މިދައްކަނީ އެކަމެއް ކުރުމުން ތިބާއަށް ސުވަރުގެ ދެއްވަވާނެ، އަދި ނުކުރުމުން ސުވަރުގެ ނުދެއްވަވާނެ ކަމެއްގެ ވާހަކަ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މިދައްކަނީ އެކަމެއް ކުރުމުން ތިބާއަށް ސުވަރުގެ ދެއްވަވާނެ، އަދި ނުކުރުމުން ސުވަރުގެ ނުދެއްވަވާނެ ކަމެއްގެ ވާހަކަ-: މުފްތީ މެންކް

މީސްތަކުން ކުރާ ފާފަތަކަށް ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވަތެވެ. އެއީ ޝަރީކުކުރުން ނަމަވެސްމެއެވެ. އެހެނަސް ވަރަށް ނުރައްކައުތެރި ބައެއް ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިން އެއްކަމަކީ މީސްތަކުންނަށް ހިތްނުބައިކޮށް ޙަސަދަލައިގެން އުޅުމެވެ. އެފަދަ މީހުންނަކަށް ﷲ ތަޢާލާ ޢަފޫނުކުރައްވަވާނެތެވެ. 

މިޘާލަކަށް ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހުމުން އެކަކު އެއްޗެތި ގޮވަނީއެވެ. ޣީބަ ބުނަނީއެވެ. ދޮގުވާހަކަތައް ފަތުރަނީއެވެ. އަނެކަކު އެކަންކަމަކާއި ކަންބޮޑެއް ނުވެއެވެ. ދެރަވިނަމަވެސް އެކަމެއް ނުދައްކައެވެ. ބައްދަލުވެއްޖެނަމަ ހިތްހެޔޮކަމާއިއެކު ސަލާމްކޮށް ޙާލު އަހައިހަދައެވެ. އޭނާގެ ހިތް އޭނާގެ އަކާޢަށް ސާފެވެ. އޭނާހުރީ އަޚާގެ ހިތްވެސް އޭނާގެ މައްޗަށް ސާފުވާނެ ދުވަހަކަށް އެދި ދުޢާކުރުންމަތީގައެވެ. 

އެފަދަ މީހުންނަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެހެނީ ކޮންމެ މީހަކު ކޮންމެ ކަމެއް އޭނާއަށް ކޮށްފައިވީނަމަވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެންމެންނަށް މާފުކޮށް ހިތްހެޔޮކޮށް ކޮންމެ ރެއަކު ނިދަމުންދިއަ ޞަޙާބީއަކަށް އެކަމުގެ ސަބަބުން ސުވަރުގެ ދެއްވަވާނެކަން ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

އެ ޞަޙާބީ ޚާއްޞަ ހެޔޮ ޢަމަލުތަކެއް ކުރައްވަމުން ގެންދެވި ބޭކަލެއް ނޫނެވެ. ކުރައްވަމުން ގެންދެވި ކަމަކީ ކޮންމެ ރެއަކުވެސް އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން އެންމެންނަށް ހިތްހެޔޮ ކުރެއްވެވުމެވެ. ވީމާ އެކަމުން އެނގެނީ އެންމެންގެ މައްޗަށް ހިތްހެޔޮކޮށް އެއްވެސް މީހަކަށް ހިތްބުރަކަމެއް ނުބާއްވާނަމަ އެމީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެ ކަމެވެ. 

މީސްތަކުންނޭވެ! ތަފާތު ކަންކަން މެދުވެރިވެ ހިތްހަމަނުޖެހިގެން ތިބޭ މީހުން އަބަދުވެސް އުޅޭނެއެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ކޮންމެ މީހަކު ދެކެވެސް ރުޅިއަންނަ ބައަކާއި ނުބައި ބަސްތައް ބުނާ ބައަކު އުޅޭނެއެވެ. އަޅައިވެސް ނުލާށެވެ. ތިބާގެ ހިތް އެމީހުންނަށްޓަކައިވެސް ސާފުކޮށްލާފައި ބާއްވާށެވެ. 

އެފަދަ މީހުންނާއި ގާތް ގުޅުމެއް ނުބޭއްވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހިތްހެޔޮކޮށްލައިގެން ހުންނާށެވެ. ބައްދަލުވުމުން ސަލާމް ގޮވާލައި ޙާލުއަހައިލާށެވެ! އެވަރުން ފުދޭނެއެވެ.

އެފަދަ މީހުންނަށް ސުވަރުގެ ދެއްވަވާނެކަން ކުރިން ބަޔާންކުރި ޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން