ފާފަކުރުމަށް ދެވިހިފާފައި ތިބި އެތައް ބައަކު ދަނީ މި 2 ކަންތައްކޮށްގެން ކޮންމެ ދުވަހަކު ސަލާމަތްވަމުންނެވެ! ތިބާއަށް ނުވެވެންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ފާފަކުރުމަށް ދެވިހިފާފައި ތިބި އެތައް ބައަކު ދަނީ މި 2 ކަންތައްކޮށްގެން ކޮންމެ ދުވަހަކު ސަލާމަތްވަމުންނެވެ! ތިބާއަށް ނުވެވެންވީ ކީއްވެ؟

ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުން އެއްވެސް ޙާލެއްގައި ފާފަކުރުން ހުއްޓާނުލެވޭނެކަމަށް ނުވަތަ ފާފަކުރުމުން އެމީހުންނަށް ސަލާމަތްނުވެވިދާނެ ކަމަށް ހީވެސްކޮށްގެން ނުވާނެއެވެ. އެހެނީ އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ އެތައް ހާސް ބައަކު ފާފަކުރުން ހުއްޓާލައި އެމީހުގެ ފާފަކުރުމުގެ މާޒީއަށް އަލްވިދާޢުކިޔާ ދުވަހެކެވެ. އެކަމުގެ ބޮޑު އުފާވެރިކަން ލިބިގަންނަ ދުވަހެކެވެ. 

ފާފަކުރެވޭ ގިނަ މީހުންނަކީ ކުރެވޭ ފާފަ އިޙްޞާޞްކުރެވުމުން އެކަންކުރުން ހުއްޓާލައި އެކަމުން ސަލާމަތްވާން ބޭނުންވާ ބައެކެވެ. ނަމަވެސް ޝައިޠޯނާގެ ހުޝިޔާރުކަން ބޮޑުވެފަ، އަމިއްލަ ހަށީގައި ހިތްވަރު ނެތުމުން ސަލާމަތް ނުވެވެނީއެވެ. ވީމާ މިރޭ ބުނެދެނީ ފާފަކުރުމުން ސަލާމަތްވުމަށް ކުރެވިދާނެ އެހައި އުނދަގޫ ނޫން ދެކަމެކެވެ. 

ފާފަކުރެވޭ މީހުންނަށް ނުވަތަ ފާފަކުރަން ކިތަންމެ ބޮޑަކަށް ދެވިހިފާފައިތިބި ނަމަވެސް މީހުންނަށްވެސް އެކަމުން ސަލާމަތްވެވޭނެއެވެ. ބޭނުންވާނީ ހަމަހަމަ ކުޑަކުޑަ އިތުރު ހިތްވަރެކެވެ. 

އެފަދަ މީހުން ދެކަމެއް ކުރަން ޖެހޭނެ ކަމަށް ކުރިންވެސް ބުނީމެވެ. ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ފާފަކުރެވޭ ހާލަތާއި ފާފަކުރަން ޝައުޤްވެރިވާ ސަބަބު ހޯދުމެވެ. އެކަން އަމިއްލައަށް ނުކުރެވިދާނެއެވެ. އެހެންކަމުން ޢާއިލާގެ މީހުން ނުވަތަ އެކުވެރިންގެ އެހީތެރިކަންވެސް ހޯދިދާނެއެވެ. އަދި އިތުބާރުކުރެވޭ މުސްލިމް ނަފްސާނީ ޢިލްމުވެރިންގެ އެހީތެރިކަންވެސް ހޯދިދާނެއެވެ. 

މިސާލަކަށް އެއީ ވަކި މަންޒަރެއް ފެނުމުން ކަމަށްވާނަމަ އެފަދަ މަންޒަރުތައް ނުބަލާށެވެ. ވަކި ބައަކާއި އުޅެވުމުން ކަމަށްވާނަމަ އެބައަކާއިއެކު ނުއުޅޭށެވެ. އަތުގައި ފޯނުގެ ސަބަބުން ކަމަށްވާނަމަ އެކަނި ހުރެ ފޯނު ބޭނުން ކުރުމުގައި ސަމާލުވާށެވެ! މިފަދަ ކަންކަމުންވެސް ސަލާމަތް ނުވެވޭ ނަމަ އިތުބާރު ކުރެވޭ މުސްލިމް، ނަފްސާނީ ޢިލްމުވެރިއެއްގެ ލަފާ ހޯދާށެވެ! އަދި އިމާމުންގެ ލަފާ ހޯދާށެވެ! 

ހަމަ އެއާއިއެކު ގިނަގިނައިން ތައުބާވާ މީހަކަށްވާށެވެ! ކިތަންމެ ގިނައިން ނުވަތަ ގިނަ ފަހަރު ތައުބާވާން ޖެހުނު ނަމަވެސް ފަސްޖެހި ޖެހިލުންނުވާށެވެ! އަދި ލަދުގަތުމެއްވެސް ނެތެވެ. އެހެނީ ﷲ ތަޢާލާ 7 އުޑުމަތިން ވަޙީކުރައްވަވާފައިވަނީ ކތަންމެ ގިނަ ފާފަތަކެއް ކުރެވި ފާފަތަކުން ތަތްތެޅިފައިވީ މީހަކު ނަމަވެސް ފާފަ ފުއްސަވައި ދެއްވަވައިދެއްވެވުން އެދި ތިމަން ﷲ ގެ ޙަޟްރަތުގައި ދަންނަވައިފިނަމަ އެމީހަކަށް ޢަފޫކުރައްވަވާނެ ކަމަށެވެ! 

މީސްތަކުންނޭވެ! ޖެހިލުންވާންވީވެސް ލަދުގަންނަންވީވެސް ތައުބާ ނުވެ ހުރުމަށެވެ. އެހެނީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެ ނުގަންނަ ނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކީ ކުށްވެރިއެކެވެ. 

ޔަޤީންކުރާށެވެ! ގިނަގިނައިން ތައުބާވާނަމަ ފާފަ ކުރެވުމުން އެމީހަކަށް ސަލާމަތްވެވޭނެއެވެ. ﷲ ތަޢާލާ މަގު ދައްކަވާނެތެވެ! ވީމާ އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުން ގިނަ ކުރުމެވެ. ރޮއި ﷲ ތަޢާލާއަށް އާދޭސްކުރުން ގިނަކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން