"ކަނު ލޯތްބަކީ ހާދަ ގިނަ ބައަކު ވާވަންނަ އެއްޗެކެވެ. ކަނު ލޯބިވުމުން ރޭގަނޑު ހަނދު ދައްކާފައި އެހެރީ އިރު ކަމަށް ބުނުމުން ވެސް ޤަބޫލުކުރާ ބައަކު އުޅެއެވެ."
މިއީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ޝައިޚް ގެ މި ބަސްފުޅު އަމާޒުކުރައްވާފައި އަމިއްލަ ފަރުދުންނަށާއި ސިޔާސީ ފަރާތްތަކަށް ބެލެވެއެވެ. ސިޔާސީ ގޮތުން ބަލައިފިނަމަ އެމީހަކު ތާއީދުކުރާ މީހަކު ކިތަންމެ ބޮޑެތި ދޮގުތައް ހެދިނަމަވެސް އެ ދޮގުތައް ދިފާޢުކުރެވޭތަން މިދަނީ ފެންނަމުންނެވެ. ރައްޔިތުންގެ ފައިސާއިން ވައްކަންކުރުމާއި ކޮރަޕްޝަނުގެ ޢަމަލުތައް ކުރުމާއި ރައްޔިތުންގެ ފައިސާ އިޝްރާފްކުރުމާއި މަސްތުވުމާއި އެހެނިހެން ޙަރާމް ކަންކަން ކުރި ނަމަވެސް އެކުރަނީ ފާފައެއް ކަމަށްވެސް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ.
ރަސްރަސްކަލުންގެ ޒަމާނުގައި ރަސްރަސްކަލުން މިފަދަ ބޮޑެތި ޖަރީމާތައް ހިންގިނަމަވެސް ކުރުނީސްކޮށް އަދަބުވެރިވާ އުޞޫލުން މިއަދުވެސް މިދަނީ ކަންކަން ފެންނަމުންނެވެ. މީސްތަކުންނަށް ފެނިދާނެތީ ކުރުނީސްކުރަން ލަދުން އުނަގަނޑުން ގުދުނުވާ މީހުން މިއަދު އެމީހުންގެ ހިތުން އަޅުވެތިވާ މިންވަރު މާބޮޑެވެ.
އަމިއްލަ ފަރުދުންނަށް ބަލައިފި ނަމަ އެމީހަކު ބައިވެރިޔާ ދެކެ ލޯބިން އުޅޭ ދުވަސްތަކުގައި އެމީހަކު ކިތަންމެ ނުބައި އަމަލުތަކެއް ކުރި ނަމަވެސް އެ ކުރަނީ ކުށެއް ކަމަށްވެސް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. ބޮޑެތި ކުށްތައް ކުރުމުން މާފުވެސް ކުރެއެވެ.
ދަރިން ކުރާ ނުބައި އަމަލުތައް ފެންނަ ކަމަށް ނުހަދާ މައިންބަފައިންވެސް އުޅެއެވެ. ދަރިން ވައްކަންކުރާއިރުވެސް ޑްރަގް ބޭނުންކުރާއިރުވެސް ހިލޭ އަންހެނުން ގެއަށް ވައްދައި ކޮޓަރިއަށް ގެންގޮސް ޒިނޭކުރާއިރުވެސް ނުފެންނަކަމަށް ހަދައިގެން ތިބުމަކީ ވެސް ކަނުލޯބިވުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ޝައިޚް ފާހަގަކުރައްވާފައި އެވަނީ މިބާވަތުގެ ކޮންމެ ކަމަކީ ވެސް ކަނު ލޯބިވުން ކަމެވެ. ޙަޤީޤީ ލޯބިވާނަމަ އެމީހަކު އެފަދަ ކަންކަމުން ސަލާމަތްވާން މަސައްކަތްކުރާނެ ކަމެވެ.