ﷲ ނޫން ފަރާތަކުން ނަމަނަމަ ވާގިނުއެދޭށެވެ! ޝިރުކުގެ ގޮޅިއަށްފެތި ސަލާމަތް ނުވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ﷲ ނޫން ފަރާތަކުން ނަމަނަމަ ވާގިނުއެދޭށެވެ! ޝިރުކުގެ ގޮޅިއަށްފެތި ސަލާމަތް ނުވެވިދާނެ!

އެންމެ ބޮޑު ފާފަކަމުގައިވާ ޝިރުކުކުރުމުގެ ފާފަވެސް ތައުބާވުމުންފުއްސަވައި ދެއްވަވާނެއިރު އެއްވެސް ފާފައަކުން ތައުބާވެއްޖެނަމަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ޤަބޫލުކުރާކަށް ނެތީއެވެ. ޤިޔާމަތް ދުވަހު އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނީ ދުނިޔޭގައި ގަދަބާރު ލިބިގެންހުރިއިރު އިޚްލާޞްތެރިކަމާއިއެކު ތައުބާނުވިނަމައެވެ. 

އެހެންކަމުން އަހުރެން މިރޭ ފާހަގަކޮށްމިލަނީ އިޚްލާޞްތެރި ތައުބާޢަކުން ތައުބާވާން އެދޭމީހާ އެއިގެ ކުރިއަށް ކުރިއަށްޖެހޭނެ ބައެއް ކަންކަމެވެ. އެގޮތުން: 

1 ފުރަތަމަ ކަމަކަށްވެސް ކިތަންމެ ކުޑަކުޑަ މިންވަރަކަށްވެސް ޝިރުކުކޮށްގެންނުވާނެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ޙައްޤުވެގެން އަޅުކަންވެވޭ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމާއިމެދު އެއްވެސް މިންވަރަކަށް ޝައްކުކޮށްގެން ނުވާނެއެވެ.

ގުޅުންހުރި އެއްކަންތައް ފފާހަގަކޮށްލާނަމެވެ. އެއީ ﷲ ތަޢާލާ ނޫން ފަރާތްކުން ވާގިއެދުމެވެ. ވިސްނާށެވެ! ދަތިޙާލެއްގައިޖެހި އެހީތެރި ކަމަށް އެދެން ޖެހިއްޖެނަމަ މީހެއްގެ ކިބައި އެހީތެރިކަމަށް އެދުނަސް އެއްވެސް މީހެއްގެ ކިބައި ވާގިނުއެދޭށެވެ. އެހީތެރިކަމަށް އެދުމާއި ވާގިއެދުމަކީ މުޅިން ތަފާތު ދެކަމެކެވެ.

މިކަމުގެ ނުރައްކައުތެރިކަމުގެ ބޮޑުކަމުން އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ޝިރުކުކުރުމުގެ ޢަމަލަކަށްވެދާނެ ކަމާއިމެދު ކިތަންމެ ކުޑަ މިންވަރަކަށް ޝައްކު އުފެދޭ ޢަމަލެއް ނަމަވެސް ނުކުރާށެވެ! އެކަމަކާއި ދުރުހެލިވާށެވެ! ޝައްކެއްގެ މަތީގައި ކުރެވޭ ކަމަކުން ލިބޭ ކުޑަކުޑަ ވަޤުތީ ހިތްހަމަޖެހުމަކަށްވުރެ ފަހުން ﷲ ތަޢާލާގެ ކޯފާ ލިބިގަންނަން ޖެހިއްޖެނަމަ ލިބޭނެ  ގެއްލުން މާބޮޑެވެ!

މިޘާލަކަށް ކިތަންމެ ބޮޑު ޢިލްމުވެރިއެއްގެ ކިބައިންނަމަވެސް އެދެންޖެހޭނީ ތިމާއަށްޓަކައި ހެޔޮދުޢާކޮށްދިނުމަށެވެ. އެމީހަކަށް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް އޮންނާނެކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެމީހަކަށް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް އޮންނާނެ ކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެކެވެ.

އަދިވެސް ވިސްނާށެވެ! ތިބާ ކަމަކު އެދިގެން ދިއުމުން ތަނަވަސްކަން ހުރި މީހަކު ތިބާއަށް އެހީތެރިވިނަމަވެސް ފުރަތަމަ ޙަމްދުކުރަންވީ ﷲ ތަޢާލާއަށެވެ. ޝުކުރުވެރިވުން އޮތީ ﷲ އަށެވެ. މީހަކު އެއްޗެއްދޭ ވަޤުތު އެއިގައި ހިފަމުން ނުވަތަ ހިފާފައި ނަމަވެސް އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަން އަހަރެމެން އަވަސްވެގަންނަނީ އެހެންވެގެންނެވެ. ޔަޤީންކުރަންވީ އޭނާގެ ކިބައިން އެއެހީތެރިކަން ތިމާއަށް އެލިބުނީ އެކަމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން