ނަމާދުގަ ރުކޫޢާ ސުޖޫދުގަ ހޭދަކުރާ ވަގުތު ދިގުކުރާށެވެ! އެއީ ކޮނޑާ ބޮލުގަ ހުރި ތިބާގެ ފާފަތައް ފުހެވި ފައިބައިގެންދާނެ ވަޤުތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމާދުގަ ރުކޫޢާ ސުޖޫދުގަ ހޭދަކުރާ ވަގުތު ދިގުކުރާށެވެ! އެއީ ކޮނޑާ ބޮލުގަ ހުރި ތިބާގެ ފާފަތައް ފުހެވި ފައިބައިގެންދާނެ ވަޤުތެވެ!

ރަސޫލް (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

"އަޅާ ނަމާދަށް ކޮޅަށް ތެދުވެއްޖެ ކަމުގައިވާނަމަ، އޭނާގެ ހުރިހާ ފާފަތަކެއް ގެނެވެއެވެ. އެފާފަތައް އޭނާގެ ބޮލަށާއި ދެކޮނޑަށް ލެވެއެވެ. އޭނާ ރުކޫއުކޮށް ސަޖިދައަށްދާ ކޮންމެ ހިނދެއްގައި އެހޭދަކުރާ ކޮންމެ ވަގުތެއްގައި އެފާފަތައް އޭނާގެ ކިބައިން ފައިބައިބައިގެން ފޮހެވިގެންދެއެވެ."

އެއްދުވަހަކު ޞަހާބީ ބޭކަލަކު މަގުމަތިން ވަޑައިގެންނެވުމުގައި ﷲ ތަޢާލާ ނަހީ ކުރެއްވެވި އަމަލަކަށް އަރައިވަޑައިގެންނެވުނެވެ. (ފާފައެއް ކުރެއްވެވުނެވެ.) އެއަށްފަހު އެބޭކަލަކު އަވަސް އަވަހަށް ރަސޫލް (ﷺ) މިސްކިތް ކޮޅުގައި އިންނަވަނިކޮށް ވަޑައިގެން އެ ކުށުން ތައުބާވާނެ ގޮތެއް ދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ.

އެއިރު ވަނީ ނަމާދު ވަގުތުވަދެފައެވެ. (ނަމާދު ވަގުތު ޖެހިފައެވެ.) އޭނާގެ ވާހަކައަށް ރަސޫލް (ﷺ) އެއްވެސް ޖަވާބެއް ނުދެއްވަވައެވެ. ޤަމަތް ދެވި ދަމާދުކޮށް ނިމުމުން ރަސޫލް (ﷺ) އެ ޞަހާބީއަށް ގޮވާލައްވަވައި ގެންނަވައި ސުވާލުކުރެއްވެވިއެވެ. "ތިމަން ބޭކަލުންނާއިއެކު މިސްކިތްކޮޅުގައި ނަމާދު ކުރިން ހެއްޔެވެ؟"

ޖަވާބުގައި އެބޭކަލަކު "އާދޭހެވެ!" ވިދާޅުވުމުން ރަސޫލް (ﷺ) ކިޔަވައި ވިދާޅުވި ޢާޔަތުގެ މާނައީ: "ހަމަކަށަވަރުން ހެޔޮ ކަންތައްތަކަކީ ނުބައިކަންތައްތައް ފޮހެލައި ދުރުކޮށްލާ ކަމެކެވެ."

މިކަމުން މިއެނގެނީ އަޅުގަނޑުމެން ކުރާ ނަމާދުތަކަކީ އަޅުގަނޑުމެންގެ ފާފަތައް ފޮހެވިގެންދާނެ އަޅުކަމެއްކަމެވެ. ވީމާ އަޅުގަނޑުމެންނަކީ ގިނަގިނައިނަ ނަމާދުކޮށް އެކުރާ ނަމާދުތަކުގެ ސަބަބުން ފާފަތައް ފޮހެވޮގެންދާ ބައަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

--ޝައިޚް އާދަމް ނިޝާންގެ ދަރުސަކުން

މިއަދު އޮންލައިން