ސަމާލުވާތި!: އެސްފީނާއާ "ސިހުރުގެ ގޮށް"، ޢަމަލުތައް ސީދާކޮށްގެން ހުންނަ މީހާގެ ކުރިއެރުމާ ދިރިއުޅުން ބްލޮކްކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ސަމާލުވާތި!: އެސްފީނާއާ "ސިހުރުގެ ގޮށް"، ޢަމަލުތައް ސީދާކޮށްގެން ހުންނަ މީހާގެ ކުރިއެރުމާ ދިރިއުޅުން ބްލޮކްކޮށްލާ!

ބައްޔެއް ވެއްޖެނަމަ ގައިގައި ވޭން އަޅަން ފަށައެވެ. ވޭންއަޅަންފެށުމުން ޑޮކްޓަރަށްދާން ޖެހިއްޖެކަން އެނގެއެވެ. ނަމަވެސް ސިޙުރާއި އެސްފީނާގެ ސަބަބުން ހުރަސްތައް ކުރިމަތިވުމުން ނުވަތަ ދަތިތައް ކުރިމަތިވުމުން އެއީ ކިހިނަކުން މެދުވެރިވާ ކަންކަމެއް ނުއެނގެއެވެ. ސަބަބު ދެނެގަތުން އެހައި ފަސޭހައެއްވެސް ނޫނެވެ.

ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާ ޙައްޤުމަގުގައި ހުރިނަމަ ނުވަތަ ތިމާއަކީ ތަޤްވާވެރިއަކު ކަމުގައިވާނަމަ ސިޙުރާއި އެސްފީނާގެ އުނދަގޫތައް އެމީހަކަށް ނުފޯރާނެ ކަމަށެވެ. ނމަވެސް އެއީ ކުށް ވިސްނުމެވެ. ދަލީލަކީ ރަސޫލް ﷺ އަށްވެސް އެއުނދަގޫތައް ކުރިމަތިވެވަޑައިގެންނެވިކަމެވެ.

ޢަމަލުތައް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ސީދާކޮށްގެން ހުންނަ މީހާ ވަޒީފާގެ ގޮތުން ނަމަވެސް އަދި ދިރިއުޅުމުގެ ކަންކަމުގައިނަމަވެސް ކުރިއަރަން ކުރާ މަސައްކަތްތަކުގައި ކާމިޔާބު ނުލިބޭނަމަ ވިސްނައިލަން ޖެހޭނެ މުހިންމު ބައެއް ކަންކަން ހުރެއެވެ.

އެއިގެ ތެރެއިން ފުރަތަމަ ކަމަކީ އެސްފީނާއެވެ. ދެވަނަ ކަމަކީ ސިހުރެވެ. މިދެޙާލަތުގައި ވެސް މީހާގެ ކުރިއެރުން "ބްލޮކް" ކޮށްލައެވެ. (ހުއްޓުވައިލަ) އެވެ. މިޙާލަތަށް ޢާންމުކޮށް ކިޔާނީ ސިހުރުގެ ގޮށް ޖެހުމެވެ. ކުރިން ބުނިފަދައިން މިއީ މީހުން ކުރިއަރައިދިއުން ހުއްޓުވުމަށް ހަސަދަވެރިން ކުރާކަމެކެވެ. ނުވަތަ ހަސަދވެރިންގެ ފަރާތުން ފޯރާ ކަމެކެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ގޮށް މޮހެނުލައި ކުރިއަށްދާން ހުރަސްތައް ކުރިމަތިވާނެއެވެ.  

އެއްވެސް މީހަކު ކުރަން ކުރިމަތިލާ ހުރިހާ ކަމެއް ކާމިޔާބު ނުކުރެވިދާނެއެވެ. ނަމަވެސް ކުރަން ކުރިމަތިލާ އެއްވެސް ކަމެއް ކާމިޔާބު ނުވާނަމަ އެއީ މައްސަލައެކެވެ. މިސާލަކަށް:

-- ވަޒީފާއެއް ހޯދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ވަޒީފާއެއް ނުލިބުން،

-- ކައިވެނި ކުރަން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ކައިވެނި ކުރެވޭނެގޮތެއް ނުވުން، --- ކިތަންމެ ރަނގަޅަށް އުޅެން މަސައްކަތްކުރުމުންވެސް ޒަވާޖީ ޙަޔާތެއްގައި ހަރުނުލުން،

-- އަތުގައި ހުންނަ ޙަލާލް ފައިސާ ބޭނުންކޮށްގެން އާމްދަނީ އިތުރުކުރަން މަސައްކަތްކުރި ނަމަވެސް އިތުރުނުވެ ހުލިވަމުން ދިއުން،

-- ޞިއްޙީ ސަބަބެއް ނެތި ދަރިން ނުލިބުން،

-- ކިޔެވޭނެ ގޮތެއް ނުވުން، ކިޔަވަން މަސައްކަތްކުރިނަމަވެސް އިމްތިހާނުން ފާސްނުވުން،

-- ހިންގަން ރާވާ އެއްވެސް މަޝްރޫޢެއް ހިންގޭނެ ގޮތް ނުވުން ފަދަ ގޮތްތައް ތަކުރާރުކޮށް މެދުވެރިވާނަމަ އެއީ މައްސަލައެކެވެ.

މިހާލަތު ކުރިމަތިވުމަށް ކިޔައި އުޅެނީ މީހާގެ ކުރިއެރުން ބަންދުވުމެވެ. މިފަދައިން ކުރިއެރުން ބަންދުވުމަކީ ހަމައެކަނި ބަދު ނަޞީބުކަމަށް ބަލައި ނިންމާލައިގެން ނުވާނެއެވެ. މިކަމުގެ ސަބަބަކީ ނުފެންނަ ބާރުތަކަކުން މީހާ ހުއްޓުވުން ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ.

މީހަކަށް ކުރިއެރުން ލިބޭނަމަ އެންމެ ފުރަތަމަ ހަސަދަވެރިވާބައަކީ އެންމެ ގާތުގައި އެކުގައި އުޅޭ ބައެއް މީހުން ކަމުގައި އޮންނަނީ ވެފައެވެ. އަދި އަމއްލަ ޢާއިލާގެ ތެރެއިން ވެސް އެކަން ކުރިމަތިވެއެވެ. މިއީ މިހާރަކަށް އައިސް ފެތުރިފައިވާ ވަރަށް ނުރައްކައުތެރި ޢާންމު ވަބާއެއް ފަދަ ކަމެކެވެ.

ޙަޤީޤަތަކީ ﷲ ތައާލާއަށް ތިމާއަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ އެއްވެސް ނިޢްމަތެއް އެހެން މީހަކަށް ނުދެއްވަވާނެކަން ޤަބޫލުނުކުރެވުމެވެ. އަދި އަނެކާއަށް ކިތަންމެ ގިނަ ނިޢްމަތްތަކެއް ދެއްވެވި ނަމަވެސް ތިމާއަށް ދެއްވަވަން ކަނޑައަޅުއްވަވާ ނިޢްމަތްތަކުން ޛައްރެއްގެ މިންވަރުވެސް މަދުނުވާނެކަން ޤަބޫލުނުކުރެވުމެވެ. ނަތީޖާއަކަށްވަނީ އަނެކާ އާއިމެދު އުފެދޭ ހަސަދަވެރިކަން އެސްފީނާއަށް ބަދަލުވުމެވެ. ޖިންނިންނަށް އެކަމުގެ ތެރެއަށްވަދެ ބާރުފޯރުވަން ފުރުޞަތު ލިބުމެވެ.

ހިތުގައި ހަސަދަ އުފެދުމުން ކެތްނުކުރެވޭ ބައަކުވެސް އުޅެއެވެ. އަވަސްވެގަންނަނީ ކޮންމެވެސް ސިހުރުވެރިއެއްގެ ގާތަށް ގޮސް ސިހުރެއް ހައްދުވައިގެންވެސް އަނެކާގެ ކުރިއެރުން ހުއްޓުވާށެވެ! މިކުރެވެނީ ތިމާއަށް ޤިޔާމަތް ދުވަހު ކިހައި ބޮޑު ޢަޖާބެއް ލިބިދާނެ ކަމެއް ކަމާއިމެދު ވިސްނައެއް ނުލައެވެ.

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ރައްކައުތެރިކަން ހޯދަންޖެހެނީ މިފަދަ ކަންކަމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިގެންނެވެ. ޢާންމުކޮށްކިޔާ ޛިކުރުތައް ކިޔަމުންވެސް ފަތިސްނަމާދަށްފަހު އާއި މަޣްރިބް ނަމާދަށްފަހު ކުރުސި އާއި އިޚްލާޞް، އަލްފަލަޤް، އައްނާސް 3 ފަހަރު ކިޔުމަކީ މިފަދަ ކަންކަމުން ސަލާމަތްކަން އެދިގެން ކުރަން އެންމެ ރަނގަޅު އެއްކަންތަކެވެ. 

ޛިކުރުކޮށް މިބުނިމަގުން ޢަމަލުކުރަމުން ދަނިކޮށްވެސް ކުރިން މިބަޔާންކުރިގޮތަށް މީހެއްގެ ކުރިއެރުން ބަންދުވެފައިވާނަމަ ރަނގަޅަށް ރުޤްޔާ ކުރާކުރަން ދަންނަ ސުންނަތުގައިވާފަދައިން އެކަންކުރާ މީހެއްގެ އެހީތެރިހޯދާށެވެ! އެހެނީ މިގޮތަށް މީހެއްގެ ކުރިއެރުން ބަންދުވުމަކީ އެސްފީނާ ޞިހުރު ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ.

- މައުލޫމާތު: "ސިހުރުން ސަލާމަތްވުމަށް މަގެއް"

މިއަދު އޮންލައިން