ތަޢުބާވުމަށްފަހު އެކަން ޤަބޫލުފުޅު ކުރެއްވެވިކަން ޔަޤީންކުރަން އެދޭމީހާ ވިސްނާލަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތަޢުބާވުމަށްފަހު އެކަން ޤަބޫލުފުޅު ކުރެއްވެވިކަން ޔަޤީންކުރަން އެދޭމީހާ ވިސްނާލަންޖެހޭނެ ބައެއް ކަންކަން-

ބައެއް މީހުން ތައުބާވާން ކުރާ ކަމަކީ ހަމައެކަނި ފާފަ ފުއްސަވައިދެއްވެވުމަށް އެދުމެވެ. އެދޭކަމަށް ބުނެ ދުޢާކުރުމެވެ. މިވަރަކުން އަދި ނުފުދޭނެއެވެ. ތައުބާވެއްޖައިންކަމަށް ބުނެލުމަކުން ނުފުދޭނެއެވެ. 

ތައުބާވުމުގައި އެންމެ މުހިންމީ އެމީހެއްގެ ނިޔަތެވެ. އިޚްލާޞްތެރިކަމެވެ. އެފާފަ ނުވަތަ އެފަދަ ފާފައެއް ދެން ނުކުރަން ގަދައަޅައި ޢަޒުމް ކަނޑަޅައިގެން އެކަމަށްޓަކައި މަސައްކަތްކުރުމެވެ. 

ޤަބޫލުކުރިޔަސް ނުކުރިޔަސް ތިބާގެ ނިޔަތް ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. މާނައަކީ ތައުބާވުމަށްފަހު އެފާފައެއް ނުކޮށް ހުންނަން ތިބާ މަސައްކަތްކުރާނެ ކަމާއި ނޫންކަން ދެނެވޮޑިގެންވެއެވެ. ތިބާގެ ނިޔަތުގައިވާ އިޚްލާޞްތެރިކަންވެސް ދެނެވޮޑިގެންވެއެވެ. އިޚްލާޞްތެރި ކަމާއިއެކު މަސައްކަތްކުރަމުން ދަނިކޮށްވެސް ފޭލްވެދާނެކަން ނުވަތަ ނޫންކަންވެސް ﷲ ތަޢާލާ ވަރަށް މޮޅަށް ދެނެވޮޑިގެންވެއެވެ. 

ވީމާ ތިމާ ތައުބާ ވެއްޖައިމޭ، ފާފަ ފުއްސަވައިދެއްވަވާށޭ ދުލުންބުނެ، ހިތަށް އަރުވައި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާއިރު މިބުނި ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. ގަދައަޅައި ބުނަން ބޭނުންވަނީ ތައުބާ ވެއްޖައިންކަމަށް ބުނެ ނިންމައިނުލާށެވެ! އެކަމަށް ނިޔަތް ސީދާކުރަންވާނެއެވެ. ތިބާގެ ފާފަތައް ފުއްސަވައިދެއްވެވުމަށް ތިއަ އެދެނީ ކުރިން މިބުނި ފަދައިން ތިބާގެ ނިޔަތް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. 

ﷲ ތަޢާލާ ގަންދީ ބުނަމެވެ! ކުރެވެމުން އައި ފާފަކުރުން ހުއްޓާލުމަށް އިޚްލާޞްތެރިކަމާއިއެކު  ނިޔަތް ގަނެގެން ހުރެ ތައުބާވީފަހުން ތިމާގެ އިޚްތިޔާރަކާއި ނުލައި ހަމައެފާފަކުރެވުނަސް ﷲ ތަޢާލާ އެމީހަކަށް ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އެކަން އޮތީ ޤުރްއާނުން އެނގޭށެވެ! ނަމަވެސް އެކަންވެސް އޮންނާނީ ހަމަ އެމީހެއްގެ ނިޔަތުގެ މައްޗަށެވެ. 

ވީމާ ތައުބާވާން އެދޭމީހާ މިބުނި ކަންކަމަށް ސަމާލުކަންދީގެންހުރެ ތައުބާވާށެވެ! އެމީހަކަށް ހިތްވަރުދެއްވަވާނެތެވެ. އެމީހެއްގެ ތައުބާވެސް ޤަބޫލުފުޅު ކުރައްވަވާނެތެވެ. ސުވަރުގެވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން