ކުދި ފާފަތައް ގިނައިން ކުރުމަކީ ސަލާމަތްނުވެވޭވަރުގެ ކަމަކަށްވެ މީހާ ހަލާކުގެ ތެރެއަށް ޣަރަޤުވެ އަރައިނުގަނެވިދާނެ ބޮޑު ނުރައްކަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުދި ފާފަތައް ގިނައިން ކުރުމަކީ ސަލާމަތްނުވެވޭވަރުގެ ކަމަކަށްވެ މީހާ ހަލާކުގެ ތެރެއަށް ޣަރަޤުވެ އަރައިނުގަނެވިދާނެ ބޮޑު ނުރައްކަލެއް!

ކިތަންމެ ކުޑަނަމަވެސް އެއީ ފާފައެއް ކަމަށް ދީނުގައި ބަޔާންވެގެންވާ ފާފައެއް ތަކުރާރުކޮށް ކުރާނަމަ އެކަމުގައި އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ އެކަމުގެ ސަބަބުން ބޮޑެތި ފާފަތަކަށް އަރައިގަންނަން ބިރުކެނޑިގެންދާކަމެވެ.

ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ފާހިޝް ޢަމަލުތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަކީ ޒިނޭކުރުމާއި އެއްޖިންސުން ގުޅުންހިންގުން ފަދަ ފާފަތަކެވެ. ވީމާ އާދައިގެ ފާހިޝް ޢަމަލުތައް ގިނައިން ކުރެވޭ މީހާ އިސާހިތަކު މިބަޔާންކުރި ބޮޑެތި ފާފަތަކަށް ބިރުކެނޑި، ބޮޑެތި ފާފަތައް ކުރަން ޝައުޤުވެރިވެ ބޮޑެތި ފާފަތައް ކުރެވެން ފަށައެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބަލަން ޝައުޤުވެރިވެ އެކަންކުރާ މީހުން ޒިނޭކުރަންފަށައެވެ. ދޮގުހެދުން އާދަވެއްޖެ މީހާ ވައްކަންކުރަން ފަށައެވެ. މަކަރާއިޙީލަތް ހަދަން ފަށައެވެ.

ކަންކަން ހިނގަމުންދަނީ މިފަދައިން ކަމަށްވުމުން ކިތަންމެ ކުޑަ ނަމަވެސް ފާފައަކަށް ޤަޞްދުގައި އަރައިނުގަންނާށެވެ! އަދި އޮޅުމަކުން އެފަދަ ފާފައެއް ކުރެވުނު ނަމަވެސް އެކަމަށް ކަންބޮޑުވެ ދެރަވެ ހިތާމަކޮށް ތައުބާވުމަށް އަވަސްވެގަންނާށެވެ!

އިސްލާމް ދީނުގައި ފާފަތައް ދަރަޖަކުރެވިފައިވުމުން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކުޑފާފައެއް ކުރެވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކުދިފާފަތައް ގިނައިން ކުރުމަކީ ބޮޑުފާފައެއް ކަމަކަށެވެ. އެކަމުގެ ސަބަބުން މީހާ ހަލާކުގެ ތެރެއަށް ވެއްޓި ގެއްލެނިވެގެންވާ މީހަކު ކަމުގައިވެގެން ހިނގައިދާނެ ކަމަށެވެ.

ކިތަންމެ ކުޑަ ނަމަވެސް ފާފައަކީ ފާފައެކެވެ. ﷲ ތަޢާލާ ފުއްސަވައި ނުދެއްވަވައިފިނަމަ ޢަޛާބުލިބޭނެ ޢަމަލެކެވެ. ހަމައެއާއިއެކު ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރަން ބިރުވެތިނުވާނަމަ އެމީހާގެ ހިތުގައި ﷲ ތަޢާލާޢަށް ބިރުވެތިކަމެއް ނުވެއެވެ. އެމީހާގެ އީމާންކަންވެސް ފުރިހަމައެއް ނުވެއެވެ. އެހެނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ ތަޤްވާވެރިއަކު ނަމަ ކިތަންމެ ކުޑަފާފައެއް ކުރަންވެސް ބިރުވެތިވާނެއެވެ.

އަދި ކިތަންމެ ކުޑަ ފާފައެއް ކުރެވުނު ނަމަވެސް ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ދެރަވެ ހިތާމަކުރާނެއެވެ. ތައުބާވުމަށް އަވަސްވެގަންނާނެއެވެ. އަދި ކުރެވުނު ފާފަ އާއިމެދު ހިތާމަކޮށް އެއިގެ ބަދަލުގައި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން