މިއަދު މީހެއްގެ ގާތު ޙާލު ކިހިނެއްތޯ ސުވާކުރުމުން ޖަޖަވާބުގައި "އަލްޙަމްދުލިﷲ" އެވެ ބުނާ މީހުން ބުނަނީވެސް ވަރަށް ބޮޑަށް ކަންނެތްވެ ހުރެއެވެ. ދުލުގައި ވާގިވެސް ނުހުންނަހައި ވަރުބަލިކަމާއި ފޫހިކަމާއިއެކުގައެވެ.
އެހެން އެވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ހަމަ އެންމެ ސަބަބަކާއިހުރެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރި ނުވެވޭތީއެވެ؟ ދެއްވަވާފައިވާ ނިޢްމަތްތަކަށް ވިސްނައިވެސް ނުލެވޭތީއެވެ. ބޭނުންވާ އިތުރު ކަންކަން ގިނަވުމުގެ ސަބަބުންނެވެ.
މީސްތަކުންނޭވެ! ﷲ އަށް ޝުކުރުވެރިވުމަކީ އީމާންކަމުގެ އެންމެ މަތިވެރިދަރަޖައެވެ. އެހެނީ ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހާ އަޅުކަންކުރުން ގިނަކުރާނެއެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމާއި ދުރުހެލިވާނެއެވެ.
ޙަޤީޤަތަކީ މިއީކަމުގައިވުމުން ޝައިޠޯނާގެ އެންމެ ބޮޑު މަސައްކަތަކަށްވެފައި އޮންނަނީ މީސްތަކުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމާއި ދުރުކުރުވުމެވެ. ﷲ ދެއްވަވާ ނިޢްމަތްތަކަކީ އަމިއްލަ މަސައްކަތުން ލިބިގަންނަ ކަންކަންކަމަށް ޝައިޠޯނާ ވިސްނައިދިނުމެވެ.
އެކަމުގެ އެންމެ ބޮޑު ހެއްކަކީ މީހަކު މެދުވެރިކުރައްވަވައި ﷲ ތަޢާލާ ކިތަންމެ ބޮޑު އެހީތެރިކަމެއް ފޯރުކުރައްވަވައި ދެއްވެވި ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިނުވެވޭކަމެވެ. އެމީހަކަށް ޝުކުރުވެރިވެ އެމީހާއަށް އަޅުވެތިވެވޭކަމެވެ. ﷲ ތައާލާއަށް ޝުކުރުވެރިވެ ސަޖިދަކުރުމުގެ ބަދަލުގައި އެމީހަކަށް ސަޖިދަޖަހާ ޙާލަތަށް ކަންކަންދާކަމެވެ.
މީސްތަކުންނޭވެ! ޙައްޤުމަގުގައި ސާބިތުވާން އެދޭމީހާ، ތަޤްވާވެރިކަން އިތުރުކުރަން އެދޭމީހާ، އާޚިރަތުގެ ސަލާމަތްކަމަށް އެދޭމީހާ، އަދި ދުނިޔޭގައިވެސް އުފަލާއި ތަނަވަސްރަޙްމަތަށް އެދޭމީހާ ﷲ ތަޢާލާއަށް ޝުކުރުވެރިވުން ގިނަކުރާށެވެ. އެކަމަށް ކަންނެތް ނުވެ ފަރުވާތެރިވާށެވެ!
އަބަދުވެސް ޔަޤީންކުރަންވީ ކޮންމ ނިޢުމަތެއްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. މީހަކުމެދުވެރިކުރައްވަވައިގެންނަމަވެސް އަދި އެނޫންގޮތަކުންނަވެސް އެކަމަށް މަގުފަހިކޮށްދެއްވަވަނީ ﷲ ތަޢާލާ ކަމެވެ. އެއީ އެއްވެސް ޝަކެއް ނެތި ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭނެ ކަންކަމެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން