"މީހަކު ލާ ހެދުމަކުން ނުވަތަ ފައުޅުކުރާ ޚިޔާލަކުން އެމީހަކީ ޓެރަރިސްޓެއް ކަމަށް ނިންމަން ވެއްޖެ ނަމަ، އެއިރަކު އޮންނަ ސަރުކާރަކުން ހައްޔަރު ކުރަން ބޭނުން އެންމެން ތިބޭނީ ޖަލުގެ ގޮޅިތަކުގައެވެ. ރައްޔިތުންގެ މަޖިލީހުން މިކަމާއިމެދު ފުންކޮށް ވިސްނެވުން އެދެމެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިއީ އިތުރު ބާރުތަކާ ބިރުވެރިކަމާއެކު މަޝްހޫރު 38 ވަނަ މާއްދާ އަލުން ރުޖޫޢަވެދާނެތީ ޑރ. އިޔާޟް ކަންބޮޑުވުން ފައުޅުކުރައްވައި މީގެ 2 އަހަރުކުރިން ވިދާޅުވެފައިވާ ބަސްފުޅެކެވެ.
މިބަސްފުޅުގެ ހަނދާން އައުކޮށްލަން މިޖެހުނީ ޝިރުކުހުއްޓުވަން ނުކުމެވަޑައިގެންނެވި 2 ޝައިޚުންގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުހގެދަށުން ދަޢުވާކޮށްފައިވާތީއެވެ. ނަށަން ދަސްކޮށްދޭން ދެކޮޅު ހެދުމުން ޓީޗަރުން ސަސްޕެންޑްކޮށް އަނިޔާކުރަމުން ގެންދާތީއެވެ.
އެހެންކަމުން އެނގިގެން މިދަނީ ޙާލަތު ބަދަލުނުވާކަމެވެ. ބަދަލުވީ ޤާނޫނުގެ މާއްދާކަމެވެ. އަދި މިހާރު އަޅުވަނީ މާ ނުރައްކައުތެރި އިލްޒާމެއް ކަމެވެ.
ޝައިޚްގެ ބަސްފުޅާއި ގުޅިގެން މިއަދުނޫހުގައި އެއިރު ލިޔުނު ލިޔުން:
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ﷲ ތަޢާލާ އަށް ގޮންޖަހާ ހަރުކަށި ފިކުރަކީ ޢާއުރަ ހާމައަށް ދައްކައިގެން މަގުމަތީގައި އުޅޭ މީހުން ކަމަށް ބުނެ އެގޮތަށް ތިބުން ނުހުއްޓުވައި ނިވާވާ ގޮތަށް ހެދުން ލުން މަނާ ކުރުމަކީ ﷲ ތަޢާލާއަށް ޖަދަލުކުރުން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. "ފިރިހެނުން ޖުއްބާލީމަ، އަންހެނުން މޫނު ބުރުގާ އެޅީމަ ކުށްވެރި. އަދި އެކަން ވަނީ ހައްދުފަހަނައަޅައިދިއުމަށް. އަންހެނަކު ކިތަންމެ ނިވައިކަން ކުޑަ ހެދުންކޮޅެއް ލައިގެން މަގުމަތީގަ އުޅުންވެސް އޯކޭ. އެއީ ގަޓް ހުރި މިނިވަން ފިކުރުމެ ބަޠޮލާއެއް! ދުޢާ އަކީ ތިއަ ފަދަ ބޭ އިންޞާފު އަނިޔާތަކަށް އަވަސް ޙައްލެއް މާތް ﷲ މިންވަރުފުޅު ކޮށްދެއްވެވުން!"
ރައީސް މައުމޫނުގެ ވެރިކަމުގައި އެންމެ ގިނަ ބައަކަށް ނުޙައްޤުން އަނިޔާކޮށްފައި ވަނީ މިފަދަ މާއްދާއެއްގެ ދަށުންނެވެ. މަޝްހޫރު 38 ވަނަ މާއްދާގެ ދަށުންނެވެ. އެމާއްދާގައި އޮންނަގޮތުން "ބުނާބަހަކުން، ނުވަތަ ކުރާ އިޝާރާތަކުން ނަމަވެސް ސަރުކާރާއިމެދު ނަފްރަތު އެފެދިއްޖެ ނަމަ އެމީހަކު 6 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވައިލެވޭނެ"އެވެ.
އެ މާއްދާގެ ދަށުން "ފުލްޙުކުމް" އިއްވި ބޭފުޅުންގެ ތެރޭގައި ޑރ. އާމިނަތު ޖަމީލުގެ ފިރިކަލުން ސިއްކަ މުޙައްމަދު އިސްލާޢީލް މަނިކު ހިމެނެއެވެ. "މާތް ﷲ ޙަރާމް ނުކުރައްވަވާ ކޮންމެ ކަމެއް ޙަލާލްވާތީ" އެ މާއްދާގެ ދަށުން ތޮއްޑޫ މުބާރިކަށް 6 އަހަރުގެ ޙުކުމެއް އިއްވައި އަރުވާލުމުން ތޮޅެންދޫއަށް ބޭލީ ފަތްޖެހި އެނދުގައެވެ.