އަނބިމީހާ އާއިމެދު މިގޮތަށް ވިސްނާ ބައަކުވެސް އުޅެއެވެ. "އޭނާގެ ޢުމުރުން 40 އަސް އަރައިފިއެވެ. 5 ދަރިން އެބަތިއްބެވެ. ވަރިވެގެން ދިއަނަމަވެސް އަޅައިލާނެ މައެއް ބަފައެއް އަދި އެހެން މީހަކުވެސް ނެތެވެ. އެހެންވީމާ އަހަރެން ބޭނުންވާހހައި ގޮތަކަށް އުޅެންވީއެވެ. އޭނާއަށް ޖެހޭނީ ހަމަ ކެތްތެރިވެގެން މަޑުން އިންނާށެވެ. އަހަރެން އުޅޭނެހައި ގޮތަކަށް އުޅޭއިރުވެސް މަޑުން އެއިންނަނީ އެހެންވެގެންނެވެ."
ﷲ ގަންދީ ބުނަމެވެ. މިއީ ވަރަށް ނުބައިކަން ބޮޑު ވިސްނުމެކެވެ. އަނބިމީހާ މަޑުން އެއިންނަނީ ތިއަ ހީކުރާ އެއްވެސް ސަބަބެއް އޮވެގެން އޮވެގެނެއް ނޫނެވެ. ފިރިމީހާ އެގޮތަށް އުޅޭއިރުވެސް މާފުކޮށް ކެތްތެރިވާތީ ﷲ ތަޢާލާ ދެއްވަވާ ހިތްވަރުގެ ސަބަބުންނެވެ. ލައްވަވާ ހެޔޮ ރަޙްމަތުގެ ސަބަބުންނެވެ.
ދުނިޔެއަށް ފޮނުއްވަވާ އެއްވެސް މީހަކީ ﷲ ތަޢާލާގެ ރަޙްމަތުން މަޙްރޫމްވެގެންވާ މީހެއް ނޫނެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅަކު ގޮތްހުސްވެ ނިކަމެތިވާން ދޫކޮށްލައްވަވާނެ ކަމަށް ހީކުރަންވެސް ނުވާނެއެވެ.
އަޅައިލާނެ އެކަކު ނެތަސް، ކިތަންމެ ގިނަ ދަރިން ތިބިނަމަވެސް، ޢުމުރުން ކިތަންމެ ގިނަ ދުވަސްވެފައިވީނަމަވެސް، ޞިއްހީ ގޮތުން ބަލިކަށި ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އެމީހަކަށް ފައިދާހުރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އުފަލުގައި ދިރިއުޅެވޭނެ މަގުތައް ދައްކަވައި ދެއްވަވާނެތެވެ. ހިތްދަތިކަމާއި އަތްމަތިދަތިވުން ފަދަ މުޞީބާތްތަކުން ސަލާމަތްކުރައްވަވާނެތެވެ.
އަދި ކީއްހެޔެވެ؟ ތިބާއަށްވުރެ ހުރިހާ ގޮތަކުން މާފުރިހަމަ، މާބޮޑަށް ލޯތްބާއި އަލައިލުންދޭނެ މާތަނަވަސް ބައިވެރިއަކު ދެއްވެވުމަށްވެސް ކުޅަދުންވަންތައެވެ. ދެއްވަވާފައިވެސް އެބަހުއްޓެވެ. އެއީ މަދަކުން މެދުވެރިވާ ކަންކަމެއްވެސް ނޫނެވެ.
ވީމާ ތިބާގެ ވިސްނުމުން އަނބިމީހާ ކިތަންމެ ނިކަމެތިވެފައި އެކަނިވެރި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާއަކީ ނުހަނު މަތިވެރި އަންހެނަކަށްވެދާނެއެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ. އަނބިންގެ ހިތުގައި ޖެއްސުން، އަނިޔާވެރިވުން ފަދަ ކަންކަން ނުކުރާށެވެ. އެކަންކަމުން ތިބާއަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެގެން ހިނގައިދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން