މިއީ ދިވެހި ޖީލް ނަރަކައިން ސަލާމަތްކުރަން މުސްލިމުން ކެރިގެން ކުރިމަތިލާންވީ ވަޤުތު! ފޭލްވެއްޖެނަމަ އާޚިރަތް ގެއްލިގެން ހިނގައިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
މިއީ ދިވެހި ޖީލް ނަރަކައިން ސަލާމަތްކުރަން މުސްލިމުން ކެރިގެން ކުރިމަތިލާންވީ ވަޤުތު! ފޭލްވެއްޖެނަމަ އާޚިރަތް ގެއްލިގެން ހިނގައިދާނެ!

މީގެ 6 އަކަ އަހަރުކުރިން މިވާހަކަތައް ދައްކަން ފެށުނުއިރު ރާއްޖޭގައި އެންމެ ބޮޑު މައްސައަކަށްވެފައި އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މައްސލައެވެ. އެމައްސލަ ހެދި ބޮޑުވަމުން އައިސް މިއަދު ރާއްޖޭގައި އެގެންދަނީ ފައުޅުގައި އެހެންދީންތަކަށް އަޅުކަންކުރަމުންނެވެ. 

އެހެން ދީންތަކުގެ ކަލާނގެތައް ހިފައިގެން މަގުތަކަށް ނުކުމެވެސް އަޅުކަންކުރަނީއެވެ. ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިންގަން ފެށުމުގެ ރަސްމިއްޔާތުތައްވެސް އެހެން ދީންތަކަށް އަޅުކަންކުރަން ފެށުމުން އިފްތިތާޙްކުރަން ފަށައިފިއެވެ. ފައުޅުގައި ޝިރުކު ފަތުރަން ސަރުކާރުން ކުރިމަތިލައި އެކަންކުރަން ފަށައިފިއެވެ. 

ވީމާ ކުރިން ބައަކު ފަރުދީ ފެންވަރުގައި ބުނަމުން އައިބަސްތައް މިއަދު މިވަނީ ޢަމަލީ ގޮތުން ތަންފީޒުކުރަން ފަށައިފައެވެ. އެންމެ ބޮޑު ބިރުވެރިކަމެއް ލިބިގެންދަނީ ސަރުކާރުން އެކަންކަން ކުރާތީއެވެ. ކަނޑައެޅިގެން ޙަރާމް ކަންކަން ހުއްދަކޮށް ސަރުކާރުން މިއަދު އެގެންދަނީ ފައުޅުގައި އިޢުލާނުކުރަމުންނެވެ. އާދައިގެ ތަންތަނަކުން ނޫނެވެ. ޤާނޫނުތަކުގެ ބެލެނިވެރި އޭޖީ އޮފީހުންނެވެ. 

ވީމާ މިއަދުނޫހުގައި މީގެ 6، 3 އަހަރުކުރިން މިކަމާއި ގުޅިގެން ލިޔެފައިވާ ބައެއް ލިޔުން އަލުން ހާމަކޮށްލަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. 

މިއީ ރައްޔިތުން އެކުގަ އިސްލާމް ދީނަށް ނަޞްރުދޭން ކުރިމަތިލާންވީ ދުވަސް! 

މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅި އެއްބައެއްގެ ގޮތުގައި ނުކުމެ އިސްލާމް ދީނަށް ނަޞްރުދޭން މަސައްކަތްކުރަންވީ ވަގުތެވެ! ﷲ އެކަލާނގެ ދީން ޙިމާޔަތްކުރައްވަވާނެކަން އެނގެން އޮތުމަކީ އިސްލާމްދީނުގެ ޙިމާޔަތުގައި މަސައްކަތްނުކޮށް އަތްއުރާލައިގެން ތިބެން ޖެހެންވީ ސަބަބެއް ނޫނެވެ. 

ކޮންމެ މީހަކީވެސް އެމީހަކު ޢަމަލުކުރި ގޮތާއި ކުރި ކަންކަމާއިބެހޭ ގޮތުން ސުވާލުކުރެވޭނެ މީހެކެވެ. އެއިގެ ތެރޭގައި ﷲ ގެ ދީން ޙިމާޔަތްކޮށް ނަޞްރުދީ މަތިވެރިކުރަން ކުރި މަސައްކަތްތައްވެސް ހިމެނޭނެއެވެ. އެމީހާގެ ކުރިމަތީގައި ބައަކު އިސްލާމް ދީން ނިކަމެތިކުރަމުން ގެންދާއިރު އެކަން ހުއްޓުވަން ކުރި މަސައްކަތަކާއިބެހޭ ގޮތުން ސުވާލުކުރެވޭނެކަން އެއީ ހަމަ ޔަޤީންކަމެކެވެ. 

