ބައިވެރިޔާއަށްވިޔަސް އެހެންމީހަކަށްވިޔަސް މާފުކުރަން ދެކޮޅުހަދައި ރުޅިގަދަކުރާ މީހުން އެނަގައިލަނީ ސުވަރުގޭގެ އަހުލުވެރިންގެ ސިފައެއްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބައިވެރިޔާއަށްވިޔަސް އެހެންމީހަކަށްވިޔަސް މާފުކުރަން ދެކޮޅުހަދައި ރުޅިގަދަކުރާ މީހުން އެނަގައިލަނީ ސުވަރުގޭގެ އަހުލުވެރިންގެ ސިފައެއްކަން ޤުރްއާނުން-

ރުޅިއަކީ އިންސާނާގެ ޙަލާކުކަމުގައި ބުނެވެނީ ރުޅި ކޮންޓްރޯލްނުކުރެވޭ، މީސްތަކުންނަށް މާފުނުކުރާ މީހުންނަށް އެންމެން ނަފްރަތުކުރާތީއެވެ. އެންމެންގެ ނަފްރަތު ލިބުމުގެ ނަތީޖާއެއްގެ ގޮތުން އެމީހަކަސް މިދުނިޔޭގައިވެސް ބޮޑެތި ގެއްލުންތައް ލިބިގެންދާތީއެވެ.

އެއިގެ ތެރޭގައި ޒަޔާޖީޙަޔާތުގައި ދެމިނުހުރެވުން، ވަފާތެރިކަމާއިއެކު ަމސައްކަތްކޮށްދޭނެ މީހުން ނުލިބުން ފަދަ އެތައް ކަމެއް އެމީހަކަށް ކުރިމަތިވެގެންދާނެއެވެ. ރުޅި ކިތަންމެ ގަދަނަމަވެސް ތަނަވަސްކަން ހުރިނަމަ އެމީހެއްގެ ގާތުގައި ޚާދިމުން ތިބެދާނެއެވެ. ނަމަވެސް ޚާދިމުންގެ ކިބައިން ހެޔޮބަހެއް، ހެޔޮދުޢާއެއް ނުލިބޭނެއެވެ. އިޚްލާޞްތެރިއެއްވެސް ނުވާނެއެވެ.

ސުވަރުގެވަންތަވެރިންގެ ސިފަތައް ބަޔާންކުރައްވަވައި ވަހީކުރައްވަވާފައިވެއެވެ.:

"އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، ފާޙިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބައެކެވެ.": (އައްޝޫރާ: 37)

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލް ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްޞާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް އިމްރާމް: 134)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރުޅިއަކީ އިންސާނާގެ އެންމެ ބޮޑު އެއް ދުޝްމިނެވެ. އެންމެ ފަސޭހައިން މީހާ ނަރަކައަށް އެއްލައިލެވޭ އެއް ހަތުރެވެ. އެހެނީ ރުޅި މަތަނުކުރެވިގެންގޮސް މީހުންނަށް ބޮޑެތި ޖިސްމާނީ އަނިޔާތައް އެބަ ކުރެވެއެވެ. މީހުން ޤަތުލުކުރެވެއެވެ. މީހުން ފަޟީޙަތްކުރެވެއެވެ. މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ދެވެއެވެ. އެކަންކަމަށް ޤިޔާމަތް ދުވަހު ބަދަލުދޭންޖެހެއެވެ. ﷲ ތަޢާލާ ޢަޛާބުވެސް ދެއްވަވަތެވެ!

އެމީހެއްގެ ބައިވެރިޔާއަކީ ރުޅިގަދަ މީހެއްނަމަ، ވަޒީފާއަދާކުރަނީ ރުޅިގަދަ މީހެއްގެ ގާތުގައިނަމަ، އަދި އެކުވެރިންގެ ތެރޭގައި ރުޅިގަދަ މީހުން ތިބިނަމަ ﷲ ތަޢާލާގެ މި 2 ޢާޔަތް އެމީހުންނާއި ޙިއްޞާކުރާށެވެ. ރުޅި މަތަކޮށް ސުވަރުގޭގެ އަހުލުވެރިންގެ ސިފަލިބިގަތުމަށް އަހުރެން މިކުރާ އާދޭސްވެސް ޙިއްޞާކުރާށެވެ! ﷲ ތަޢާލާ ހެޔޮ ގޮތްތައް އެމީހުންނަށް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން