ރުޅި އަންނަވަޤުތު އަނބިމީހާއާ ދިމާއަށް ސިންގާއެއްހެން ފުންމައިގަންނަ މީހުންނަކީ ޙަޤީޤީ ފިރިހެނުންނެއް ނޫން! އެއީ އެއްވެސް ބާރެއް ނެތް ނިކަމެތިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރުޅި އަންނަވަޤުތު އަނބިމީހާއާ ދިމާއަށް ސިންގާއެއްހެން ފުންމައިގަންނަ މީހުންނަކީ ޙަޤީޤީ ފިރިހެނުންނެއް ނޫން! އެއީ އެއްވެސް ބާރެއް ނެތް ނިކަމެތިން!

ބައެއް މީހުން ރުޅި އައުމާއިއެކު އަނބިމީހާއާއި ދިމާއަށް ސިންގާއެއް ފަދައިން ފުންމައިގަނެއެވެ. ޙިމާރެއްފަދައިން އަޑުލައިގަނެވެ. ދަރިއަކު ފެނިއްޖެނަމަ އަތުގައި ހިފާ ހޫރާލައެވެ. މިހުރިހާ ކަންކަން ކުރަނީ އެމީހުންނަކީ ބާރުގަދަ ބައެއްކަން ދެއްކުމަށެވެ.  

އެހެން ޢިބާރާތަކުން ބުނާނަމަ އަންނަ ރުޅި ކޮންތްރޯލްކުރުމުގެ ބާރު އޭނާއަށް ލިބިފައި ނެތުމުންނެވެ. ރުޅި އަންނަހިނދު މިބުނި ފަދަ ކަންކަން ކޮށްފައި ފަހުން ހިތާމަކުރަނީ އެހެންވެގެންނެވެ.  

ވަރަށް ކެރިހުރެގެން ބުނެއެވެ. އެއީ ފިރިހެނަކަށްވާތީ މުޅި މޫނުގައި އިސްތަށިފަޅާފައިވީނަމަވެސް (ތުނބުޅި ހުރުމަކީ ފިރިހެނުންގެ ސިފައަކަށްވާތީ ކިތަންމެ ބޮޑު ތުނބުޅިއެއް ހުރިނަމަވެސް) އެމީހަކީ އަދި އޭނާއަށް އެ ހީކުރެވޭ ފަދަ ބާރުގަދަ ފިރިހެނެއް ނޫނެވެ. އޭނާއަކީ އެއްޓަނު އުފުލައިލެވޭ މީހަކަށްވެސް ވެދާނެއެވެ. އެހެންވިޔަސް އޭނާއަކީ ރުޅި އަންނަހިނދު ކުރިން ބުނި ފަދަ ކަންކަން ކުރެވޭ މީހަކު ނަމަ އޭނާއަކީ ބާރުގަދަ ފިރިހެނެއް ނޫނެވެ.  

މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. މިއީ ރަސޫލް ގެ ޙަދީޘްފުޅުން މިކަން އެނގެން އޮތްގޮތެވެ. ޞަޙާބީން "ރެސްލިން" ކުރަނިކޮށް ވަޑައިގެން ޙަދީޘްފުޅު ކުރެއްވެވީ އެންމެ ބާރުގަދަ މީހާއަކީ އޭނާގެ އަތުގެ ބާރު އެންމެ ގަދަ މީހާ ނޫންކަމަށާއި ރުޅި އަންނަ ހިނދު ރުޅި ކޮންޓްރޯލްކުރެވޭ މީހާ ކަމަށެވެ.  

ވީމާ ރުޅިއަންނަހިނދު މިބުނިފަދަ އެއްވެސް ޢަމަލެއް ތިމާއަށް ކުރެވޭނަމަ އަވަހަށް ލަދުވެތިވާށެވެ! އެހެނީ އެމީހަކު އެހިމެނެނީ އެންމެ ބަލިކަށި މީހުންގެ ތެރޭގައެވެ. ޙަޤީޤަތުގައި އެންމެ ބަލިކަށި އެންމެ ނިކަމެތި މީހުންނަކީ އެއީއެވެ.  

އެހެނީ ރުޅި ކޮންޓްރޯލް ނުކުރެވޭނަމަ އެމީހަކު އެވަނީ ޝައިޠޯނާގެ ބާރުގެދަށުގައެވެ. އެއަށްވުރެ ވަކިން ބޮޑު ނިކަމެތިކަމަކީ ކޮބައިހެއްޔެވެ؟ ޝައިޠޯނާގެ ބާރުގެދަށަށް މީހަކު ދާނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ބޭނުން ނުކުރެވޭތީއެވެ. އޭނާގެ ނަފްސުގެ މައްޗަށް އޭނާއަށް ބާރު ނުހިންގޭތީއެވެ. އެފަދަ މީހަކަށްވުރެ ދެރަ ނިކަމެތި މީހަކީ ކާކުހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން