ހޭލާށެވެ! ހޭލުންތެރިވާށެވެ! އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ބިރުގަނެއްޖެ މީހާއަށް ފައިދާއެއް ދެވޭނެ ހަމަ އެކަކުވެސް ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހޭލާށެވެ! ހޭލުންތެރިވާށެވެ! އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ބިރުގަނެއްޖެ މީހާއަށް ފައިދާއެއް ދެވޭނެ ހަމަ އެކަކުވެސް ނުވެއެވެ!

الفضيل بن عياض رحمه الله ވިދާޅުވިއެވެ. "މާތް ﷲ އަށް ބިރުވެތިވެއްޖެ މީހާއަށް، ގެއްލުމެއް ދެވޭނެ ހަމަ އެކަކުނުވެއެވެ. އަދި، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ބިރުގަނެއްޖެ މީހާއަށް ފައިދާއެއް ދެވޭނެ ހަމަ އެކަކުވެސް ނުވެއެވެ".

މި ބަސްފުޅަކީ މިއަދުގެ ޙާލަތުގައި ވިސްނައިލަން ވަރަށް މުހިންމު ބަސްފުޅެކެވެ. ވަކިބައަކު ބޭނުންވެއްޖެ ނަމަ އަހަރެމެންގެ މައްޗަށް ގަދަވެގެންފާނެ ކަމުގެ ބިރަށް ވިކިހުސްވަމުންދާއިރު މިފެންނަނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ބިރުން ޤާނޫނު އަސާސީ އާއި ކުޅެ، ބަދަލުކޮށް ރާއްޖޭގެ އިސްލާމީވަންތަކަން ނަގާލުމުގެ މަސައްކަތްކުރިއަށް ގެންދާތަނެވެ!

ހަމައެއާއިއެކު ފެންނަމުން މިދަނީ ޤާނޫނު އޮތްގޮތަށް ބާއްވައިގެން ކަންކަމަށް ބަދަލުގެންނަ ތަނެވެ. ޤާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަން ޖެހިލުންވެ ދޫދެމުންގޮސް ދީނީ އެއްބައިވަންތަކަންވެސް ނަގައިލާތަނެވެ. ވަކި ބައެއްގެ ރުހުން ހޯދުމަށްޓަކައި ﷲ ތަޢާލާގެ އަމުރުފުޅުތަކާއި ދީނުގެ އަސާސްތައް ގެއްލުވައިލަމުންދާތަނެވެ.

ކުރިން އެކަންކަމަކީ ޙަރާމް ކަންކަންކަމުގައި ބުނެ ކަންބޮޑުވުން ފައުޅުކޮށް މިހާރުން މިހާރަށް ހުއްޓުވަން ގޮވާލި ކަންތައްތަކަށްވުރެ މާބޮޑެތި ފާފަތައް ފައުޅުގައި ކުރަން ހަމަ އެހެން ގޮވާލި މީހުން ދޫކޮށްލައިފިއެވެ. ހަމަ އެމީހުންގެ ތުނބުޅިތައް ކުރުކޮށް ފެޝަން ތުނބުޅިއަށް ބަދަލުކުރަނީއެވެ.

"ކަލޭމެން ކިތަންމެ ބޭނުންވިނަމަވެސް ކިތަންމެ ވަރަކަށް ބާރުއެޅިނަމަވެސް ޤުރްއާނުގައިވާ ޙުކުމްތައް ބަދަލު ނުކުރާނަން" ކަމަށް ބުނެލަންކެރޭ ވެރިއަކު ނެތެވެ. މުއައްސަސާއެއްވެސް ނެތެވެ. އެކަން ޢަމަލުން ދައްކަން ކެރޭ ފަރާތެއްވެސް ނެތެވެ. ވީއިރު ބިރުވެތި މިވެވެނީ ﷲ އަށް ހެއްޔެވެ؟ ނޫނީ އަހަރެމެން ފަދައިން ﷲ ތަޢާލާ އުފައްދަވާފައިވާ އެކަލާނގެ އަޅުންނަށް ހެއްޔެވެ؟

މިކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޖަވާބު ބޭނުންވެއެވެ. ވިދާޅުވާ ބަސްފުޅަކުން އެކަންޏެއް ނޫނެވެ. ސަރުކާރުގެ ޢަމަލުތަކުންވެސްމެއެވެ.

________________________________________________________________________

މިއަދު އޮންލައިން