ދެނަމާދު ދޭތެރޭގަ ކުޅިވަރު ނުކުޅެންވީ ކީއްވެ؟ އެއީ މަނާ ކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދެނަމާދު ދޭތެރޭގަ ކުޅިވަރު ނުކުޅެންވީ ކީއްވެ؟ އެއީ މަނާ ކަމެއްތަ؟

ކޮންމެ ވަޤުތަކީވެސް ކޮންމެވެސް ދެނަމާދެއްގެ ދެމެދުގައިވާ ވަޤުތުކޮޅެކެވެ. ނަމަވެސް ދެނަމާދުދޭތެރެކަމަށް ކިޔައި އުޅެނީ މަޣްރިބްނަމާދާއި ޢިޝާނަމާދާއި ދެމެދުގައި އޮންނަ ވަޤުތުކޮޅަށެވެ. އެހެން ކިޔާ ސަބަބަކީ އެވަޤުތުކޮޅުގެ ކުޑަކަން ކަމަށްވެސް ވެދާނެއެވެ.

ދެނަމާދު ދޭތެރޭގައި ކުޅިވަރުކުޅުންފަދަ ކަންކަން ކުރުން ދީނުގައި މަނައެއް ނުކުރެއެވެ. ނަމަވެސް ޢިލްމުވެރިން އެވަޤުތު އަޅުކަމަށް ސަމާލުކަންދޭން އެވިދާޅުވަނީ މަޣްރިބްނަމާދާއި ޢިޝާ ނަމާދައި ދެމެދުގައި ލިބެނީ ގަޑިއެއްހައިއިރުގެ ކުޑަކުޑަ ވަޤުތުކޮޅަކަށްވާތީ މަޣްރިބް ނަމާދަށްފަހު ކުޅިވަރުގެ ކަމެއް ކުރާނަމަ ޢިޝާ ނަމާދުގެ ޖަމާޢަތް ނުލިބޭނެތީއެވެ!

ޢިޝާނަމާދު ޖަމާޢަތުގައި ނުކުރެވުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެހެނީ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ޢިޝާނަމާދު ޖަމާޢަތުގައި ކުރުމަކީ ރޭގަނޑުގެ އެއްބައިގައި ރޭއަޅުކަންކުރުމުގެ ޘަވާބު ދެއްވަވާ ކަމެކެވެ. ވީމާ ބެލެނިވެރިން އެކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ. ބެލެނިވެރިން ޖަމާޢަތުގައި ޢިޝާނަމާދުކުރަން ސަމާލުކަން ދިނުމާއިއެކު ދަރިން އެކަމަށް ތަރުބިއްޔަތުކުރަންވެސް އެބަ ޖެހެއެވެ.

މުސްލިމުން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމަކުން އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަކަށެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ޚާއްޞަކޮށް ފަރުޟުނަމާދުތައް ޖަމާޢަތުގައި ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ.

އިސްލާމް ދީނަކީ ދީނުގައި ހުއްދަވެގެންވާ ކުޅިވަރުތައް ކުޅުން މަނާކުރާ ދީނެއް ނޫނެވެ. ނަމަވެސް ކުޅިވަރުކުޅެންވާނީ ފަރުޟު ނަމާދުތަކުގެ ޖަމާޢަތަށް ރައްކައުތެރިވަމުންނެވެ. ކުޅިވަރުކުޅުން ފަދަ ކަމެއްގައި އުޅެންވެގެން ޖަމާޢަތުގައި ނަމާދުނުކުރާނަމަ އެކުރެވެނީ ރަނގަޅު ކަމެއް ކަމަކަށް ނުވާނެއެވެ.

އެހެނީ ކޮންމެ ޙާލަތެއްގައި ފުރަތަމަ ސަމާލުކަންދޭންޖެހޭނީ ނަމާދުކުރުމަށެވެ. ވީމާ ޖަމާޢަތުގެ ނަމާދު ދޫކޮށްލާ ސަބަބަކީ ކުޅިވަރުކުޅުންކަމުގައި ހަދާމީހާގެ ކިބައިގައި ދީނަށް އޮތީ ކޮން އިޚްލާޞްތެރިކަމެއް ހެއްޔެވެ؟ އޭނާގެ ހިތުގައި ނަމާދަށް އޮތީ ކޮން ލޯތްބެއް ހެއްޔެވެ؟

އަދި އިރުއޮއްސޭ ވަޤުތު ކަސްރަތުކުރާ މީހުން، ޕާކްތަކަށް ހިނގަންދާ މީހުންވެސް މިކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން