ދަރިންގެ އަޚްލާޤް ގޯސްވުމާއި ދީނާއި ދުރުހެލިވުން ފަދަ ކަންކަން ޒަމާނާ ގުޅުވައިގެން ﷲ ގެ ޙަޟްރަތުގައި ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ދަރިންގެ އަޚްލާޤް ގޯސްވުމާއި ދީނާއި ދުރުހެލިވުން ފަދަ ކަންކަން ޒަމާނާ ގުޅުވައިގެން ﷲ ގެ ޙަޟްރަތުގައި ސަލާމަތެއް ނުވެވޭނެ!

ދަރިންގެ އަޚްލާޤަށް އަންނަމުންދާ ނުރަނގަޅު ބަދަލުތަކާއި، އެކުދިން އިސްލާމް ދީނާއި ދުރުހެލިވުން ފަދަ ކަންކަން ފާހަގަކުރުމުން ގިނަ ބައަކު ބުނަނީ އެއީ ޒަމާނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އެވަރުން ފުއްދައިނުލަންވެގެން މުދައްރިސުންނާއި ވާހަކަދެއްކުމުން ބައެއް މުދައްރިސުންވެސް ދެނީ އެފަދަ ޖަވާބެކެވެ. 

މިޙާލަތުގައި ޙައްލު ހޯދަން ކުރެވޭނީ ކޮންކަމެއްތޯ؟ 

ކިޔުންތެރިޔާ ފާހަގަކުރައްވާފައިވާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މުޖުތަމަޢުތައް ހަލާކުވަމުން މިދަނީ ތިއަ މައްސަލަ ޙައްލު ނުކުރެވިގެންނެވެ. އިޚްލާޞްތެރި ހިތަކާއިގެން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. ގިނަ ކަންތައްތަކެއް އެނގިވަޑައިގަންނަވާނެކަމަށް އުންމީދުކުރެވެއެވެ.  

ފުރަތަމަ ކަމަކީ ދަރިން ގޯސްވުމުން "މިހާރުގެ" ނުވަތަ "މިޒަމާން" ކުށްވެރިއެއް ނުކުރެވޭނެއެވެ. ޒަމާނުގެ ބޮލުގައި އަޅުވައި ރެކި ނުގަނެވޭނެއެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭނެ ބައަކު ތިބޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހުންނަށް ޖެހޭނީ އެކަމުގެ ޒިންމާ އުފުލާށެވެ.  

ވަރަށް ގިނަ ބެލެނިވެރިން ބުނާއަޑު އިވެއެވެ. "މިހާރުގެ ކުދިން ހަމަ ގޯހީއެވެ. ބަސްޤަބޫލުނުކުރަނީއެވެ." މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ދައްކާ ވަރަށް ދޮގުވާހަކަތަކެކެވެ. "މިހާރު" އެއީ އެއްވެސް ކުއްޖެއްގެ މައެއް ބަފައެއް އަދި ބެލެނިވެރިއެއްވެސް ނޫނެވެ.

ކޮންމެ ކުއްޖެއްގެވެސް މައިންބަފައިން ތިބޭނެއެވެ! ކޮންމެ ކުއްޖަކީވެސް މަންމައަކާއި ބައްޕައެއްގެ ދަރިއެއްގެ ދަރިއެކެވެ. މައިންބަފައިން ދުނިޔޭގައި ނެތްނަމަ ބެލެނިވެރިން ތިބޭނެއެވެ! ބެލެނިވެރިއަކު ނެތްނަމަ ބެލެނިވެރިއަކީ ސަރުކާރެވެ! މީގެތެރޭގައި "މިހާރުގެ" ކިޔާ އެއްވެސް ފަރާތެއް ނެތެއް ނޫން ހެއްޔެވެ؟ 

ހުރިހާވެސް މައްސަލައަކީ މައިންބަފައިން އިސްލާމް ދީނާއި ދުރުވުމެވެ. ދީނުގެ ކަންކަމަށް ސަމާލުކަން ނުދިނުމެވެ. އިސްލާމްދީނުގައިވާ ކަންކަމަށް ސަމާލުކަންދީގެން ދަރިން ތަރުބިއްޔަތު ނުކުރުމެވެ.

މިގޮތުން ވަރަށް ކަމެއް މިރޭ ފާހަގަކޮށްލާނަމެވެ! 

މަޣްރިބް ނަމާދުން ފައިބައިގެން ގެއަށް ވަނުމަށްފަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަތައް ބަލާ މީހަކަށް ވެގެން ޢިޝާ ނަމާދުކުރަން ދަތިތައް ހުންނާނެއެވެ. މިބުނި ފަދަ ޕްރޮގްރާމްތައް ބެލުމުން އެމީހެއްގެ ހިތަށް ވަންނާނީ އެޕްރޮގްރާމްތަކުން ފެނުނު ކަންކަމެވެ. ގިނަ މީހުންގެ ސިކުނޑީގައި އަބަދުވެސް އެންމެ ފަހުން ހަރުލާފައި ހުންނާނީ ތިމާއަށް އެންމެ ފަހުން ފެނުނު ކަމެކެވެ. މަންޒަރުތަކެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީމާ ދާދި ދެންމެ ބެލި ޓީވީ ޕްރޮގްރާމްތަކުން ފެނުނު ކަންކަން ސިކުނޑީގައި ބަހައްޓައިގެން ޢިޝާ ނަމާދުކުރަން އުޅުމުން ފަސޭހައެއް ނުވާނެއެވެ.\ 

މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު އެންމެ ރަނގަޅީ ކީރިތި ޤްރްއާން ކިޔެވުމުގައި ހޭދަކުރުމެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާއިން ބުނެފާނަމެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި ލިބޭ ވަގުތުކޮޅުގެ ބޭނުން އަހަރެން ހިފަނީ ކީރިތި ޤްރްއާން ކިޔެވުމަށެވެ. ހަމަޖެހިލައިގެން އިނދެ ރޭގަނޑު ކިޔަވަން ސޫރަތްތަކާއި އާޔަތްތައް ކިޔަވައިލެވެއެވެ. މި ސޫރަތްތައް ކިޔެވުމުން ރޭގަނޑު ކިޔަވަންޖެހޭ ގިނަ ސޫރަތްތަކެއް ކިޔެވުނީއެވެ. ޢާންމުކޮށް ގިނަ ބައަކު ކިޔަވައި އުޅޭ ސޫރަތްތައް ކިޔެވުނީއެވެ. މިސޫރަތްތައް ކިޔެވުމުގެ ފައިދާގެ ވާހަކަތައް އަބަދުވެސް މިގެންދަނީ ދައްކަމުންނެވެ. 

ބައެއް މީހުން ސޫރަތްތައް ކިޔަވަނީ ޢިޝާ ނަމާދަށްފަހުގައެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ޢިޝާ ނަމާދުގެ ކުރިން ސޫރަތްތައް ކިޔަވައިފިނަމަ ޢިޝާ ނަމާދަށްފަހު އަވަހަށް ނިމޭނެއެވެ. އެކަމުގައި އެމީހަކު ބޭނުން ގޮތެއް އިޚްތިޔާރުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ ސޫރަތްތައް ކިޔެވުމެވެ. 

ކޮންމެހެން ޓީވީ ބަލަން ބޭނުންވެގެން ދެ ނަމާދު ދޭތެރޭގައި ޓީވީ ބެލި ނަމަވެސް ބޭކާރު ޕްރޮގްރާމްތައް ބެލުމުގެ ބަދަލުގައި ދީނީ ކޮންމެވެސް ޕްރޮގަރާމެއް ބަލާށެވެ! އެއިރުން ޢިޝާ ނަމާދަށް މީހާ ތާޒާވާނެ ވާހަކައެވެ. ނަމަވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބަލާނަމަ އެ ތާޒާކަން ނުލިބޭނެ އެވެ. 

ނިކަން ބުނެބަލާށެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި މިކަންކަމަށް މިއަދު ސަމާލުކަން ދެނީ ކިތައް ބެލެނިވެރިންހެއްޔެވެ؟ ދަރިންގެ ކިބައިގައި މިސިފަތައް އަށަގަންނަވަން އެއްވެސް މަސައްކަތެއް ކުރަމުހެއްޔެވެ؟ އެއީ މިއަދުގެ މައްސަލައެއް ހެއްޔެވެ؟ ނޫނީ މައިންބަފައިންގެ މައްސަލައެއް ހެއްޔެވެ؟ 

މިއަދުވެސް އިރުއަރައި އޮއްސެނީ ހަމަ މީގެ 1450 އަހަރުކުރިން އެކަން ހިނގަމުންދިއަގޮތަށެވެ. ތަފާތަކީ މިހާރު މިޒަމާނުގައި ދިރިއުޅޭ މީހުން އެތައް ބައިވަރު ލުއިފަސޭހަގޮތްތަކެއް މިންވަރުކުރައްވަވައި ދެއްވެވުމެވެ. ބޮޑެތި ފަސޭހަތަކެއް ދެއްވެވުމެވެ. ނިޢްމަތް އިތުރުކުރައްވަވައި ދެއްވެވި ވަރަކަށް މިދެވެނީ ﷲ ތަޢާލާ އާ ދުރަށެވެ! 

މިކަންކަން އިޞްލާޙްކޮށް އަހަރެމެންނާ އަހަރެމެންގެ ދަރިން ތަރުބިއްޔަތުކުރަން އައު ޢަޒުމަކާއެކު މަސައްކަތް ފަށަމާހެއްޔެވެ؟ އެކަން ނުކުރެވިއްޖެނަމަ ޤިޔާމަތް ދުވަހު މިހާރާ މިޒަމާނުގެ ބޮލުގައި ރެކިގަނެވޭނެކަމަށް އުންމީދުވެސް ނުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން