ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޖައްބާރުންނަކީ ހަމައެކަނި އެހެން މީހުންނަށް އަނިޔާވެރިވެ، މީހުން މަރައި މަގުފޭރި އުޅޭ މީހުންކަމަށެވެ. އާނއެކެވެ! އެއީވެސް ހަމަ ޖައްބާރުންނެވެ. ހަމައެފަދައިން ތިމާގެ މައިންބަފައިންނަށާއި އަނބިދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކޮށް އަނިޔާވެރިވާ މީހުންނަކީވެސް ހަމަ އެފަދަ ޖައްބާރުންނެވެ.
އެހެނީ ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ވާޖިބުވެގެންވާ ކަމަކީ އެމީހެއްގެ މައިންބަފައިންނަށާއި އަނބިދަރިންނަށް ވީހައި ބޮޑަށް ހެޔޮކޮށްހިތުމަށެވެ. އެކަންކަން ނުކުރާނަމަ އެމީހާވާނީ އަނިޔާވެރިއަކަށެވެ. ޖައްބާރަކަށެވެ. އެހެނީ އޭނާއެ ޢަމަލުނުކުރަނީ ﷲ ތަޢާލާ އެންމެ ގަދައަށް ކުރަން އަމުރުފުޅު ކުރައްވަވާފައިވާ ކަމެކެވެ.
ޖައްބާރުންނާއިމެދު އޮތް މިވަޙީބަސްފުޅަށް ވިސްނައިލާށެވެ!
"އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ.
"އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެތެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެތެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ." (އިބްރާހީމް: 16،17)
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އެކަމެއް ކުރަން ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުން ހިމެނިގެންވަނީވެސް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤެއްކަމުގައެވެ. ވީމާ މައިންބަފައިންނަށާއި އަނބިދަރިންނަށް ހެޔޮކޮށް ހިތުމާއި އެމީހުންނަށް ޚިދުމަތްކުރުން ހިމެނިގެންވަނީ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއްގެ ގޮތުގައެވެ.
ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރާނަމަ އެމީހަކު ހިމެނިގެން އެދަނީ ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތައް ފަހަނައަލައިދާ މީހެއް ކަމުގައެވެ. އެފަދަ މީހުންނާއިމެދު އޮތް ﷲ ތަޢާލާގެ މިވަޙީބަސްފުޅު އޮތްކަން އެބަ އެނގޭހެއްޔެވެ؟
"އަދި، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކައަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބް ހުށްޓެވެ". (އައްނިސާ: 14)
އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިއަދު މިކަންކަމަށް ނުވެސް ވިސްނައެވެ. މައިންބަފައިންނާއި އަނބިދަރިންނަށް އަޅައިވެސް ނުލައެވެ. އެއްވެސް ޚަރަދެއްވެސް ނުކުރެއެވެ. ބަލަނީ އެމީހާއަށް އުފަލުގައި އުޅެވޭތޯއެވެ! މިއަދު އުފަލުގައި އުޅެވިވެސްދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ކަންކަމުގެ ވާހަކަ އަހުރެންނަށް ވިސްނޭމަގުން މިކިޔައިދިނީއެވެ. ވިސްނައި ޢަމަލުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން