އަޅުގަނޑަކީ 7 އަހަރުން ދަސުގެ 3 ކުދިން ބަލަމުން ގޭތެރޭގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާ އަންހެނަކީމެވެ. އެހެންކަމާއިއެކުވެސް ފިރިމީހާއަށް ގެއަސް ވަދެވޭއިރު، ގެއަށް ވަންނަ ގޮތަށް ކެވޭގޮތަށް، މޭޒުމަތީގައި ކާންތައްޔާރުކުރެވިފަ ނެތްނަމަ އެދުވަހަކާއި އެރެއެއްގެ ހުރިހާ ކަންކަން ނިގޫރޯޅިއަކަށްވެގެންދިއައީއެވެ. އެހައިވެސް ވައިބާރުވާނެއެވެ.
މިހައި ގަދަފަދަ ވައިގައި ދުއްވަދުއްވައި ވަރުބަލިވެއްޖެއެވެ. ރިޔާތައް ބައުވެއްޖެއެވެ. ޙައްލަކީ ކޮބައިތޯއެވެ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވި ފަދަ ފިރިން މިޒަމާނުގައި ވަރަށް މަދެވެ. އެއީ މިޒަމާނާއި ގުޅޭ ގޮތެއްވެސް ނޫނެވެ. ނަމަވެސް އެބާވަތުގެ މީހުންވެސް އުޅޭނެތާއެވެ. ތިރީގައިވާ ލިޔުން ފިރިމީހާއަށް ޙިއްޞާކޮށްލައްވާށެވެ. ފަހަރެއްގައި ހެޔޮ ގޮތް ވިސްނިދާނެއެވެ. އިން ޝާ ﷲ
ކެއުމުގެ ވަގުތުތައް ޖެހޭއިރު ނުވަތަ އޮފީސް ނިންމާފައި ގެއަށްދާއިރު ކާންހަދާފައި މޭޒުމަތީގައި ނެތުމުން ރުޅިގަދަވުން މިއަދު ބެލެވެނީ ވަރަށް ނާތަހުޒީބު ޢަމަލެއްގެ ގޮތުގައެވެ. ވަރަށް ދަށުދަރަޖައިގެ ސިފައެއް ކަމެވެ. ސަބަބަކީ ހަމަ ތަށިނަގައިގެން އަމިއްލައަށް ބޭނުންވަރަކަށް އަޅާލައިގެން އިށީނދެ ކައިލުމަކީ ވަރަށް ފަސޭހައިން ކުރެވޭނެކަމެކެވެ!
"ކަނބުލޯ ގަރުދިޔަފޮދެއް ގެނެސްދީބަލަ" ގޮވައި އުޅެން ޖެހުނީ ބަދިގެ ގެއާއި މާދުރުގައި ހުރެފައި ގޭބޮޑުއަށިމަތީގައި ކައި އުޅުނު ދުވަސްވަރުގައެވެ. މިޒަމާނުގައި ކެއްކި ތެލި އެހުންނަނީ ކާމޭޒާއިޖެހިގެންނެވެ. ވީމާ ގަރުދިޔަ ހުސްވިނަމަވެސް ވަކި މީހަކަށް ގޮވާކަށް ނުޖެހޭނެއެވެ.
މިއަދު ވިސްނާލަންވީ މިއަދުގެ ޙާލަތަށެވެ. އަމަލުކުރަން މަސައްކަތްކުރަންވީ މިއަދުގެ ޙާލަތާއި ގުޅޭގޮތުންނެވެ. އެކަމަށް ވިސްނާއިރު ކާން ނުހެދެން މެދުވެރިވާ 2 ޙާލަތެއްވެއެވެ. އެއިގެ ތެރެއިން އެއް ޙާލަތަކީ ނުވަތަ އެންމެ ޢާންމު ޙާލަތަކީ ފިރިމީހާއަށް ޓަކައި އަނބިމީހާ ކާންހަދައިދީ ޚިދުމަތްކުރަން ބޭނުްނވިނަމަވެސް ގޭތެރޭގެ ކަންކަން ބުރަވުމުން އަނބިމީހާއަށް އެކަންކޮށްނުދެވޭނެގޮތް މެދުވެރިވުމެވެ.
އެޙާލަތުގައި ފުރަތަމަވެސް ވިސްނައިލާށެވެ!
އަނބިމީހާއަށް އެހައި ބުރައެވީ އަހަރެންގެ އެހީތެރިކަމާއިއެކު އަނބިމީހާ ކުރަންޖެހޭ މަސައްކަތްތައް އަހަރެންގެ އެހީތެރިކަމާނުލައި ކުރާތީ އެވެ. އަނބިމީހާ ހާދަ ރަނގަޅެވެ. އެއްވެސް ޝަކުވާއެއްވެސް ނުކުރެއެވެ.
ދެން ވިސްނައިލާށެވެ! ރޯދަ މަހު އަހަރެމެން ރޯދަވީއްލަނީ 14 ވަރަކަށް ގަޑިއިރު ނުކައި ތިބުމަށްފަހުގައެވެ. މިއަދު އަހަރެމެންނަށް ދާދިމަދު މިނިޓުކޮޅަކު ކެތްނުކުރެވިގެން ރުޅިއަންނަން ހެޔޮވެދާނެހެއްޔެވެ؟ ރޯދަހިފަން އަންގަވާފައިވަނީ ވެސް ހަމަ އަނބިންނަށް ހެޔޮކޮށްކޮށްހިތައި މެދުވެރިވާ ކަންކަމުގައި ކެތްތެރިވާން އަންގަވާފައިވާ ﷲ ތަޢާލާ އެވެ.
ވީމާ ﷲ ތަޢާލާގެ އަމުރުފުޅުތަކާއިމެދު އެއްވިސްނުމަކުން ވިސްނައިފިނަމަ މިފަދަ ހުރިހާ މައްސަލަތަކެއްވެސް ހައްލުކުރެވިގެންދާނެއެވެ.
ދެން ބުނަން އޮތީ އަދަބުދޭންޖެހޭ އަނބިންގެވާހަކައެވެ. ފިލްމާއި ސީރީޒްތައް ބަލައި ފޯނުން ގޭމްކުޅެން ވަގުތު ހޭދަކުރަންހަދައިގެން ފިރިމީހާއަށް ކަންކަން ކޮށްދޭންޖެހޭ ވަގުތުގައި ކޮށްނުދެވޭ އަންހެނުންގެ ވާހަކައެވެ. އެފަދަ އަނބިންނަށް ވިސްނައިދިނުމުންވެސް ކަންކަން އިޞްލާޙްނުކުރާނަމަ އަޅަންޖެހޭ ފިޔަވަޅެއް ނާޅަންވީ އެއްވެސް ސަބަބެއް ނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން