އަހަރެމެންނަށް ދެއްވަވާ ކޮންމެ ޙަޔާތަކީ ކުރީގެ ޙަޔާތަށްވުރެ މާއުފާވެރިޙަޔާތަކަށް ހެދުން އޮތީ އެމީހެއްގެ އަތްމަތީގަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަހަރެމެންނަށް ދެއްވަވާ ކޮންމެ ޙަޔާތަކީ ކުރީގެ ޙަޔާތަށްވުރެ މާއުފާވެރިޙަޔާތަކަށް ހެދުން އޮތީ އެމީހެއްގެ އަތްމަތީގަ!: މުފްތީ މެންކް

އެއިރު ކަންކަން ހިނގައިދިއަގޮތް އަހަރެމެންނަށް ނުއެނގުނުނަމަވެސް އަހަރެމެންގެ ދުނިޔަވީ ޙަޔާތް ފެށެނީ މައިމީހާގެ ބަނޑުންނެވެ. މައިމީހާގެ ބަނޑުގައި އޮންނައިރު ކަންކަން މެދުވެރިވާ ގޮތެއް އެއިރަކު ނުއެނގޭނެއެވެ. 

އެއްވެސް ތަކްލީފެއް އުފުލާކަށް ދަރިންނަކަށް ނުޖެހެއެވެ. މާބަނޑުގައި އޮންނަ ދުވަސްވަރު ހުރިހާ ތަކްލީފްތަކެއް އުފުލަނީ މަންމައެވެ. އެކަން މިއެނގެނީ ދުނިޔެއަށް އުފަންވެ ކުއްޖާ ބޮޑުވެ ކަންކަން ވިސްނޭވަރުވުމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ދެވަނަ ޙަޔާތުގައެވެ. 

ދެވަނަ ޙަޔާތަކީ ފުރަތަމަ ޙަޔާތަށްވުރެ މާއުފާވެރި ޙަޔާތެކެވެ. އެހެނީ މާބަނޑުގައި އޮންނަ ދުވަސްވަރު އެއްވެސް ކަމަކަށް އެދޭކަށް ނުއެނގެއެވެ. އެހެންވެ އެއްވެސް ކަމަކަށް ނުވެސް އެދެމުއެވެ. ނަމަވެސް ދުނިޔެއަށް އުފަންވެ ދުނިޔޭގެ ޙަޔާތަށް ފެށުމުން ކަންކަމަށް އެދެން ފަށަމުއެވެ. އެކަންކަން ޙާޞިލުވެސްވެއެވެ. އެކަމުގެ އުފާވެރިކަން ލިބެއެވެ. 

ދެން އޮތީ މަރުވުމެވެ. މަރުވުން ކަމުގައި އަހަރެމެން ބުނި ނަމަވެސް އަހަރެމެން މަރުވަނީއެއް ނޫނެވެ. ދުނިޔޭގެ ޙަޔާތް ނިމި ﷲ ތަޢާލާގެ ޙަޟްރަތަށް އަހަރެމެން ގެންދަވަނީއެވެ. ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނުނަމަ އެއީ މާއުފާވެރި ޙަޔާތެކެވެ. އުފަލުން ހިތް ފުރިގެންދާނެ ޙަޔާތެކެވެ. އެއްވެސް ކަމެއް ނުލިބިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ އަބަދުވެސް ލިބިލިބިއެވެ. އެހެންވެ، ނިޢްމަތްތައް ލިބޭލެއް ގިނަކަމުން  ދުނިޔޭގައި ހޭދަކުރި ޙަޔާތްމަތިން ހަނދާނެއްވެސް ނުހުންނާނެއެވެ. 

ވީމާ އަހަރެމެންގެ ޙަޤީޤީ ޙަޔާތަކީ އުފާވެރި ޙަޔާތަކަށް ހަދަން ބޭނުންވާނަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރާށެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅޭށެވެ. ހިތާމަކުރަންޖެހޭނީ އެކަން އެގޮތަށް ނުކުރެވުނު ނަމައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން