ހަސަދަވެރިންގެ ހަސަދައާ އެމީހުންގެ އެސްފީނާއާ އަދި އެމީހުން ހަދާ ސިހުރުވެސް އަނބުރާ އެމީހަކަށް ފޮނުވައިލެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ހަސަދަވެރިންގެ ހަސަދައާ އެމީހުންގެ އެސްފީނާއާ އަދި އެމީހުން ހަދާ ސިހުރުވެސް އަނބުރާ އެމީހަކަށް ފޮނުވައިލެވޭނެ މަގު-

އިންސާނުންނަށް އެންމެ ބޮޑެތި ގެއްލުންތައް ލިބެމުންދަނީ ހަތިޔާރުން ދޭ ޙަމަލާތަކަކުންނޫނެވެ. ހަސަދަވެރިން ހަދާ ސިޙުރާއި ލާއެސްފީނާ އާއި ހަދާ ސިޙުރުގެ ސަބަބުން ލިބޭ ގެއްލުންތައް ބާބޮޑެވެ. އެހެން މިބުނަނީ ހަތިޔާރުން ހަމަލާދިނީމާ މަރުވިނަމަވެސް އެދެވުނީ ﷲ ގެ ތަނަވަސް ރަޙްމަތަށެވެ. އިން ޝާ ﷲ ނަމަވެސް މިބުނި ކަންކަމުގެ ސަބަބުން ބޮޑެތި މުޞީބާތްތައް ކުރިމަތިވެ މުޅި ޢުމުރުވެސް އެކަމުގައި ހޭދަކުރަން އެބަޖެހެއެވެ.

އަހަރެމެންގެ އެންމެގާތުގައާއި ވަށައިގެން މިވަނީ ހަސަދަވެރިންނެވެ. ކެނޑިނޭޅީ އެގެންދަނީ ގެއްލުންދޭން މަސައްކަތްކުރަމުންނެވެ. ދުރުގައި ތިބޭ މީހުން އެކަންޏެއް ނޫނެވެ. އެންމެ ގާތް މީހުންގެ ގޮތުގައި ތިބެގެންވެސްމެއެވެ. ޢާއިލާގެ ތެރެއިންވެސްމެއެވެ. ދިރިއުޅޭގޭތެރެއިންވެސްމެއެވެ.

އެކަން އެނގޭއިރު އޮތީ ދިފާޢުވާން މަސައްކަތްކުރުމެވެ. އެކަމަށް އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ ޛިކުރުކުރުމެވެ. ހެނދުނާއި ހަވީރުގެ ޛިކްރްތައް ކިޔެވުން ގިނަ ކުރުމަކީ ތިމާއަށް ގެއްލުންދޭން ރާވާ، ނުވަތަ ހަސަދަވެރިވެގެން އުޅޭ މީހުން ކުރާ ނުބައި ކަންކަމާއި ހަސަދައާއި އެސްފީނާ އާއި ހަދާސިހުރާއި ރާވާ ނުބައި ރޭވުންތައް އަނބުރައި އެމީހުންނަށް ރައްދުކުރެވިގެން ހިނގައިދާނެ ކަމެކެވެ.

އެކަން ބަޔާންކުރައްވައި އިމާމް އިބްން ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. "ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ މިސާލަކީ އައްޑަނައެއްގެ މިސާލެވެ. އައްޑަނަ ވަރުގަދަވި ވަރަކަށް ޖިސްމަށް ލިއްބައިދޭ ރައްކައުތެރިކަންވެސް ބޮޑުވާނެއެވެ. އަދި ބައެއް ފަހަރު އައްޑަނައިގެ ފުރިހަމަކަމުން ތީރު އުކި މީހާ އާ ދިމާއަށް އަނބުރާ ހަމަލާ އަންނަ ފަދަ އައްޑަނަ އަކަށްވެސް އެ އައްޑަނަ ވެދާނެއެވެ.!"

ޛިކްރްކުރުމަކީ ހަމައެކަނި އަމިއްލަ ހަށިގަނޑުގެ ދިފާޢުގައި ކުރަން އޮތް ކަމެއް ނޫނެވެ. ޛިކްރްކުރުމަކީ އެކަމުގެ ސަބަބުން ގިނަ ގުނަ ސަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ. ހެޔޮކަން އިންތިހާއަށް ބޮޑު އަމަލެކެވެ. ވީމާ ޛިކްރް ކުރުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފައިދާ ބޮޑު އެއް އަމަލެވެ. ނަމަވެސް ހިތާމައަކީ ނަމާދުކުރާ މީހުންގެ ތެރެއިންވެސް މަދު މީހަކަށް ނޫނީ ޛިކްރްކޮށްލަން 10 ވަރަކަށް މިނިޓް މަޑުކޮށް ނުލެވޭ ކަމެވެ.

ޛިކްރް ކުރުމަށް ލޯބި ޖެހުމުން ޛިކްރްކުރުންމަތީގައި ދެމިހުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. އެހެނީ ޛިކްރްކުރުމަށް ކިޔަން ހުރި ކަލިމަ ތަކަކީ ވަރަށް ކުދިކުދި ދޫމައްޗަށް ވަރަށް ފަސޭހަ ބަސްތަކެކެވެ. އަބަދު ކިޔައި އުޅޭ ކަލިތަކެކެވެ. ކުރަން ޖެހޭ ހަމައެކަނި ކަމަކީ އެކަމަށް ޝައުޤްވެރިވުމެވެ. ޝައުޤްވެރިވެވިއްޖެނަމަ ކޮންމެ މަސައްކަތެއްގައި އުޅުނު ނަމަވެސް ޛިކްރްކުރުންމަތީގައި ދެމހުރުމަކީ ނުހަނު ފަސޭހަ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން