ކައިވެނި ރޫޅުމަށްފަހު ބަހައްޓަންޖެހޭ ގުޅުން ރަނގަޅު ގޮތުގަ ބެހެއްޓުމަކީ ސުވަރުގެ ވަނުމަށް ވަރަށް ބޮޑަށް މަގުފަހިވާކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ކައިވެނި ރޫޅުމަށްފަހު ބަހައްޓަންޖެހޭ ގުޅުން ރަނގަޅު ގޮތުގަ ބެހެއްޓުމަކީ ސުވަރުގެ ވަނުމަށް ވަރަށް ބޮޑަށް މަގުފަހިވާކަމެއް!: މުފްތީ މެންކް

"އަޅުގަނޑުމެން ކައިވެނިކުރީ ވަރަށް ލޯބިން އުޅެފައެވެ. ނަމަވެސް ދުނިޔޭގައި ހިނގާ ހުރިހާ ކަމަކަށްވެސް ބަދަލުތައް އަންނަފަދައިން އަޅުގަނޑުމެންގެ ދެމެދުގައި އޮތް ގުޅުމަށްވެސް ބޮޑެތި ބަދަލުތައް އައިސް ކައިވެނި މިވަނީ ރޫޅިފައެވެ. އަޅުގަނޑުގެ ސުވާލަކީ ވަރިކުރީމަވެސް އޭނައާ ވާހަކަދައްކަން ޖެހޭނެތޯއެވެ؟" 

ކިޔުންތެރިޔާގެ ތިއަ ސުވާލަށް ތިރީގައިވާ ލިޔުމުން ރަނގަޅު ޖަވާބެއް ލިބިލައްވާނެ ކަމަށް ހީކުރަމެވެ. އެލިޔުން ވިދާޅުވުމަށްފަހުގައިވެސް ކަމެއް އޮޅުން ނުފިލާނަމ ސުވާލުކޮށްލައްވާށެވެ! ޖަވާބު ހޯދައިދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ 

ގިނަބައަކު ދެކެނީ ކައިވެނި ރޫޅުމުން ދެމީހުން ވާންޖެހޭނީ ދެހަތުރުންނަށް ކަމަށެވެ. އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އެކަކު އަނެކަކަށް ފެނި، ވާހަކަދައްކައި އެހީތެރިވެގެންވެސް ނުވާނެ ކަމަށެވެ. 

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ފުރަތަމަ ކަމަކީ ކައިވެނި ރޫޅޭއިރު ދަރިން ނެތުމުން ދެމީހުންގެ މެދުގައި އިތުރަށް ގުޅުން ބާއްވަން ޖެހޭނެ ސަބަބެއް ނެތްކަމަށް ބެލިނަމަވެސް ދެމީހުންނަކީ ހަތުރުން ކަމަށްވެގެން ނުވާނެއެވެ. ދެމީހުންވެސް ވާންޖެހޭނީ އެކަކު އަނެކަކަށް ހެޔޮ އެދޭ މީހަކަށެވެ. ހެޔޮދުޢާކުރާ މީހަކަށެވެ! 

ކައިވެނި ރޫޅުމަށްފަހު ކައިވެނީގައި މެދުވެރިވި ކަންކަން އެއީ މާޒީކަމަށް ހަދަންވާނެއެވެ! އެކަންކުރެވޭނީ އެކަކު އަނެކަކަށް މާފަށް އެދުމާއި އަދި މާފުކުރުމުންނެވެ. ލިބުނު ހިތްދަތިކަމަކީ ހަސަދައަކަށް ނުހަދާށެވެ! އެކަން ހިތުގައި ބާއްވައިގެން އުޅޭނަމަ އެކުރެވެނީ ފާފައެކެވެ. އަނިޔާއެއް ލިބިފައިވާނަމަ އެކަން ﷲ ތަޢާލާއަށް ދޫކޮށްލައި އަނިޔާއަށްވެސް މާފުކުރާށެވެ! އެއިރުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ 

ދެންއޮތީ ދަރިން ތިބިނަމައެވެ. ދަރިން ތިބިނަމަ ދަރިންގެ ކަންކަން ދެމީހުން ހިއްޞާކުރަންވާނެއެވެ. މަޗްވަރާކުރަންވާނެއެވެ. އެކެއްގެބޮލަށް ހުރިހާ ކަމެއް ޖަހައި ދޫކޮށްލައިގެން ނުވާނެއެވެ. އަދި ގިނަކުދިން ތިބެފައި ދެމީހުން ބަހައިގެން ކުދިން ބެލިނަމަވެސް ކުދިންގެ ކަންކަން ކުރަންވާނީ ދެމީހުން ރަނގަޅަށް މަޝްވަރާކޮށްގެންނެވެ. ދެމީހުން ގާތުގައި ތިބި ދަރިންގެ މެދުގައި ގުޅުން އުފައްދުވައި އެގުޅުން ދަމަހައްޓަންޖެހޭނެއެވެ. ކޮންމެ މީހަކު ބެލި ނަމަވެސް އެއީ ހަމަ އެއްބަނޑު އެއްބަފާކުދިންނެވެ. ދެމީހުންގެ ދަރިންނެވެ. 

ވަރިކުރުމަށްފަހު އަނެކާ ކައިވެނިކޮށްފިނަމަ ދަރިންގެ މައްސަލަތަކުގައިވެސް ދެމީހުން ވާހަކަދައްކަންވާނީ ހުއްދަ ހޯދައިގެންނެވެ. އެހެނީ ބައެއް ފަހަރު އެމީހާގެ އަނބިމީހާ އެހެން ފިރިހެނަކާ ދައްކަން ފިރިމީހާ ހުއްދަނުދީފާނެއެވެ. ވީމާ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ފިރިމީހާ މެދުވެރިކޮށްގެން ވާހަކަދައްކާށެވެ! ނޫންނަމަ ޢާއިލާގެ އިތުބާރުކުރެވޭ މީހަކު މެދުވެރިކުރާށެވެ! 

ހަމައެފަދައިން ދަރިން އެއްގެއިން އަނެއްގެއަށް ގެންދާނަމަ ދެމީހުން މަޝްވަރާކުރަންވާނެއެވެ. އެކަންކުރަންވާނީ ދެމީހުންނަށް އެއްބަސްވެވޭ ގޮތަކަށެވެ. 

މިގޮތަށް ކަންކަން ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ! މިގޮތަށް ކަންކަން ކުރުމުން އެމީޙަކަށް ލައްވަވާ ރަޙްމަތް އެހައި ބޮޑުވެގެންދަނީވެސް ިކަމުގެ ބުރަކަމުންނެވެ. އުނދަގޫކަންބޮޑުކަމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން