އެކަހެރިކޮށް ބައްދަލުކުރަނީ ނުބައި ނިޔަތެއްނެތި ކަމަށްބުނާ މީހާގެ މައްސަލައެއް ހުންނާނެ! އަވަހަށް ފަރުވާހޯދަންޖެހޭނެ!: ޑރ. ޒާކިރް ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އެކަހެރިކޮށް ބައްދަލުކުރަނީ ނުބައި ނިޔަތެއްނެތި ކަމަށްބުނާ މީހާގެ މައްސަލައެއް ހުންނާނެ! އަވަހަށް ފަރުވާހޯދަންޖެހޭނެ!: ޑރ. ޒާކިރް ނައިކް

އިސްލާމް ދީނުގައި ދެމީހަކު ވާހަކަދެއްކުން މަނައެއް ނުކުރެއެވެ. ނަމަވެސް އެކަމަށް ވަކި އުޞޫލުތަކެއް އެބަހުއްޓެވެ. އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ފުރަތަމަ ކަމަކަށް ހިލޭ އަންހެނަކާއި ފިރިހެނަކު އެކަނިވެ ވާހަކަދައްކަން ތިބުމެއް ނެތެވެ. ވީއިރު އެކަންކުރަންވީ ކީއްވެގެން ހެއްޔެވެ؟

މިޒަމާނުގައި ބައެއް ކުދިން އެބަ ބުނެއެވެ. "އަހަރެން މިއުޅެނީ ޙިޖާބަ އަޅައިގެންނެވެ. އަހަރެންގެ ލޯބިވެރިއަކު ހުރެއެވެ. ވާހަކަވެސް ދައްކަމެވެ. އެކުގައި ވަގުތުވެސް ހޭދަކުރަމެވެ. ނަމަވެސް އަހަރެންގެ އެއްވެސް ނުބައި ނިޔަތެއް ނެތެވެ." 

އެފަދަ ކުދިންނަށް ބުނަން ޖެހެނީ އަވަހަށް ފަރުވާ ހޯދުމަށެވެ. ތިބާގެ ކިބައިގައި އުނިކަމެއް ހުންނާނެއެވެ. އުނިކަމެއް ނެތްނަމަ ނުބައި ނިޔަތެއް ނެތި ތިއަ ބުނި ކަންކަމެއް ނުކުރެވޭނެއެވެ! ނޫންނަމަ އެމީހަކު ވާނީ އާދައާއި ޚިލާފް މީހަކަށެވެ. 

ފުރަތަމަ ކަމަކަށް އެކަން ކުރަންވީ ގޮތް ނޫން ގޮތަކަށް އެކުރެވެނީ ވެސް ނުބައި ނިޔަތެއް އޮތުމުންނެވެ. ދެމީހުން އެކަހެރިވެ ވާހަކަދައްކައި އެކަނި ވެވެނީ ހަމަ ނުބައި ނިޔަތުގައެވެ. ނުބައި ޢަމަލެއް ނުކުރެވި އެދަނީ ﷲ ތަޢާލާގެ ރަޙްމަތުންނެވެ. އެހެނަސް ކޮށްގެން ނުވާނެ ކަމެއް އަބަދު ނުވަތަ ގިނަގިނައިން ކުރާނަމަ ޝައިޠޯނާގެ ބާރު ގަދަނުވެދިއުމަކީ ވަރަށް ނާދިރުކަމެކެވެ. 

ލޮބުވެތި އުޚުތުންނޭވެ! މިފަދަ ހުރިހާ ކަންކަމެއް ފެށިގެން މިއަންނަނީ ޙިޖާބްގެ މަޤްޞަދު ގެއްލުވައިލެވޭތީއެވެ. ހިނގާގޮތާއި ވާހަކަދެއްކޭ ރާގާއި ބެލޭގޮތާއި މިފަދަ ހުރިހާކަންކަންވެސް ހިމެނިގެން އަންނަނީ ޙިޖާބުގެ ތެރެއިންނެވެ. ޢަމަލުނުކުރެވޭނަމަ ބައެއް އެވަނީ އުނިވެފައެވެ.

ހިތުގައި ލޯބިއުފެދިއްޖެ ނަމަ އަވަސްވެގަންނަންވީ އެކަހެރިކޮށް ބައްދަލުކުރާކަށް ނޫނެވެ. އަވަސްވެގަންނަންވީ އޭނާގެ ޙަޤީޤަތް ދެނެގަތުމަށެވެ. އޭނާއަކީ އިސްލާމް ދީނަށް ލޯބިކޮށް އަމަލުކުރާ އަޚްލާޤް ރަނގަޅު މީހަކުނަމަ ލޯބިވާކަން ބަޔާންކޮށް އަވަހަށް ކައިވެނިކުރުމަށެވެ. ޙަޤީޤީ ލޯބިވުމަކީ އެއީ އެވެ! ﷲ ތަޢާލާގެ ރުހިވޮޑިގުން ލިބި ބަރަކާތް ލައްވަވާނެ ކައިވެންޏަކީވެސް ހަމަ އެއީއެވެ. 

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން