ވިޔަފާރިކުރަން ދޫކުރާ ބިން ކުއްޔަށް ހިފަން ބޮޑު އަގު ހުށަހެޅުމުން ވެސް ރެޑްވޭވް ގްރޫޕަށް ދޫނުކުރާތީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދެވޭނެކަމުގެ އުންމީދެއް ނެތްކަމަށް ރެޑްވޭވްގްރޫޕުގެ ޗެއާމަން އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރެޑްވޭވް ގްރޫޕުން މިއަދު ހެންވޭރު، މަޖީދީމަގުގައި ހުޅުވި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އަޙްމަދު ސަލީމް ވިދާޅުވީ ވިޔަފާރކުރަންބިންދޫކުރަން ހުޅުވައިލާ ކޮންމެ ފުރުޞަތެއްގައިވެސް އެކަމަށް އެދި ހުށަހަޅާ ކަމަށާއި ހުށަހަޅަނީވެސް ބޮޑެތި އަގު ކަމަށެވެ. "ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުން އެދޭ ރެޑްވޭވްގެ ފިހާރައެއް ފޭސް 2 ގައި ހުޅުވައިދޭން. ނަމަވެސް ދަންނަވަން ޖެހެނީ ރައްޔިތުން ކިތަންމެ ބޮޑަށް ބޭނުންވެގެން އެދުނު ނަމަވެސް އެކަން ކޮށްދިނުމުގެ ފުރުޞަތު ލިބޭނެ ކަމުގެ އުންމީދުވެސް މިހާރަކު ނެތޭ!"
ޢަޙްމަދު ސަލީމް މިއަދު ވިދާޅުވީ ރެޑްވޭވްގެ ފިހާރަތަކަށް ލިބެންޖެހޭ ފައިދާ ކުޑަކޮށްފައި ނަމަވެސް ވީހައި ހެޔޮ އަގުގައި ކަސްޓަމަރުންނަށް ތަކެތި ވިއްކަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަމަހުގައިވެސް ވީހައި ހެޔޮ އަގުގައި ރެޑްވޭބްގެ ފިހާރަތަކުން ތަފާތު ބާވަތްތައް ވިއްކަމުން ގެންދާނެ ކަމަށެވެ. އިން ޝާ ﷲ
ރެޑްވޭވްގެ ފިހާރަތަކަކީ މުދަލާއި މުދަލުގެ ޢަދަދާއި ވިއްކާ އަގުތަކަށާއި ތަކެތީގެ ފެންވަރަށް ބެލިނަމަވެސް ހުރިހާ ބާވަތްތަކެއްވެސް އެންމެ ހެޔޮ އަގުގައި ވިއްކަން މަސައްކަތްކުރާ ފިހާރަތައް ކަމުގައިވުމުން އެގެއަކާއި އެންމެ ކައިރީގައި ރެޑްވޭވްގެ ފިހާރައެއް ހުރުމަށް ގިނަ ބައަކު އަބަދުވެސް ދަނީ އެދެމުންނެވެ.