ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއަށް އެދޭމީހާ ނަމާދުކުރުމުގަ ވިސްނާލަންޖެހޭ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއަށް އެދޭމީހާ ނަމާދުކުރުމުގަ ވިސްނާލަންޖެހޭ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

ތިބާއަކީ ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރާ މީހަކު ކަމުގައިވެދާނެއެވެ. އެހެންކަމަސްވާނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެވަރުން އަދި ފުއްދައިނުލާށެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރަން ދޭ ސަމާލުކަން އިތުރުކުރާށެވެ. 

ހަމައެއާއިއެކު ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ހަމަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. 12 ރަކްޢަތްހަމަކުރެވުމުން އެއަސްވުރެވެސް އިތުރުކުރަން މަސައްކަތްކުރާށެވެ. އިތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. 

އަދި ޟުޙާނަމާދާއި ވިތުރި ކުރާށެވެ! ތަހައްޖުދުނަމާދުވެސް ކުރާށެވެ. އެއީ ތިބާ ބޭނުންވަރަކަށް ކުރުކޮށް އަދި ދިގުކުރެވެންވެސް ހުރި ނަމާދުތަކެވެ. އެދުވަހަކު އެމީހެއްގެ ޙާލަތު ހުރި މިންވަރަކުން ކުރަމުން ގެންދާށެވެ.

މިޘާލަކަށް ބޮލުގައި ރިހުން ފަދަ ނުވަތަ އެނޫންވެސް އުނދަގުލެއް ހުރިނަމަ ވިތުރިގެ އެންމެ ރަކްޢަތެއް ނަމަވެސް ކުރާށެވެ. އެފަދަ އުނދަގުލެއް ނެތްނަމަ ގިނައިން ކުރާނީއެވެ. ޔަޤީންކުރަންވީ އަސާސީ މިންވަރަށް ނުކޮށް ނުނިދުމަށެވެ. 

މިމަގުން ނަމާދުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ބަންގީގައި އެގޮވައިލެވޭ ޢިބާރާތުގެ ސަބަބުންނެވެ. "ނަމާދަށް އަންނާށެވެ! ކާމިޔާބުލިބިގަތުމަށް އަންނާށެވެ" މިދެބަސްފުޅު ގުޅުވައިގެން ގޮވައިލެވޭތީއެވެ. އެކަމުން އެނގެނީ ދުނިޔޭގެ ކާމިޔާބީވެސް އަދި އާޚިރަތުގެ ކާމިޔާބީވެސް ގުޅިފައިވަނީ ނަމާދާއި ކަމެވެ. ނަމާދުކުރާ މީހަކަށް ދެދުނިޔޭގައިވެސް މާޔޫސްވާން ނުޖެހޭނެ ކަމެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން