަމަކުން އަނެކާއަށް ލިބޭ ގެއްލުމަށް ބަދަލުދޭންވެސް ޖެހޭނެއެވެ!

މަދު މީހަކު މަދު ފަހަރަކު ނޫނީ ކަންކަމުގެ ޙަޤީޤަތެއް ނުބަލައެވެ. އެހެންވެ ގިނަ ބައަކު އެހެން މީހުންނާއިމެދު ގޮތް ނިންމަނީ ހަމަ އެކަނި އިވިފައި ހުންނަ އަޑުތަކަށް ބަލައިގެންނެވެ. އެއީ ރަނގަޅު ގޮތެއް ނޫން ނަމަވެސް ގިނަ ބައަކު ޢަމަލުކުރަނީ އެގޮތަށެވެ.

ފުރަތަމަ ކަމަކީ ހަމައެކަނި އެހެން މީހުން ދައްކާ ވާހަކަތަކަށް ބަލައިގެން މީހުންނާއިމެދު ގޮތް ނިންމުމަކީ ކުރެވޭ ފާފައެއް ކަމެވެ. އެހެނީ އެއިރުން އެ ގޮތް ނިންމެނީ ޝައްކުގެ މަތީގައެވެ. އެއްވެސް މީހަކާއިމެދު ނުބައި ޞައްކެއް ކުރުމަކީ ފާފައެކެވެ! ވީމާ މީހަކާއިމެދު ނުބައި އަޑެއް އިވިއްޖެ ނަމަ އެކަން ޤަބޫލުކުރުމުގެ ކުރިން އެކަން ޔަޤީންކުރަންވާނެއެވެ. 

ބިރުވެތިވާންޖެހޭނެ އެއްކަމަކީ މީހަކާއިމެދު ކުރެވޭ ޝައްކެއްގެ ސަބަބުން އޭނާއަށް އެއްވެސް ގެއްލުމެއް ، ދެރައެއް ލިބިއްޖެ ނަމަ ޤިޔާމަތްދުވަހުން ބަދަލުދޭންވެސް ޖެހޭނެ ކަމެވެ. 

އެމީހުންގެ ވިސްނުން ބަދަލުކުރުމުގެ ނިޔަތުގައި ކިތަންމެ ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އެކަން ގިނަ ފަހަރަށް ވެގެންދާނީ ބޭކާރު ކަމަށެވެ. ވީމާ ތިމާގެ ސޫރަ އެހެން މީހުންގެ ކުރިމަތީގައި ބަދަލުކުރަން އެދޭނަމަ ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ތިމާއަކީ އެމީހުން އެދެކޭ ފަދަ މީހެއް ނޫންކަން ޢަމަލުން ދެއްކުމެވެ. 

ވީމާ ތިމާކުރާ ކަންކަން ރަނގަޅު ގޮތުގައި ކުރުންމަތީގައި ސާބިތުވުމުން މީހުންގެ ވިސްނުން އަމިއްލައަށް ބަދަލުވާނެއެވެ! ޔަޤީންކުރަންވީ ކޮންމެ ކަމެއްގެވެސް ޙަޤީޤަތް އަބަދު ސިއްރުކުރެވިފައި ނުއޮންނާނެ ކަމެވެ. ޙަޤީޤަތް ހާމަވާނެ ކަމެވެ. 

ހަމަ އެއާއިއެކު މީހުން ނުވަތަ މީހަކު ކޮންމެ ގޮތަކަށް ހީކުރުމުން ތިބާއަށް އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ އެއްވެސް މީހަކީ ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް ޖަވާބުދާރީވާންޖެހޭނެ މީހެއް ނޫނެވެ. އެންމެންވެސް ޖަވާބުދާރީވާން ޖެހޭނީ ހަމަ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން