އަހުރެން ދެކޭ ގޮތުގައި މައްސަލައަކަށްވަނީ މައްސަލައެއް ކުރިމަތިވުމެއް ނޫނެވެ. މައްސަލައެއް ކުރިމަތިނުވުމެވެ. އެހެނީ ކޮންމެ މައްސަލައަކާއިއެކުވެސް މީސްތަކުން ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވާން މަސައްކަތްކުރެއެވެ. އިތުރަށް ތަޤްވާވެރިވާންވެސް މަސައްކަތްކުރެއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވުންވެސް ގިނަވެގެންދެއެވެ.
މައްސަލަތައް ކުރިމަތިވާފަދައިން ނުވަތަ ކޮންމެ މައްސަލައެއްވެސް އައިފަދައިން އެނބުރިދާނެއެވެ. އެއްވެސް މައްސަލައަކީ މުޅި ޙަޔާތުގައި ތިބާއާއިއެކު ދެމިގެންދާނެ ކަމެއްކަމަށް ނުދެކޭށެވެ! ވީމާ މައްސަލައެއް ކުރިމަތިވާއިރަށް އެއީ ޙަޔާތަށް ކުރިމަތިވި އެންމެ ބޮޑު ކަންތައް ކަމުގައި ނުދެކޭށެވެ! އަދި އެއީ ތިމާގެ މުސްތަޤްބަލް މަރައިލާ ކަމަކަށް ނުހަދާށެވެ!
ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ ހުރިހާ ކަމެއްގެ ކޮންޓްރޯލްވެސް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ވަނީ އެކަލާނގެ ޙަޟްރަތުގައެވެ. އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ.
ކިތަންމެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީނަމަވެސް ފިއްލަވަން އިރާދަކުރައްވަވައިފިނަމަ ހިނދުކޮޅެއްގެ ތެރޭގައި އެއްފަހަރާ ހުރިހާ މައްސަލަތަކެއް ފިލުއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ހަމައެކަނި ތިބާގެ މައްސަލަތަކެއް ނޫނެވެ. ދުނިޔޭގައި ތިބި އެންމެންގެ ހުރި ހުރިހާ މައްސަލަތައް އެކުގައި ނަމަވެސް މެއެވެ.
ވީމާ ހުރިހާ ޙައްލަކީވެސް ގިނަގިނައިން ދުޢާކޮށް ޙައްލުކުރައްވަވައި ދެއްވެވުމަށް އެދުމެވެ! ދުޢާކުރުން ގިނަކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން