ކައްވަޅުގަ ނިދޭނެތަ؟ ނިދޭނީ ކޮންބައަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައްވަޅުގަ ނިދޭނެތަ؟ ނިދޭނީ ކޮންބައަކަށް؟

ދުނިޔޭގައި ކިތަންމެ ބޮޑު ތަކްލީފެއް އުފުލަންޖެހުނަސް ކައްވަޅުގައި އުފުލަންޖެހޭނެ ތަކްލީފްތަކާއި އަޅައިބަލައިފިނަމަ ދުނިޔޭގައި އުފުލަންޖެހުނު ތަކްލީފަކީ ޛައްރެއްގެ މިންވަރުކަމުގައިވެސް ނުވާނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގައި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި ނުވަތަ ކިތަންމެ ބޮޑު މުޞީބާތެއްގެ ތެރޭގައި އުޅެންޖެހުނު ނަމަވެސް ނިދައިލެވޭނެއެވެ. އަރާމުކޮށްލެވޭނެއެވެ. ކައްވަޅުގައި ނިދައިލެވޭނީ ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅަކަށެވެ. މާނައަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ އަންގަވާފައިވާ ގޮތަށް އުޅުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނު މީހަކަށެވެ. 

ކައްވަޅުގައި ނިދައިލެވޭނީ މަލާއިކަތުން އުފާވެރިކަމުގެ ޚަބަރު ދެއްވަވައި ތިބާ "ޤިޔާމަތާއި ހަމައަށް ނިދައިލާށޭ" ވިދާޅުވި މީހަކަށް ނޫނީ ނުނިދޭނެއެވެ. ކައްވަޅުގައި ޢަޛާބުލިބުން ޙައްޤު މީހަކަށްވެއްޖެނަމަ ޤިޔާމަތާއި ހަމައަށްވެސް އޮންނަންޖެހޭނީ ޢަޛާބުލިބިލިބިއެވެ. 

ކައްވަޅުގައި ނިދައިލެވުނު މީހުން، ޤިޔާމަތްވުމުން، ތާޅަފިލީގެ އަޑަށް ކައްވަޅުން ތެދުވާނީ އެމީހުންނަށް ނިދީން ހޭލަންޖެހުނުކަމަށްޓަކައި ޝަކުވާކުރަމުންނެވެ. އެހެނީ އެމީހުން ނިދާފައިތިބި ނަމަވެސް ތިބޭނީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައިކަމަށްވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިއަދު އުޅެމުން މިގެންދަނީ މިކަންކަމަށް ވިސްނައިލުމެއް ނެތިއެވެ. ކައްވަޅުގެ ޢަޛާބަށްވެސް އަދި ނަރަކައިގެ ޢަޛާބަށްވެސް ބިރެއް ނެތިއެވެ. ވިސްނާށެވެ! ﷲ ގެ ޢަޛާބުން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން