ބައެއް މީހުން ހީކުރަނީ އެމީހަކަށް އެނގިހުރެގެން ފާފައެއް ނުކުރާނަމަ ޙިސާބު ބައްލަވާއިރު އޭނާގެ އެއްވެސް ފާފައެއް ނުއޮންނާނެ ކަމަށެވެ. ނަމަވެސް އެއީ އެހެން އެކަން ވާނެ ކަމެއް ނޫނެވެ. ނުއެނގިހުރެ ކުރެވިފައިވާ ފާފަތައް އެވަޤުތު މީޒާނުން ފެންނާނެއެވެ.
ވީހައި ގިނައިން އިސްތިޣްފާރުކުރަންވީވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވީވެސް ހަމައެސަބަބަށްޓަކައެވެ. އެހެނީ ކޮންމެ މީހަކަށްވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވިފައިހުންނާނެއެވެ. މީޒާނުގައި ޢަމަލުތައް ކިރުއްވަވާ ވަޤުތުގައި އެކަން އެނގިގެންދާނެތެވެ.
މީސްތަކުންނޭވެ! މިހެން ބުނުމުން މާޔޫސްވާންވީއެއް ނޫނެވެ! ކޮންމެ މީހަކަށްވެސް ފާފަތައް ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަސައްކަތްކުރަންވީ ކުރާ ހެޔޮ ޢަމަލުތައް ގިނަކުރެވޭތޯއެވެ! ކުރެވޭ ފާފަތައް ފުއްސަވައި ދެއްވަވާތޯއެވެ.
ކުރަން ފުރުޞަތުލިބޭ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއްނަމަވެސް ނުކޮށް ދޫކޮށްނުލަންވީ އެހެންވެގެންނެވެ. އަދި އެޢަމަލަކީ ކިތަންމެ ކުޑަކުޑަ ފާފައަކަށްވީނަމަވެސް ނުކުރަންވީވެސް އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން