ބިރުވެތިވޭ! އަމިއްލަ ދިރިއުޅުމުގެ ކަންކަމުގަވިޔަސް ﷲ ގެ އިންތައް ދޫކޮށްލައި އަމިއްލައަށް އިންތައް ކަނޑައެޅުމުން މުއްމިނަކަށް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ބިރުވެތިވޭ! އަމިއްލަ ދިރިއުޅުމުގެ ކަންކަމުގަވިޔަސް ﷲ ގެ އިންތައް ދޫކޮށްލައި އަމިއްލައަށް އިންތައް ކަނޑައެޅުމުން މުއްމިނަކަށް ނުވެވޭނެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރަންޖެހޭނީ ހަމައެކަނި އަޅުކަންކުރުމުގައިކަމަށެވެ. އެހެންވެ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ﷲ ތަޢާލާގެ އިންތައް ދޫކޮށްލެވެއެވެ. މިޘާލަކަށް ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމާއި ކައިވެނި ރޫޅައިލުން ފަދަ ކަންކަމުގައި ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުމާއި ގިން ބައަކު ދުރުހެލިވެއެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރަން އޮތީ ވަކިކަމެއްގައެއް ނޫނެވެ. އަހަރެމެންނަށް އޮތީ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސްމެއެވެ. އަޅުކަންކުރުމުގައިވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރެވޭނީ އެހެނިހެންކަންކަމުގައިވެސް ޢަމަލުކުރެވޭ މީހުންނަށެވެ. ވީމާ އެއްވެސްކަމެއް ކުރުމުގައި ﷲ ތަޢާލާގެ އެންގެވުންތައް ދޫކޮށްލައިގެން ނުވާނެއެވެ. އޮތީ ކިޔަމަންތެރިވެ ޢަމަލުކުރުމެވެ.

ﷲ ތަޢާލާ ވަޙީބަސްފުޅު އަޑުއަހާށެވެ!

﴿وَالْحَافِظُونَ لِحُدُودِ اللَّهِ وَبَشِّرِ الْمُؤْمِنِينَ﴾ [التوبة: 112]

މާނައީ: "އަދި (މުއުމިނުންނަކީ) ﷲ ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!"

ﷲ ތަޢާލާ ކަނދައަޅުއްވަވާފައިވާ އިންތަކުގައި ހިފަހައްޓަންޖެހެނީ މިހެންވެގެންނެވެ. އެ އިންތައް ބޮލާލައި އަމިއްލައަށް އިންތައް ކަނޑައެޅުމަށްފަހު ތިމާއަކީ މުއްމިނެއްކަމަށް ބުނާ މީހުންނާއިމެދު ސުވާލު އުފެދެނީ ކަމުގެ ޙަޤީޤަތް މިގޮތަށް ފެންނަން އޮތުމުންނެވެ.

ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އެއްވެސް ކަމަކަށް ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅު، އެހެން ގޮތަކަށް ބަދަލުކުރުމަކީ ﷲ ތަޢާލާގެ އިންތަކުން ބޭރުވުމެވެ. މާނައަކީ ކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި އަމިއްލަ ގޮތްތަކަށް ކަންކަން ކުރުމަކީ ﷲ ތަޢާލާގެ އިންތަކުން ބޭރުވުމެވެ. އެއީ ޝަރީއަތުގައިކުރާ ޙޫކުމެއް ނަމަވެސް އަދި އެހެންކަމެއްގައި އަމަލުކުރާ ގޮތް ނަމަވެސްމެއެވެ!

އެންމެހައި މީސްތަކުންނީ ﷲ ތަޢާލާގެ އަޅުންނެވެ. އަޅުތަކުންގެ މިލްކުވެރި ﷲ ތަޢާލާ އިންތަކެއް ކަނޑައަޅުއްވަވައި އެއަށް ޢަމަލުކުރަން އެންގެވުމުން ނުކުރުމުގެ ޙައްޤު ލިބިގެންވާނީ ކޮން އަޅަކަށް ހެއްޔެވެ؟ އެއީ ކިހިނަކުން ކޮންގޮތަކުން ލިބިގަނެވޭނެ ޙައްޤެއް ހެއްޔެވެ؟

"އަދި (މުއުމިނުންނަކީ) ﷲ ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!" އޮތުމުން އެނގިގެންދަނީ އުފާވެރިކަމުގެ ޚަބަރު ޙައްޤުވަނީ ﷲ ތަޢާލާ ބާވައިލެއްވެވި އިންތަކުގައި ހިފަހައްތާ މީހުންނަށް ކަމެވެ. ނޫންނަމަ އޮތީ ހިތާމަވެރި، ބިރުވެރި ޚަބަރުކަމެވެ.

ދުނިޔޭގެ އުފާ ޙާޞިލުކުރަން ކުރާ ކަންކަމުގައިވެސް އަދި އަޢުރަ ނިވާކުރުމުގައިވެސް ﷲ ތަޢާލާގެ އިންތަކަށް ޢަމަލުކުރަން ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ މިސަބަބަށްޓަކައެވެ.

--އިސްލާމީ ތިލަފތުގެ ދަރުސަކުން

މިއަދު އޮންލައިން