ހެޔޮޢަމަލުތައް ކުރުމަށްފަހު ތިމާގެ އަތުގެ އިނގިލަތުކުން އެޢަމަލުތައް ފުހެލައިގެން ނިދީމާ ޤިޔާމަތް ދުވަހު މީޒާނުގަ ކިރަން ލިބޭނީ ކޮން ހެޔޮކަމެއް؟: ވައްހާޖް ތަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ހެޔޮޢަމަލުތައް ކުރުމަށްފަހު ތިމާގެ އަތުގެ އިނގިލަތުކުން އެޢަމަލުތައް ފުހެލައިގެން ނިދީމާ ޤިޔާމަތް ދުވަހު މީޒާނުގަ ކިރަން ލިބޭނީ ކޮން ހެޔޮކަމެއް؟: ވައްހާޖް ތަރިން

ކޮންމެ މީހެއްގެ ދެކޮނޑުގައި ތިއްބަވާ ދެމަލާއިކަތުން އެމީހަކު ކުރާހައި ކަންކަން ލިޔުއްވަވަތެވެ. ހެޔޮކަމެއް ކުރިނަމަވެސް އަދި ނުބައިކަމެއް ކުރިނަމަވެސްމެއެވެ. ދުވަސް ނިމިގެންދާއިރު އެދުވަހު ކުރެވުނު ހެޔޮ ޢަމަލުތަކަށްވުރެ ނުބައި ޢަމަލުތައް ގިނަވެއްޖެނަމަ އެދުވަހަކު ކުރެވުނު ހެޔޮ ޢަމަލުތައް އެދިއައީ ފުހެވިގެންކަމަށް ބަލަމާހިނގާށެވެ! އެހެނީ އެއިރުން ބުރަވާނީ ނުބައި ޢަމަލުތަކުގެ ފަތަށެވެ.

މިކަން މިހެން ދިމާވާ ސަބަބުތަކަށް ވިސްނާލަމާހިނގާށެވެ! ދުނިޔޭގައި ތިބެ އެކަމަށް ނުވިސްނައިފިނަމަ ޤިޔާމަތް ދުވަހު ޙިސާބު ބައްލަވާ ވަޤުތުގައި ލިބިގެންދާނީ ބޮޑު ޙައިރާންކަމެކެވެ. 

އިބިލީސް އެންމެ އުފާކުރާނެ އެއްކަމަކީ ހެޔޮ އަމަލުކުރާ މީހުންނަށްވެސް ޤިޔާމަތް ދުވަހު ހުސްއަތާ ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހުމެވެ. ގެންދާނެ ހެޔޮ އަމަލެއް ނެތުމެވެ. ގެންދާނެ ހެޔޮ އަމަލެއް އަތުގައި ނެތް ނަމަވެސް ފާފަ ނެތިއެއް ނުދާނެއެވެ. ކޮންމެ މީހެއްގެ ވެސް ފާފަތަކެއް ހުންނާނެއެވެ. އެހެންވެ އިބިލީސް އަބަދުވެސް މަސައްކަތްކުރަނީ ވީހައި ގިނަ ބައަކު ހުސްއަތާ މަޙްޝަރުގެ ބިމަށް ދާންޖެއްސުވޭތޯއެވެ! 

އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އިބިލީހަށް ވަރަށް ލުއިވެއްޖެއެވެ. އަހަރެމެންނަކީ އެކަނިވާ ވަގުތުގައިވެސް އަހަރެމެންނަށް ކުރެވިފައިވާ ހެޔޮ އަމަލުތައް އަހަރެމެންގެ އަމިއްލަ އަތުގެ އިނގިލިތަކުން ފުހެލަމުން ގެންދާ ބައަކަށް ވުމުންނެވެ.  

ގެއަށް ވަދެ ހަމަ ޖެހިލުމަށްފަހު އިށީންނަނީ ޓީވީ ކުރިމަތީގައެވެ. ރިމޯޓް ނަގައި ފިތްތަކަށް ފިތާލުމަށްފަހު ބަލަނީ ބެލުން ޙަރާމް ކުރެއްވެވި ކަންކަމެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވާތަނާއި އެހެން ދީންތަކަށް އަޅުކަންކުރާ ތަނެވެ. އަޑުއަހަނީ މިޔުޒިކެވެ. 

ދެން ވަންނަނީ ކޮޓަރިއަށެވެ. ކޮޓަރީގައި އެކަނިވުމަށްފަހު ލެޕްޓޮޕް ހުޅުވައިގެން ބަލަނީ އަދި މާގޯސް މަންޒަރުތަކެވެ. ކަނޑައެޅިގެން ބެލުން ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ މަންޒަރުތަކެވެ. އެވަރުން ފުދެނީއެއް ނޫނެވެ. ނިދެންދެން އޮންނަނީ ފޯނުން އެފަދަ މަންޒަރުތައް ބަލާށެވެ. ފިލްމްތަކާއި ފޮޓޯތަކެވެ. ދައްކަނީ ޙަރާމް ވާހަތަކެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމައެދުވަހު ތިބާ ނަމާދުކުރިކަމަށްވެސް ވެދާނެއެވެ! ޞަދަޤާތްދީ އެނޫންވެސް ހެޔޮ އަމަލުތައްވެސް ކުރި ކަމަށްވެދާނެއެވެ. ނަމަވެސް ދުވަސް ނިމިގެން މިދިއައީ ކިހިނެއްހެއްޔެވެ؟ ކުރި ހުރިހާ ހެޔޮ އަމަލުތަކެއް އެމީހެއްގެ އަމިއްލަ އަތުން ޑިލީޓްކޮށްގެން ނޫން ހެއްޔެވެ؟ ތިބާ ކޮޓަރީގައި އޮތީ އެކަނި ކަމަށްވެދާނެއެވެ. ނަމަވެސް ތިބާގެ އަމަލުތައް ލިޔުއްވަވާ މަލާއިކަތުން އެބޭކަލުންގެ މަސައްކަތްތައް ބަރާބަރަށް ކުރައްވަމުން ގެންދަވާނެއެވެ. ބެލިހައި ތަނަކާއި އަޑު އެހިހައި އެއްޗަކާއި ދެއްކި ވާހަކަތަކެއް ހަމަ ބަރާބަރަށް ލިޔުއްވަމުން ގެންދަވާނެއެވެ. އަދި ތިބާ އެހުރިހާ ކަމެއް ކުރަމުން ގެންދިއައިރު ﷲ ތަޢާލާ ހަމަވަގުތުން އައްސަވައި ވޮޑިގެން އަދި ބައްލަވައި ވޮޑިގެންވެއެވެ. ވީމާ އެއްވެސް މީހަކަށް އެކަހެރިވެވޭ ވަގުތު ތިމާއަށް މިހުރެވެނީ އެކަނި ކަމަށް ހީނުކުރާށެވެ!  

ކިތަންމެ ގިނައިން ހެޔޮ ޢަމަލުތައް ކުރިނަމަވެސް ހުސްއަތާ މަޙްޝަރަށް ދާންޖެހޭ ބައަކަށް ވަމުންދާކަމަށް މިބުނަނީ އެފަދަ ސަބަބުތަކަށްޓަކައެވެ. މިހާލަތުން ސަލާމަތްވުން އޮތީ އެމީހެއްގެ އަމިއްލަ އަތްމަތީގައެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވުމަށް ގަދައަޅައި ގަދައަޅައި ވަޞިއްޔަތް ކުރަމެވެ.

 

- އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން  

 

 

މިއަދު އޮންލައިން