މިއީ މިދަރުސް އަލުން މުރާޖާ ކޮށްލަންވީ ވަގުތެވެ! 

މީހަކު ދެކެ ރުޅިއަންނަން ޖެހޭނީ ވެސް އަދި ލޯބިވާން ވާނީ ވެސް ﷲ ތަޢާލާއަށްޓަކައި އެކަންޏެވެ. އެއްވެސް ހާލެއްގައި ދުނިޔަވީ އެއްވެސް މަޞަލަހަތަކަށްޓަކައި މީހަކު ދެކެ ރުޅިއައިސްގެން ވެސް ނުވާނެއެވެ. އަދި ލޯބިވެސް ވެގެން ނުވާނެއެވެ. 

އިސްލާމް ދީނަށް އުނިކަމެއް އަތުވެދާނެ ކަމެއް އެއްވެސް މީހަކު ކުރާނަމަ އެމީހަކު ދެކެ ކޮންމެ މީހަކުވެސް ރުޅިއަންނަން ޖެހޭނެއެވެ. އިސްލާމީ މުޖުތަމައުއަށް ގެއްލުން ލިބިދާނެ ފަދަ ކަމެއް ކުރާނަމަ ވެސް ރުޅިއަންނަން ޖެހޭނެއެވެ. އެމީހެއްގެ ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް އޮތްނަމަ އިސްލާމް ދީނަށް، ﷲ ތަޢާލާގެ ފޮތާއިމެދުގައި ނުބައި ބަސްތައް ބުނާ އަޑު އިވޭ ހިނދުގައި ރުޅި އަންނަން ޖެހޭނެއެވެ. 

މީހަކު ނުބައިކަމެއް ކުރާތަން ފެނިއްޖެނަމަ އަތުން އެކަން ހުއްޓުވުމުގެ ބާރުލިބިގެންވާ މީހާ އަތުން އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެއެވެ. އަތުން ހުއްޓުވުމުގެ ޤާބިލުކަން ނެތްނަމަ ދުލުން ބުނެގެން އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެއެވެ. ދުލުން ބުނުމުގެ ކުޅަދާނަކަން ލިބިފައި ނުވާނަމަ ހިތުން އެކަން ކުށްވެރިކުރަން ޖެހޭނެއެވެ. 

ކޮންމެ މީހަކުވެސް ވާންވާނީ އިސްލާމް ދީނަށް ނަޞްރުދީ އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރާ މީހަކަށެވެ. އެއީ ކޮންމެ މުސލިމެއްގެ މައްޗަށްވެސް އޮތް ދީނީ ވާޖިބެކެވެ. އަދާކުރަންޖެހޭނެ މަސްއޫލިއްޔަތެކެވެ. 

ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަލީ ޒައިދު ދެއްވި ދަރުސުން 

ޝައިޚް ޢަލީ ޒައިދު މީގެ 6 އަހަރުކުރިން މިމޭރުމުން ވިދާޅުވިއިރުވެސް ހަމަ މިހާރުވެސް ހަމަ މި ދިވެހިރާއްޖޭގައި އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި އެތައް ކަމެއް ކުރަމުން އެބަގެންދެއެވެ. އިސްލާމް ދީނުގެ ޙުކުމްތަކާއި އުޞޫލުތަކަށް އެބަ ފުރައްސާރަ ކުރެއެވެ. އެކަންކަމުގެ ސަބަބުން ޢަޤީދާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް އެފަދަ ކަމެއް ކުރަނިކޮށް ފެނުނު ނަމަވެސް އެކަމާއިމެދު އަޅައިލަނީ ވަރަށް މަދު މީހެކެވެ. އެކަންކަން ހުއްޓުވަން ޖެހޭ ދައުލަތުގެ މުއައްސަސާތަކަށްވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވޭތަނެއް ނުފެނެއެވެ.

 

 

 

މިއަދު އޮންލައިން