އަލިފާނުގެ ޙާދިސާއަކުންވިޔަސް ކަނޑުވުންފަދަ ޙާދިސާޢަކުންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް މުދަލަށް ގެއްލުން ލިބި، ގެދޮރުއަނދައި އުޅަނދުފަހަރު ކަނޑުވުން ފަދަ ކަމަކާއި ގުޅިގެން ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަކީ ﷲ ގެ އަމުރުފުޅެވެ.
އެޒަމާނަކީ ޖީއެސްޓީ އާއި އެނޫންވެސް ތަފާތު ރީތި ނަންތައް ކިޔައިގެން ރައްޔިތުންގެ އަތުން ޓެކްސް ނެގި ޒަމާނެއް ނޫނެވެ. ޓެކްސްއެއްގެ ގޮތުގައި ނަގަނީ ﷲ ފަރުޟުކުރެއްވެވި މުދަލު ޒަކާތެވެ. މުދަލުޒަކާތް ބަހަންވީ މީހުން ނުވަތަ ބައިތައް ވެސް ﷲ ވަނީ އަންގަވައިފައެވެ. އެއިގެ ތެރޭގައި މިބަޔާންކުރި ފަދަ ކަންކަމުގެ ސަބަބުން ދަތިޙާލުގައި ޖެހޭ މީހުން ހިމެނެއެވެ.
ވީމާ އިއްޔެ ހިނގި އަލިފާނުގެ ޙާދިސާގައި ސަރުކާރުގެ މުވައްޒިފުންތަކެއް ދިރިއުޅެން ސަރުކާރުން ދީފައި ހުރިތަން އަނދައި ދިއުމުން އެމީހުން ނިދާނެ ވަގުތީ ބޯހިޔާވަހިކަމެއް ކޮށްދިނުމަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ވެރިކަމުގެ ފަރާތުން ކުރުން މަޖުބޫރުވެގެންވާ ކަމެކެވެ. އެފަދަ ދެރަގޮތެއް ޢާންމުންގެ ބައަކަށް ނުވަތަ މީހަކަށް ކުރިމަތިވިނަމަވެސް ބޯހިޔާވަހިކަންފޯރުކޮށްދީ އަދި ކައިބޮއިހެދޭނެގޮތް ހަމަޖައްސައިދިނުމަކީ، ކާނެ ތަކެތި ދިނުމަކީ ދައުލަތަށް ކުރަން ޖެހޭނެ ކަމެކެވެ.