ނަމާދު ވަޤުތު ޖެހުމުން ގޮވައިލެވޭ ބަންގި ބުނަނީ ކީކޭކަން އެބައެނގޭހެއްޔެވެ؟ ފުރަތަމަވެސް ގޮވައިލެވެނީ ﷲ އަކްބަރު އެވެ! މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ އަށެވެ.
އެއީ ކޮންކަމަކަށްވުރެ މަތިވެރިކަންހެއްޔެވެ؟ ޖަވާބަކީ ތިބާ ކުރަން ތިއައުޅޭ ހުރިކަމަށްވުރެންނެވެ. ވީމާ އެބުނެވެނީ ތިއަކުރަން އުޅޭ ހުރިހާ ކަމެއް ބަހައްޓާފައި އަވަހަށް ނަމާދަށް އަންނާށޭއެވެ. އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ އެސުވާލުގެ ޖަވާބުވެސް ހަމަ ބަންގިން ލިބިގެންދާނެއެވެ. ނަމާދަށް ދާންވީ ނަޞީބު ލިބިގަތުމަށްޓަކައެވެ. ތެދުވަގު ލިބިގަތުމަށްޓަކައެވެ.
އަދިކީއްހެއްޔެވެ؟ ތިމާކުރަން އުޅޭ ކަންކަން ކުރަން ފަސޭހަވެ ބަރަކާތްލެއްވެވުމަށްޓަކައެވެ. އެކަމުން ތިބާއަށް ހިތްހަމަޖެހުމާއި ފައިދާ ލިބިގަތުމަށްޓަކައެވެ. އެހެނީ މިފަދަ ހުރިހާ ކަންކަންވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ނޫނީ ނުލިބޭނެތީއެވެ.
ތިމާ ކުރަންއުޅެނީ ފައިދާ ލިބޭނެ މަސައްކަތެއްނަމަވެސް، އަދާކުރަން އުޅެނީ ޢާއިލީ ޒިންމާއެއްނަމަވެސް އެކަންކަން އިހަށް މަޑުޖައްސައިލާށެވެ. އަވަހަށް ބަންގިއަށް ޢިޖާބަދީ ނަމާދަށްދާށެވެ.
ޔަޤީންކުރާށެވެ! މިބުނި މަގުން ބަންގިއަށް ޢިޖާބަދީ ނަމާދަށް އަވަސްވެގަތުން އުނދަގޫކަމަކަށްވަނީ އެކަމުން ލިބޭނެ ފައިދާ ޤަބޫލުނުކުރެވޭތީއެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ލިބިގަންނަން މިއުޅެނީ އެންމެ ބޮޑު ފައިދާ ކަމާއި ކުރަން މިއުޅޭ ކަންކަން ކާމިޔާބުކުރެވުންވެސް ވަނީ ނަމާދުކުރުމުންކަމަށް ޔަޤީންކުރާށެވެ! އެގޮތަށް ޔަޤީންކޮށް ނަމާދުކުރަން ފެށުމުން އެއީ ކިރަން އުނދަގޫ ކަމަކަށް ނުވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން