އަބަދު މާފުކުރަން ޖެހުމުން އެކަން ކުރުމަކީ އިންސާނުންނަށް ކުރެވޭނެ ކަމެއް ނޫން! އެއީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް ޚާއްޞަވެގެންވާ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަބަދު މާފުކުރަން ޖެހުމުން އެކަން ކުރުމަކީ އިންސާނުންނަށް ކުރެވޭނެ ކަމެއް ނޫން! އެއީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް ޚާއްޞަވެގެންވާ ކަމެއް!: މުފްތީ މެންކް

ކިތަންމެ ގިނަ ފަހަރު ތައުބާވިނަމަވެސް ﷲ ތަޢާލާ އެކަން ޤަބޫލުފުޅު ކުރައްވަވައި އެމީހާގެ ފާތައް ފުއްސަވައި ދެއްވަވަތެވެ. އެކަލާނގެއީ ގިނަގިނައިން ފާފަތައް ފުއްސަވައި ދެއްވެވުމަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ "ޣަފޫރުއްރަޙީމް" އެވެ. 

ނަމަވެސް އިންސާނުންނަކީ ނުވަތަ އެއްވެސް އިންސާނަކީ "ޣަފޫރުއް ރަޙީމެއް" ނޫނެވެ. ކުރިން މިބުނި ފަދައިން އެސިފަފުޅު ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމުގައިވާތީއެވެ. ވީމާ ގިނަގިނައިން މާފުކުރަންޖެހުމަކީ، ޚާއްޞަކޮށް އެއްބާވަތެއްގެ ކުށަކަށް ގިނަގިނައިން (ގިނަފަރު) މާފުކުރަން ޖެހުމުން ކޮންމެ މީހަކުވެސް ފޫހިވާނެއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ކުށެއް ކުރެވިއްޖެނަމަ ބައިވެރިޔާގެ ކިބައިން މާފަށް އެދެން އަވަސްވެގަންނަން ޖެހޭނެއެވެ. ނަމަވެސް އެއީ ކޮންމެ ދުވަހަކު އެދެންޖެހޭ ކަމަކަށް ނުވަތަ ގިނަގިނައިން އެދެންޖެހޭ ކަމަކަށް ނުހަދާށެވެ. އެއީ ގިނަގިނައިން ކުރަންޖެހޭ ކަމަކަށްވެއްޖެނަމަ މާފަށް އެދެން އަނގަހުޅުވާތަނުން އަނގަމަތީގައި ޖަހާފައި ދުރަށްދާނެ ދުވަސް އަންނާނެއެވެ. 

ބައިވެރިޔާ ކުށްކުރުން ގިނަވެ އަބަދު މާފަށް އެދޭތީ މާފުކުރަންޖެހުމުން އެފަދަ ޙާލަތުގައި އަޅާނުލައި މީހަކު ހުރެދާނެއެވެ. ނަމަވެސް އެއީ ނިޞްބަތުން ވަރަށް މަދުމީހަކަށް ކުރެވޭނެ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ އަޅާނުލައި ތިބޭ މީހުންވެސް ތިބޭނީ މަދު ދުވަސްކޮޅަކުއެވެ. ތެދަށް ބުނާނަމަ އެހެން ގޮތެއް ފެންނަންދެންނެވެ. އެކުގައި އުޅޭނެ އެހެން ބައިވެރިއަކު ލިބެންދެންނެވެ. 

އެހެން ހުއްޓައި އޭނާއަށް އެހެން މަގެއް ފެނުމުން އެމަގުން ދިއުމަކީ އޭނާ ކުރި ކުށެއް ކަމަކަށް ނުބެލެވޭނެއެވެ. އެކަންވާނީ ތިބާކުރި ކުށަކަށެވެ. އެހެނީ އެޙާލަތު މެދުވެރިކުރުވީ ތިބާކަމުގައިވާތީއެވެ. އެކަމުން ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އަބަދު ކުށްކުރަމުން އައި މީހަކަށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން