ދުލުން ޙަމަލާދެމުން އަތުން ފިރުމާ ފިރުމުމަކުން، ފޯރުކޮށްދޭ އެހީތެރިކަމަކުން ކުރާނެ ފައިދާއެއް ހަމަ ނެތް!: އެކޮޅުންދޭ ޙަމަލާތަކުން ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދުލުން ޙަމަލާދެމުން އަތުން ފިރުމާ ފިރުމުމަކުން، ފޯރުކޮށްދޭ އެހީތެރިކަމަކުން ކުރާނެ ފައިދާއެއް ހަމަ ނެތް!: އެކޮޅުންދޭ ޙަމަލާތަކުން ސަލާމަތެއް ނުވެވޭނެ!

ގެއަށް ދަމުން ދިއައީ އަނބިމީހާއަށް ބޭނުންވާނެ ތަކެއްޗާއި ދަރިންނަށް ބޭނުންވާނެ ތަކެތިވެސް ގަނެގެންނެވެ. އެއްޗެތި ލިބުމުން އެންމެން ތިބީ ވަރަށް އުފަލުންނެވެ. އެހެންތިއްބައި ހަދިޔާތައް ގެނައި މީހާގެ ދުލުން ކުއްލިއަކަށް އިވެން މިފަށަނީ ނުބައި ބަސްތަކެވެ. އަނެއްބައި ފަހަރު އެރޭ ނިދަންއެނދަށް އަރާފައި، ލޯބީގެ ވާހަކަތައް އަޑުއެހުމުގެ އިންތިޒާރުގައި އޮއްވެ އަޑުއަހަންޖެހެނީ ނުބައިބަސްތަކެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިގޮތަށް ކަންކަން ބަހައްޓައިގެން އުފާވެރިދިރިއުޅުމެއް ނުލިބޭނެ އެވެ. އަދި އާޚިރަތެއްވެސް ނުލިބޭނެއެވެ! 

ރަނގަޅަށް ވިސްނައި އަޑުއަހާށެވެ! ކިތަންމެ ބޮޑު ހިތްހަމަ ނުޖެހުމެއް އޮތް ނަމަވެސް ދަރިންގެ ކުރިމަތީގައި އެކަކުވެސް ނުބައިބަސްތައް ބުނެގެން ނުވާނެއެވެ! އެކުދިންނަށް އެއިރުން އެއީ ކުރަން ނުވާނެ ނުބައިކަމެއްކަން ޤަބޫލެއް ނުކުރެވޭނެއެވެ. ވީމާ އެއީ ދަރިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެކެވެ. 

އެހެނީ އެކުދިންގެ ކުރިމަތީގައި ނުބައިބަސްތައް ބުނަމުން ގެންދާނަމަ އެކުދިންނަށް ޤަަބޫލުކުރެވޭނީ ނުބައި ބަސްތައް ބުނުމަކީ ކުރަން އެންމެ ރަނގަޅުކަމެއް ކަމުގައެވެ. އެކަމުގައި އެއްވެސް ނުބައިކަމެއްވާކަމަށް ޤަބޫލެއްވެސް ނުކުރެވޭނެއެވެ. އެކަމުގެ ހެއްކަކީ މައިންބަފައިން އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނާ ގޭގޭގެ ކުދިން ރުޅިއައުމުން ގޭތެރޭގައިވެސް ސްކޫލުގައިވެސް އެހެންތަންތަނުގައިވެސް ނުބައި ބަސްތައް ބުނާކަމެވެ. ކޮންމެފަދަ ނުބައިބަހެއް ބުނަންވެސް ޖހިލުން ނުވާކަމެވެ! 

މީގެ އިތުރުން ރުޅިއަންނައިރަށް ނުބައިބަސްތައް ބުނާނަމަ އެމީހަކުކޮށްދޭ ހެޔޮ ކަންކަމުގެ އަގުވަޒަންކުރަންވެސް އުދަގޫވާނެއެވެ. ބަލައެއް ނުގަނެވޭނެއެވެ. އެމީހަކު ދެކެ ފޫހިވާނެއެވެ. ނަފްރަތުކުރެވޭނެއެވެ! 

އަދި ކީއްހެއްޔެވެ؟ އެއްވެސް މީހަކަށް ނުބައިބަސް ބުނުމަކީ އެބަސްތައް އެނބުރި ތިމާއާއި ދިމާއަށް އަންނާނެ ކަމެކެވެ. އެކަމުގެ ގެއްލުން ދުނިޔޭގައިވެސް ކުރާނެ ކަމެކެވެ. އެންމެ ގިނަބައަކަށް ދުނިޔޭގައި މުޞީބާތްތައް ކުރިމަތިވާ އެންމެ ބޮޑު އެއްސަބަބަކީ އެމީހާގެ ދުލުގެ ނުބައިކަމެވެ. އެހެން މީހުންނަށް ބުނެވޭ ނުބައި ބަސްތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން