ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލު ބޭކަލުންނަށް ﷲ ތަޢާލާ ވަނީ ޚާއްޞަ ސިފަފުޅުތަކެއް ދެއްވާފައެވެ. އަދި އެއީ އެބޭކަލުން ދީނަށް ގޮވާލެއްވުމަށްޓަކައި ވަރަށް މުހިންމު ސިފަފުޅުތަކެކެވެ. އެހެންކަމުން އޭގެތެރެއިން ބައެއް ސިފަފުޅުތައް މިލިޔުމުގައި ހިމަނާލާނަމެވެ.
ތެދުވެރިކަން:
ނަބިއްޔުންނަށް ދެއްވާފައިވާ ސިފަތަކުގެ ތެރޭގައި ތެދުވެރިކަން ހިމެނެއެވެ. އަދި އެ ސިފަ މުހިއްމު ވަނީ ﷲ ތަޢާލާ ގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދޭށެވެ. އަދި ރަސޫލުކަމުގެ ކުރިން ވެސް އަދި ފަހުން ވެސް މި ސިފަ މުހިއްމުވެއެވެ. ﷲ ސުބްހާނަހު ވަތަޢާލާ ކީރިތި ޤުރުއާންގައި ނަބިއްޔުންގެ ތެދުވެރިކަން ބަޔާންކޮށް ދެއްވާފައިވެއެވެ.
وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ﴿٤١﴾ މާނައީ:" ކަލޭގެފާނު މިފޮތުން إبراهيم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު ނަބިއްޔަކު ކަމުގައިވިއެވެ. "
ރަސޫލްކަން ލިބިވަޑައިގަތުމުގެކުރިންވެސް ކީރިތި ރަސޫލާ މުޙައްމަދު ސައްލަ ﷲ ޢަލައިހި ވަސައްލަމަވެސް މީސްތަކުންގެ މެދުގައި އަމާނާތްތެރިއެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަތެވެ. އަދި މީސްތަކުންވަނީ އިތުރު ޞާޙިބާއަށް ތެދުވެރި އަމާނާތްތެރިޔާގެ ލަޤަބް އަރުވައިފައެވެ.
އަމާނާތްތެރިކަން:
ތެދުވެރިކަމާއެކީގައި އަމާނާތްތެރިކަމުގެ ސިފަ ނަބިއްޔުންގެ ކިބައިގައި ވެއެވެ. އަދި ނަބިއްޔުން ﷲގެ ރިސާލަތަށް ޙިޔާނާތްތެރިވެވަޑައިގަތުމަކީ މުސްތަޙީލު ކަމެކެވެ. މާނައަކީ ނުވާނެ ކަމެކެވެ.
ﷲ ސުބްހާނަހު ވަތަޢާލާ ކީރިތި ޤުރުއާން ގައި ވަހީ ކުރައްވާފައިވެއެވެ.
۞ يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿٦٧﴾
މާނައީ: "އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، كافر ވި މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. "
މިކަންކަމުން ޢިބްރަތް ލިބިގަތުމަކީ އަހުރެމެން ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ތެދުވެރި، އަމާނާތްތެރިއަކަށްވާންޖެހެއެވެ. މުސްލިމެއްގެ ގޮތުގައި ހުރެވޭނީ އެ ދެ ސިފަ އެމީހެއްގެ ގައިގައި ހުރެގެންނެވެ.
މީގެތެރޭގައި ﷲ ތަޢާލާއަށް ތެދުވެރިވުމާއި އަމިއްލަ ޢާއިލީ ދިރިއުޅުމުގައިވެސް ތެދުވެރިވުމާއި ތިމާއާއި ޙަވާލުކުރެވޭ ކޮންމެ މަސްއޫލިއްޔަތެއްގައާއި އަމާނާތްތަކަށް ތެދުވެރިވުންވެސް ހިމެނިގެންވެއެވެ.