ބައެއް މީހުން ބަލިވާއިރަށް، އެބަލީގެ އަބްލު ނުވަތަ ޙަޤީޤަތް އެނގުމުގެ ކުރިންވެސް ބަލީގައި މަރުވެދާނެކަމަށް ބިރުން ތުރުތުރުއަލަމުން ގޮސް އެކަން ބޮޑުވެ ހާޓް އެޓޭކެއް ޖެހުން ފަދަ ކަންކަން އެބަ މެދުވެރިވެއެވެ. ވީމާ މިޙާލަތުން ސަލާމަތްވެ ހުރެވެން އޮތް ގޮތާއިމެދު ވިސްނައިލަން އެބަޖެހެއެވެ.
ބަންގިގޮވުމުން ނަމާދަށް އަވަސްވެ ގަތުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ އެމީހަކު މަރުވެދާނެ ކަމަށް ބިރުނުގަންނާނެތީއެވެ. ޔަޤީންކަމާއިއެކުގައި ބުނަމެވެ. ބަންގި ގޮވުމުން ނަމާދުކުރަން އަވަސްވެގަންނަ މީހާ، ހަމަ މިވަގުތު އެމީހާ މަރުވެދާނެ ކަމަށް ބިރެއް ނުގަންނާނެއެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭ ބޮޑެތި ފާފަތަކަށް ތައުބާވެ، އިސްތިޣްފާރުކުރަމުން، ބަންގިއަށް ޢިޖާބަދީ ބަންގިގޮވުމުން ފުރަތަމަ ކުރާކަމަކީ ނަމާދުކުރުން ކަމުގައި ހަދައި ނަމާދުކުރުންމަތީގައި ޤާއިމުވެ ހުންނަ މީހާއަށް އޭނާއަށް ކުރެވޭ ކުދިކުދި ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮންނާނެއެވެ.
އެފަދަ މީހަކު މަރުވެދާނެތީ ބިރެއް ނުގަންނާނެއެވެ. ޑޮކްޓަރަކު ތިބާއަށް ތިއަހުރީ ވަރަށް ބޮޑު ބައްޔެއް ޖެހިފައި ކަމަށާއި މިވަގުތުގައިވެސް ތިބާ މަރުވެދާނެކަމަށް ޑޮކްޓަރަކު ބުނި ނަމަވެސް ކަންބޮޑެއް ނުވާނެއެވެ. ހާސްވެ މޫނުން އޮށްދައި ހިއްލާކަށް ނުފަށާނެއެވެ. އެކަމަށް ބިރުން ހާޓްއެޓޭކަށް ޖެހޭކަށް ނުޖެހޭނެއެވެ.
އެހެނީ ތިމާއަށް މިފަނާވަނިވި ދުނިޔެއިން ކޮންމެވަޤުތަކުވެސް ނުކުންނަން ޖެހިދާނެކަމާއި ނުކުމެގެން ތިމާއަށް ދެވޭނީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާގެ ޙަޟްރަތަށްކަން އެނގޭނެތީއެވެ. އަދި ތިމާ ދުނިޔޭގައި ދިރިއުލެމުން މިއައީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގުން ކަމުގެ ފުރިހަމަ ޔަޤީންކަން އެމީހަކަށް އޮންނާނެއެވެ.
މަރުވުމުން ދާންޖެހޭ އުޚުރަވީ ޙަޔާތަކީ ނިމުމެއް ނެތް ޙަޔާތެއް ކަމާއި އެޙަޔާތުގައި ތިމާއަށް ވަނީ އުފާވެރިކަން ކަމުގެ ޔަޤީންކަންވެސް އެމީހަކަށް އޮންނާނެއެވެ. ނަމަވެސް މިބުނި މަގުން ހިތްހަމަޖެހުން ލިބޭނީ ނަމާދުކުރުމުގައި އިޚްލާޞްތެރިވެވުނު ނަމައެވެ. އެއްނަމާދަށްވުރެ އަނެއް ނަމާދު ފުރިހަމަކުރަން އިތުރަށް މަސައްކަތްކުރެވުނު ނަމައެވެ.
- މުފްތީ މެންކުގެ ދަރުސަކުން