ދެމަފިރިންގެ މެދުގަ ވާހަކަ ނުދެއްކޭނަމަ އެންމެ ރަނގަޅުގޮތަކީ ކައިވެނި ރޫޅާލުން- ނޫންނަމަ ޖެހޭ މައްސަލަތައް މާނުރައްކާވެފަ ގިނަވާނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެމަފިރިންގެ މެދުގަ ވާހަކަ ނުދެއްކޭނަމަ އެންމެ ރަނގަޅުގޮތަކީ ކައިވެނި ރޫޅާލުން- ނޫންނަމަ ޖެހޭ މައްސަލަތައް މާނުރައްކާވެފަ ގިނަވާނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބަދުވެސް ބުނަމެވެ. ކައިވެނިކުރުމަށްފަހު ވަރީގެ ވާހަކަ ދައްކަން ޖެހޭނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. އެހެންކަމާއިއެކުވެސް ވަރީގެ ވާހަކަ ދައްކަންޖެހޭ ޙާލަތެއް ވެއެވެ. މި ދައްކަނީ އެ ޙާލަތުގެ ވާހަކައެވެ. 

މިޘާލަކަށް އެކަކަށް ކުށެއް ކުރެވުނީއެވެ. ނުވަތަ ކުށެއް ކުރެވިއްޖެކަމަށް ޤަބޫލުކުރެވުނީއެވެ. އެ ޙާލަތުގައި ބައެއް މީހުން ކަންތައްކުރާ ގޮތަކީ އެކަމުގެ ވާހަކަ ނުދައްކައި ހުންނަނީއެވެ. ސަބަބުވެސް ބަޔާންނުކޮށް އަނެކަކާއި ވާހަކަދެއްކުން ހުއްޓައިލަނީއެވެ. އަނެކަކު ވާހަކަދައްކަން އުޅުނަސް ސުވާލުކުރިނަމަވެސް ޖަވާބުވެސް ނުދެނީއެވެ. 

މިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ މައިންބަފައިންގެ އެހީތެރިކަން ހޯދައިގެންވެސް ވާހަކަދައްކަން މަސައްކަތްކުރާށެވެ. އެހީތެރިވެދޭނެ މައިންބަފައިން ނެތްނަމަ އިތުބާރުކުރެވޭ ހެޔޮލަފާ މީހެއްގެ އެހީތެރިކަން ހޯދައިގެންވެސް ވާހަކަދައްކަން މަސައްކަތްކުރާށެވެ. 

މިކަންކަން ކުރުމުންވެސް ވާހަކަ ދައްކަން ނުފަށައިފިނަމަ އެދެނީ ވަރަށް ބޮޑު އަނިޔާއެކެވެ. އެކަން ނަފްސާނީ ބަލިކަމަކަށްވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ވީމާ ވާހަކަދެއްކޭނެ އެއްވެސް  ގޮތެއް ނެތިއްޖެނަމަ ހިތާއި ދެކޮޅަސްވެސް ވަރިވާށެވެ. ނުވަތަ ވަރިކުރާށެވެ. އެހެނީ އެޙާލަތުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރުން ވެގެންދާނީ ލިބޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. 

މިހެން ބުނަން މިޖެހޭ އެންމެ ބޮޑު ސަބަބަކީ ދެމަފިރިންގެ މެދުގައި ވާހަކަދެއްކުން ހުއްޓިއްޖެނަމަ ގުޅުންތައް ކެނޑި އެއްދާންކުރުން ހުއްޓޭނެތީއެވެ. އެއްދާންކުރުން ހުއްޓިއްޖެނަމަ ޖެހޭ މައްސަލަތައް ގިނަވެގެންދާނެތީއެވެ. އަދި ކީއްހެއްޔެވެ؟ ބައްޔެއްގެ ސަބަބުން ނުވަތަ ޢުމުރުން ދުވަސްވުމުގެ ސަބަބުން ފަދަ ކަމެއް ނެތި ޒުވާން ޢުމުރުގައި އެއްދާންކުރުން ހުއްޓިއްޖެނަމަ އެކައިވެނި އެހިސާބުން އެވަނީ ބަނގުރޫޓުވެފައެވެ. އެހިސާބުން އެކުގައި ދިރިއުޅެން މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުކުރެވުން އޮންނާނީ ވަރަށް ދުރުގައެވެ. ވީމާ އެންމެ ރަނގަޅު ގޮތަކަށްވާނީ ރިވެތި ގޮތުގައި ދެމީހުން ވަކިވުމެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

 

މިއަދު އޮންލައިން