ވަޒީފާ އަދާކުރާ އަނބިންނޭވެ! ތިއަ ކަނބަލުން ބިރުގަންނަންވީ ފިރިމީހާއަކަށް ނޫނެވެ! ﷲ ތަޢާލާގެ ޢަޛާބަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ވަޒީފާ އަދާކުރާ އަނބިންނޭވެ! ތިއަ ކަނބަލުން ބިރުގަންނަންވީ ފިރިމީހާއަކަށް ނޫނެވެ! ﷲ ތަޢާލާގެ ޢަޛާބަށެވެ!

ތިމާ ރައްކައުތެރިކަމާއެކު ބަލަހައްޓަން، ގެންގުޅުން ބޭނުންވާ ފޮތެއް އެއްވެސް މީހަކު ލައިބްރަރީއަކަށް ނުލާނެއެވެ. ގެންގުޅޭނީ ރައްކައުތެރިކަމާއިއެކު ގޭގައެވެ. އެފޮތުގެ މުހިންމުކަންބޮޑުވާވަރަކަށް ބޮޑަށް ބަލަހައްޓާނެއެވެ. ގެއަށް ވަންނަ އެންމެންނަށް އަތްލެވޭ ގޮތަކަށްވެސް ނުގެންގުޅޭނެއެވެ. ތަޅުލެވޭ ތަނަކަށްލާނެއެވެ. ގޭގައި ހުންނަ ފޮތް އަލަމާރި ތަޅުލާފައި ބަހައްޓަނީވެސް އެހެންވެގެންނެވެ. 

ކިތަންމެ ބޮޑުއަގުގައި ގަތް ފޮތެއް ނަމަވެސް އަދި އެފޮތަކީ ތިބާއަށް ކިތަންމެ ފައިދާހުރި ފޮތެއް ނަމަވެސް ލައިބްރަރީއެއްގެ ހަރުގަނޑުގައި ބެހެއްޓުމުން އެފޮތަށް ޝައުޤުވެރިވާ އެންމެން ކިޔާނެކަން ޤަބޫލުކުރަންވާނެއެވެ. ލައިބްރަރީގެ ހަރުގަނޑަށް ފޮތް ދޫކޮށްލަންވާނީ އެކަން ރަނގަޅަށް އެނގިހުރެއެވެ. އަދި އެންމެން ފޮތް ނަގައިގެން ގެންގުޅޭނީ ފޮތަށް އެއްވަރަކަށް އިޙްތިރާމްކޮށްގެނެއް ނޫނެވެ.

ފޮތުގެ އެންމެ ވަރުގަދައީ ބޭރުގަނޑު ނޫންހެއްޔެވެ؟ ބޭރުގަނޑު އިރުނު ނަމަވެސް ކަންބޮޑުނުވެ ފޮތުން އެމީހާ ހިފަން ބޭނުން ހިފާނެ މީހުން ތިބޭނެއެވެ. ވީމާ އެކަމާ ފަހުން ރުޅި އައިނަމަވެސް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ފޮތުގެ ބޭރުން ކަވަރުލައި ރައްކައުތެރިކުރަންޖެހެނީ އެ ސަބަބަށްޓަކައެވެ.    

އިސްލާމް ދީނުގައި އަނބިންނަކީ ކަވަރުލައި ރައްކައުތެރިކޮށްގެން ގެންގުޅެން ޖެހޭ ބައެކެވެ. އަނބިންނަކީ ލައިބްރަރީގައި އެންމެން ކިޔަން ބަހައްޓާ ފޮތަކަށް ނުހަދާށެވެ. އެއީ މުޖުތަމައުތެރެއަށް ނެރެ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަން ޖެހޭ ބައެއް ނޫނެވެ. ރައްކައުތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް އެކަނި ނުފޮނުވާށެވެ. އަނބިމީހާގެ ރައްކައުތެރިކަން ކަށަވަރު ނުކުރެވޭ ތަނަކަށް ވަޒީފާ އަދާކުރަން ނަމަވެސް ފޮނުވުމެއް ނެތެވެ. 

ހަމައެއާއިއެކު އަނބިންވެސް ވިސްނަންޖެހޭ ކަމެއްވެއެވެ. އެގޮތުން އަނބިމީހާ ރައްކަތެރިކުރަން ފިރިމީހާ ކުރާ މަސައްކަތަކީ މިނިވަންކަމަށް އަޅާ ހުރަހެއްކަމުގައި ދެކެގެން ނުވާނެއެވެ. އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން އަޅާ ފިޔަވޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންވާނެއެވެ!   

ފިރިމީހާއަށް ލިބޭ އާމްދަނީން ނުފުދޭތީ ވަޒީފާއެއް އަދާކުރަންޖެހުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިކަމާއިއެކު ވަޒީފާއަދާކުރާށެވެ! ކުރާ ކަންކަން ފިރިމީހާއަށް ސިއްރުކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ވަންހަނާއެއް ނުކުރެވޭނެއެވެ. ބިރުގަންނަންވީ ފިރިމީހާއަކަށް ނޫނެވެ! ﷲ ތަޢާލާއަށެވެ! އާޚިރަތް ދުވަހަށެވެ! ނަރަކައިގެ އަލިފާނަށެވެ! 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

 

މިއަދު އޮންލައިން