ތިބާގެ އަޚާ މަގުފުރެދެން ދޫކޮށްނުލާ އިޞްލާޙުވޭތޯ މަސައްކަތް ނުކުރާނަމަ ތިބާއަކީ އޭނާއަށް ހެޔޮއެދޭ މީހެއް ނޫނެވެ! ދުޝްމިނެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިބާގެ އަޚާ މަގުފުރެދެން ދޫކޮށްނުލާ އިޞްލާޙުވޭތޯ މަސައްކަތް ނުކުރާނަމަ ތިބާއަކީ އޭނާއަށް ހެޔޮއެދޭ މީހެއް ނޫނެވެ! ދުޝްމިނެކެވެ!

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހިފިފައިވާ އެންމެ ނުބައިކަންބޮޑު އެއް އާދައަކީ ތިމާ ރުހޭ މީހަކު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް އެކަމަކަށް ރުހި، ތާއީދުކުރުމެވެ. އެކުރީ ރަނގަޅު ކަމެއް ކަމާއި އެކަން އެކުރީ ހަމަ ކުރަންވެގެންކަމަށް ޤަބޫލުކުރުމެވެ. އަދި އެނުބައިކަން ކުރިމީހާ ދިފާޢުކޮށް އެކަމުގައި ހައްދުފަހަނައަޅައިގޮސް އެމީހަކު އެކުރީ ރަނގަޅު ޢަމަލެއް ކަމަށް މީސްތަކުންނަށް ވިސްނައިދޭންވެސް އެބަ މަސައްކަތްކުރެއެވެ. 

ޙަޤީޤަތަކީ ކިތަންމެ ބޮޑަށް ހެޔޮއެދޭ، ކިތަންމެ ރުހޭ މީހަކު ނަމަވެސް ނުރަނގަޅު ކަމެއް، ޚާއްޞަކޮށް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ކޮށްފިނަމަ ތިއަކުރީ ކުށެއް ކަމަށް ބުނެ އެމީހަކަށް ނަޞޭޙަތްތެރިވެ އިޞްލާޙްކުރުވަން މަސައްކަތްކުރަންޖެހޭނެ ކަމެވެ. އެއީ ކިތަންމެ ތަނަވަސް، ކިތަންމެ މަތީ މަޤާމެއްލިބިފައިވާ ކިތަންމެ ބޮޑު ޢިއްޒަތްތެރިއެއް ނަމަވެސްމެއެވެ. 

އެހެން ނޫންނަމަ ތިބާވާނީ އެމީހާއަށް ހެޔޮއެދޭ މީހަކަށް ނޫނެވެ. ދުޝްމިނަކަށެވެ. 

އެހެންކަމުން ޑރ. އިޔާޟްގެ މިބަސްފުޅަކީ ކޮންމެ މުސްލިމަކުވެސް ވިސްނައިލުން މުހިންމު ބަސްފުޅެއްކަން ފާހަގަކުރެވެއެވެ. 

"ބުއްދި އަށްވުރެ ރުޅި އިސްނުކުރާށެވެ. ޖަޒްބާތުގައި ޖެހި ޙަޤީޤަތް އޮޅުވާލާ ދޮގު ވާހަކަ ފަތުރަން ނޫޅޭށެވެ. ތިމާ ކުރާކަންތަކާއި ބުނާބަސްތައް ލިޔެވެމުންދެއެވެ. އެއްވެސް އެހީތެރިޔަކު ނުވާ ދުވަހެއްގައި އެކަންކަމާ ސުވާލު ކުރެވި ޖަވާބުދޭންޖެހޭނެއެވެ. އެދުވަހުން ދޮގެއް ނުހެދޭނެއެވެ.  

އެދުވަހަކީ ތިމާގެ ގުނަވަންތައް ހެކިބަސްދޭނޭ ދުވަހެވެ. ތިބާގެ އަޚާ މަގުފުރެދެން ދޫކޮށްނުލާ އިޞްލާޙުވޭތޯ މަސައްކަތް ކުރާށެވެ. ހެޔޮއެދުމަކީ އެއީ އެވެ." 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން