ރަޙިމުގެ ގުޅުން ދެމެހެއްޓުންވަނީ ﷲ އަށް ބިރުވެތިވުމުގެ ތެރެއިން- ސަމާލުކަން އިތުރުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރަޙިމުގެ ގުޅުން ދެމެހެއްޓުންވަނީ ﷲ އަށް ބިރުވެތިވުމުގެ ތެރެއިން- ސަމާލުކަން އިތުރުކުރޭ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހުކުރު ދުވަހަކީ ރަޙިމުގެ ގުޅުން ބަދަހިކުރުމުގެ ދުވަހަކަށް ހަދާށެވެ! އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. ރަހިމުގެ ގުޅުން ކަނޑައިފިނަމަ އެމީހަކާއި ﷲ ތަޢާލާ ގުޅުން ކަނޑުއްވަވާނެކަން ވަޙީބަސްފުޅުން އެނގެން އެބައޮތެވެ. ވީމާ ރަޙިމުގެ ގުޅުން ދެމެހެއްޓުންވެސް ހިމެނިގެންދަނީ ހަމަ ﷲ ތަޢާލާއަށް ބިރުވެތިވުމުގެތެރެއިންނެވެ. ވީމާ އެއީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! ސަމާލުކަން އިތުރުކުޜާށެވެ! 

މިއަދަކީވެސް ހުކުރު ދުވަހެކެވެ. ހުކުރު ދުވަހުގެ އެންމެ ބޮޑު މަޤްޞަދަކަށްވާންވާނީ ﷲ ތަޢާލާއަށް ބިރުވެތިކަން އިތުރުކޮށް ތަޤްވާވެރިކަން އިތުރުކުރުމެވެ. ހުކުރު ދުވަހު ކުރަން ޚާއްޞަވެގެންވާ ކޮންމެ ކަމަކީވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާ އާއި ތިމާ އާއި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ ތަޤްވާވެރިކަން އިތުރުވެގެންދާނެ ކަންކަމެވެ. 

ހުކުރު ދުވަސް ފެށިގެން މިދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދު ކަމުގައިވާ ހުކުރުވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. އެއަށްފަހު ޛިކުރުކުރުން ގިނަކުރަމުއެވެ. ރަސޫލް ()ގެ މައްޗަށް ޞަލަވާތްކިޔެވުން ގިނަކުރަމުއެވެ. ޤުރްއާން ކިޔެވުން ގިނަކުރަމުއެވެ. މުސްލިމުން އެންމެ ގިނައިން ފާހަގަކުރާ ޢީދަކީ ހުކުރުނަމާދުކަމުގައި ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. 

އިންސާނާގެ ހުރިހާ ކުރިއެރުމާއި ކާމިޔާބީ ގުޅިފައިވަނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމާއިއެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ބިރުވެތިވުމަކީ ކުރަން ބުރަވެސް ކަމެކެވެ. އަދި ކުރަން ކިތަންމެހައިވެސް އުނދަގޫ ވެސް ކަމެކެވެ. ނަމަވެސް އެކަން ކޮށްފިނަމަ މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ގުނާ އަދަދު ނުކުރެވޭހައި ގިނަ ނިޢްމަތްތައް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން