ޝައިޠޯނާގެ ފިތުނައިން ސަލާމަތްވެ ޢަމަލުތައް އިޞްލާޙްކުރަން އެދޭނަމަ ކޮންމެހެންވެސް ވިސްނާލަންޖެހޭ އިމާމް މާލިކް ރަޙިމަހުﷲގެ ބަސްފުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޝައިޠޯނާގެ ފިތުނައިން ސަލާމަތްވެ ޢަމަލުތައް އިޞްލާޙްކުރަން އެދޭނަމަ ކޮންމެހެންވެސް ވިސްނާލަންޖެހޭ އިމާމް މާލިކް ރަޙިމަހުﷲގެ ބަސްފުޅެއް!

މުސްލިމުންގެ ތެރެއިން އެންމެ މަތިވެރި ޢިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާލިކީ މަޛްހަބްގެ އިމާމް، އިމާމް މާލިކް ރަޙިމަހުﷲ ރަސޫލް ގެ މަހާނަފުޅު ކައިރީގައި ހުންނަވައިގެން ވިދާޅުވިއެވެ. "މި މަހާނާގައި ފަސްދާނުލެވިފައިވާ އިންސާނާ ފިޔަވައި، ދުލުން ނުބައިބަހެއް ނުބުނެވޭ، އަތުން ނުބައި ޢަމަލެއް ނުކުރެވޭ ހަމައެކަކުވެސް ދުނިޔޭގައި އުޅެފައެއް ނުވެއެވެ. ނުވެސް އުޅޭނެއެވެ." 

ވީމާ ވިސްނައިލާށެވެ. ދުނިޔޭގައި އެތައް މިލިއަން ދީނީ ޢިލްމުވެރިން ތިއްބެވި ނަމަވެސް އެއިން ކޮންމެ ޢިލްމުވެރިއަކަށްވެސް ރަނގަޅު ނޫން ބަހެއް ބުނެވިފައި އޮވެދާނެއެވެ. ރަނގަޅު ނޫން ކަމެއްވެސް ކުރެވިފައި އޮވެދާނެއެވެ. މިހެން މިބުނަނީ ޚުދު އަހަރެންވެސް އެކަމުގައި ހިމަނައިގެންނެވެ. 

ދެން ނިކަން ބުނެބަލާށެވެ! ޢިލްމުވެރިއަކަށް ރަނގަޅު ނޫން ބަހެއް ބުނެވިފައި އޮވެގެން، ރަނގަޅު ނޫން ކަމެއް ކުރެވިފައި އޮވެގެން އެމީހެއްގެ ނަޞޭޙަތް ޤަބޫލުނުކުރަން ވެއްޖެނަމަ ޤަބޫލުކުރާނީ ކާކުގެ ބަހެއް ހެއްޔެވެ؟ ނުބައި ބަހެއް ނުބުނެވެނީ، ނުބައި ޢަމަލެއް ނުކުރެވެނީ ކާކަށް ހެއްޔެވެ؟ 

ކަމުގެ ޙަޤީޤަތަކީ މިއީ ނަމަވެސް އަހަރެމެންގެ ތެރެއިން ބައަކު ބުނާއަޑު މިއިވެނީ މިވެނި ޢިލްމުވެރިއަކީ މިހެން ވިދާޅުވި މިވެނި ކަމެއް ކުރެއްވެވި ޢިލްމުވެރިއެއް ކަމަށާއި އޭނާގެ ނަޞޭޙަތް ޤަބޫލުނުކުރާނެ ކަމަށެވެ. 

މީސްތަކުންނޭވެ! މިއީ ޝައިޠޯނާ އުފައްދާ އެންމެ ބޮޑު އެއް ފިތުނައެވެ. މީސްތަކުން ހެޔޮ ނަބޭޙަތް އަޑުއަހައި ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރިއަ ނުދިނުމަށް އުފައްދާ ފިތުނައެކެވެ. އެކަމުން ސަލާމަތްވެހުރެވިގެން މެނުވީ ޢަމަލުތައް އިޞްލާޙެއް ނުކުރެވޭނެއެވެ. 

މިގޮތަށް ވިސްނައިލާށެވެ! މީހަކު ގިނައިން ބުނަނީ ނުބައި ބަސްތައް ކަމަށްވާނަމަ އަދި ގިނައިން ކުރަނީ ނުބައި ޢަމަލުތައް ކަމަށްވާނަމަ، އަދި ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ކަންކަން ނުކުރާނަމަ، ޚާއްބަކޮށް ޖަމާޢަތުގައި ނަމާދުނުކުރާނަމަ، ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުން ހުއްދަކުރާނަމަ އޮތީ އެމީހަކާއި ދުރުހެލިވުމެވެ. އެމީހަކު ދައްކާ ވާހަކަ ޤަބޫލު ނުކުރުމެވެ. 

ނަމަވެސް މީހަކަށް ބަހެއް ބުނެވިފައި އަދި ކަމެއް ކުރެވިފައި އޮތުމަކީ އެމީހަކާއި ދުރުހެލިވެ އެމީހެއްގެ ނަޞޭޙަތް ޤަބޫލުނުކުރަންވީ ސަބަބެއް ނޫނެވެ. އެހެނީ ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހަކަށްވާތީއެވެ. 

- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން