ސުވަރުގެ ހޯދަން ކުރަންޖެހޭ މަސައްކަތުގަ "ބިޒީ"ވާން ދުނިޔެއަށް ފޮނުއްވެވީމަ ދުނިޔެ ހޯދަން "ބިޒީ"ވެގެން ސުވަރުގެ ލިބޭނީ ކިހިނެއްތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ސުވަރުގެ ހޯދަން ކުރަންޖެހޭ މަސައްކަތުގަ "ބިޒީ"ވާން ދުނިޔެއަށް ފޮނުއްވެވީމަ ދުނިޔެ ހޯދަން "ބިޒީ"ވެގެން ސުވަރުގެ ލިބޭނީ ކިހިނެއްތަ؟:  މުފްތީ މެންކް

ގިނަ ބައަކު ބުނާ ގޮތުން އެމީހުންނަށް ފަރުޟު 5 ނަމާދު ނުކުރެވެނީ، ޚާއްޞަކޮށް ޖަމާއަތަށް ނަމާދަށް ނުދެވެނީ ހަމަ "ބިޒީ" ކަމުންނެވެ. އެފަދައިން ބުނާ ކޮންމެ މީހަކާއިވެސް ކުރަން އޮތް ސުވާލަކީ އެހައި "ބިޒީވެގެން" ތެޅި ފޮޅޭތީ ކުރަން އުޅޭ ހުރިހާ ކަމެއް ކުރެވިއްޖެ ހެއްޔެވެ؟ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވެގެން ތިއަ އުޅޭ ހުރިހާ އުފާތަކެއް ޙާޞިލުކުރެވިއްޖެ ހެއްޔެވެ؟

ޖަވާބުގައި އާނއެކެވެ ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެކަކުވެސް އެބަހުރި ހެއްޔެވެ؟ ނެތް ކަމާއި ނުހުންނާނެކަން ކަށްވަރެވެ. އެއީ ދުނިޔެ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ އެއްވެސް މީހެއްގެ ހިތް ދުވަހަކުވެސް ނުފުރޭނެތީއެވެ.  

މީހަކު ކަމެއް ކޮށްދީފިނަމަ ޝުކުރުވެރިވަމުއެވެ. ހެވިފައި ހުރެގެން 2،3 ފަހަރު ޝުކުރިއްޔާއެވެ. ބުނެފިނަމަ އެމީހަކު ހުންނާނީ އުފަލުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ހިނގަނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކީ ޝުކުރިއްޔާއެވެ ކިތަންމެ ގިނައިން ބުނުމަކުން އަދި ނުފުދޭކަމެވެ. ޝުކުރުވެރިވާކަން އަމަލުން ދައްކަން ޖެހެއެވެ. އަމަލުން ދައްކަން ކުރަން ޖެހޭ ކަމަކީ ފަރުޟު 5 ނަމާދު ފުރިހަމައަށް ކުރަމުން ގެންދިއުމެވެ.  

ކުއްޖާ ދުނިޔެއަށް އުފަންވުމާއިއެކު ކަންތައްތަކަށް ބޭނުންވާން ފަށައެވެ. ފުރަތަމަ ކޮޅު ހަމައެކަނި ބަނޑު ފުރިފައި ނިދައިލެވުމުން ފުދެއެވެ. ނަމަވެސް ބޮޑުވާވަރަކަށް ބޭނުންތައް ބޮޑެތިވެ ބޭނުންވާ ކަންތައްތައް އިތުރުވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.  

އެއްވެސް މީހަކު އެދޭ ހުރިހާ ކަމެއް މިދުނިޔޭގައި ފުއްދަވައި ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވައުދުވެވޮޑިގެންފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތުގައި ހަޔާތް ވޭތިކޮށް ސުވަރުގެ ހޯދައިފި މީހަކަށް ސުވަރުގެ ވަދެވުމުން އެމީހަކު އެދޭ ހުރިހާ ކަމެއް ޙާޞިލުވެގެންދާނެކަން ﷲ ތަޢާލާ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ.  

މީސްތަކުންނަށް މިއަދު އޮޅިގެން މިއުޅެނީ އެކަމެވެ. ސުވަރުގެ ބޭނުން ކަމަށް ބުނަމުން އެމީހުން މަސައްކަތްކުރަނީ ދުނިޔެ ހޯދާށެވެ. "ބިޒީ"ވަނީ ސުވަރުގެ ހޯދުމަކަށް ނޫނެވެ. ދުނިޔެ ހޯދުމަށެވެ. ހީކުރެވިގެން އުޅެނީ އެދޭ ހުރިހާ އުފާތަކާއި ބޭނުންތައް ދުނިޔެއިން ހޯދޭނެ ކަމަށެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅުނު ނަމަވެސް އެކަމެއް ނުވާނެއެވެ. އަބަދުވެސް ކޮންމެވެސް އެހެން މީހަކު ދާނީ ކުރިއަރަމުންނެވެ. އެމީހާ ފަހަތުން ދުވަމުން ގޮސް އަރައިހަމަކުރާތަނުން އެހެން މީހަކު މާކުރިއަށް އަރާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.  

ވީމާ ދުނިޔެ ފަހައި ދުވުން އަވަހަށް ހުއްޓައިލާށެވެ! އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއި ނުލައި ހިތަށް އަރުވައިލުމުން ހުރިހާ ނިޢްމަތްތަކެއް ލިބޭނެ ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ. މި ފެށޭ ރަމަޟާން މަހަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެވެ.  

ތަކުރާރުކޮށްލާނަމެވެ. މީހަކު ކަމެއްކޮށްދިނުމުން އެމީހަކަށް ޝުކުރުވެރިވުމުން އެމީހަކު ވެސް މަރުޙަބާ އެވެ ބުނާ ހިސާބުން އޮންނަނީ އެކަން ނިމިފައެވެ. ނަމަވެސް ﷲ ތަޢާލާގެ ހަޟްރަތުގައި އެކަންވެސް ތަފާތެވެ. މީހަކު ﷲ ތަޢާލާއަށް ޝުކުރުވެރިވެއްޖެ ނަމަ އެމީހަކަށްޓަކައި އެތައް ގިނަ ނިޢްމަތްތަކެއް މިންވަރު ކުރައްވަވަތެވެ. އެއީ ޤުރްއާނުން ޔަޤީންވާން އޮތް ކަމެކެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން