ޢިބްރަތްތެރި ވާހަކަ: ޒުވާން ކުއްޖެއްގެ އަވާގަޖެހި 2 ދަރިންނާ އަނބިމިހާ އެއްލައިލި މީހަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ޢިބްރަތްތެރި ވާހަކަ: ޒުވާން ކުއްޖެއްގެ އަވާގަޖެހި 2 ދަރިންނާ އަނބިމިހާ އެއްލައިލި މީހަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަހަރެމެންގެ ކައިވެނީގެ 10 ވަނަ އަހަރެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް ދުވަހަކުވެސް އޭނާގެ ކިބައިން އަގުބޮޑު އެއްޗަކަށް އަދި ކަމަކަށްވެސް ނުއެދެމެވެ. ދިން އެއްޗަކަށް އުފާކޮށް ޝުކުރުކުރަމެވެ. 

2 ދަރިން ލިބިފައިވެއެވެ. 8 އަހަރުގެ ފިރިހެން ކުއްޖަކާއި 5 އަހަރުގެ އަންހެންކުއްޖެކެވެ. އެކުދިންގެ ކަންކަމަށް ފިރިމީހާ ސަމާލުކަމެއް ނުދެއެވެ. ސްކޫލުގައި ބެލެނިވެރިންނަށް ބާއްވާ ކަންކަމުގައިވެސް ބައިވެރިއެއް ނުވެއެވެ. އެހެންވެ ކުދިން ތިބެނީ ވަރަށް ދެރަވެފައެވެ. ބައެއް ބައްޕައިންނަކީ އެފަދަ މިޒާޖުގެ ބައަކަށްވާތީ ޝަކުވާ ނުކޮށް މަންމއާއި ބައްޕަގެ ދައުރު އަދާކުރަމުން އައިމެވެ. 

މިފަދަ ހުރިހާ ކަމަކާއިއެކުވެސް ފިރިމީހާ އަޅުގަނޑު ވަރިކޮށްލީ އަޅުގަނޑުގެ ކިބައިގައި އެއްވެސް ރަނގަޅުކަމެއް ނެތްކަމަށް ބުނެފައެވެ. އެންމެ ދެރަވީ އަޅުގަނޑަކީ އެއްވެސް ކުރަން ނުއެނގޭ އަނހެނެއް ކަމަށް ބުނުމުގެ އިތުރުން އަޅުގަނޑަކީ އޭނާއާއިއެކު ރޭކުރަންވެސް ނުއެނގޭ އަނހެނެއްކަމަށް ބުނުމުންނެވެ. 

ކޮންމެއަކަސް ވަރިކޮށްލީ އެކަންޏެއް ނޫނެވެ. ދެދަރިންނާއިއެކު ގެއިން ނެރެލީއެވެ. ގޮސް ވަންނާނެ އެއްވެސް ގެދޮރެއް ނެތް ޙާލުގައެވެ. ވީމާ ރަނގަޅު ގޮތަކީ މަގުމައްޗަށް ނެރެ އުކައިލީކަމަށް ބުނުމެވެ. 

ކޮންމެ އިންސާނަކަށްވެސް ގޮތެއް ދައްކަވާނެ ކަމަށް ބުނާ ބުނުމުގެ ތެދުކަން ފެނުނެވެ. އަޅުގަނޑުގެ ޙާލަށް ބޮޑުބޭބެގެ އަނބިމީހާ ހަމްދަރުދީވިއެވެ. 3 މައިން އެގެއަށް ގެންގޮސް ގެންގުޅެން ފެށިއެވެ. 3 މައިންނަށް ބޭނުންވާ ކަންކަން އޭނާގެ ފެންވަރުން ކޮށްދިނެވެ. 

ގެއިން ނެރެލުމަށްފަހު ކުއްޖެއްގެ ޙާލުވެސް ބަލައިނުލައެވެ. ކުދިން ގުޅާލިނަމަވެސް ފޯނުކަނޑާލައެވެ. އެހެންވެ ފަހުން ކުދިންވެސް ނުގުޅައެވެ. އެގޮތުގައި 3 އަހަރު ފުރުނުތަނާ އެއްދުވަހަކު ގުޅާފައި ރޮމުން ބުނީ ކުދިން އޭނާއާއި ހަމައަށް ގެންގޮސް ދިނުމަށެވެ. ބައްޕަ ކަމަށްވާތީ ކުދިން އޭނާގެ ގާތަށް ގެންދިއައިމެވެ. 

އެއިރު ގޭގައި އިނީ އެކަންޏެވެ. އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ވަރަށް ބަލިޙާލުގައެވެ. ފުރަތަމަވެސް ކުދިންގެ މާފަށް އެދުނެވެ. ވާހަކަ ދެއްކުމުންވެސް 2 ކުދިންކުރެ ކުއްޖަކު އަނގައަކުން ނުބުނެއެވެ. ބައްޕަ އެއިނީ ބަލިވެކަމަށާއި ބައްޕައާއި ވާހަކަދައްކަންވާނެ ކަމަށް ބުނުމުންވެސް އަނގައިން ނުބުނެ ތިބެ ދެކުދިން ދިއައީ ދުރަށެވެ. 

ދެކުދިން ދުރަށް ދިއުމުން 2 ވަނަ ކައިވެނީގައި ކަންކަންވީގޮތް ކިޔައިދިނެވެ. ކައިވެނިކުރެވުނީ އަތުންފައިން އެއްވެސް ކަމެއް ކުރަން ނުވެސް ދަންނަ އަދި ކުރަން ބޭނުންވެސް ނުވާ އަންހެނަކާއި ކަމަށް ބުންޏެވެ. އެކުގައި ދިރިއުޅެމުން އައިސް ބަލިވުމުން އެއްލާލާފައި ހިނގައްޖެކަމަށާއި ދަމުން ދިއައީ ގިނަ ޢަދަދެއްގެ ފައިސާވެސް ހިފައިގެން ކަމަށް ބުންޏެވެ. 

އޭނާ އެދުނީ އަލުން އޭނާ ގާތުގައި އުޅެންފެށުމަށެވެ. ކައިވެނިވެސް ކުރުމަށެވެ. އޭނާއަށް ކުރެވުނު ކުށްތަކަށް މަޢާފްކުރުމަށާއި ދެން ދުވަހަކުވެސް ނިކަމެތި ގޮތެއް ނުހަދާނެ ކަމަށްވެސް ބުންޏެވެ. 

އަޅުގަނޑު ބުނީމެވެ. "ކަލެއަށް ދިމާވި ޙާލަތަށްޓަކައި ވަރަށް ދެރަވެ ހިތާމަވެސް ކުރަމެވެ. ނަމަވެސް ކަލޭގެ އަންތބަކަށް ވެވޭކަށް ނެތެވެ. ކަލޭ އެނބުރި އަންނާނެ ކަމުގެ އުންމީދުގައި 2 އަހަރު ހުރީމެވެ. 2 އަހަރުވިއިރުވެސް އެއްވެސް ޚަބަރެއް ނުވުމުން ބައްދަލުވި ވަރަށް ފަޤީރު މީހަކާއި ކައިވެނިކޮށްފީމެވެ. 

އޭނާ ފަޤީރު ނަމަވެސް އަހަރެންގެ އަގު ވަޒަންކުރެއެވެ. އަހަރެންނާއި ދެކުނދިންގެ ކަންކަމަށް ސަމާލުކަންދެއެވެ. ލިބޭ ވަރަކުން 3 މައިންގެ ކަންކަންވެސް ކޮށްދެއެވެ. މިހާރު ބަނޑަށް 3 މަހެވެ. ވީމާ އަހަރެން އޭނާ ދޫކޮށްލާފައި ކަލެއާއި ގުޅޭކަށް ބޭނުމެއް ނޫނެވެ. ކަލޭގެ އަތުގައި ފައިސާހުރިވަރު މުހިންމެއް ނޫނެވެ. 

އެކުގައި 10 އަހަރުވީއިރުވެސް ކަލޭގެ ތަނަވަސްކަން ފަހަތަކުން ނުދުވަމެވެ. އަމިއްލަ އެއްވެސް ބޭނުމެއްގައި އެދިފައެއްވެސް ނުވާނެއެވެ. އެދެމުން އައީ އެންމެ ކަމަކަށެވެ. އެއީ ކަލޭގެ ލޯތްބާއި އަޅައިލުމަށެވެ. އެކަމުގައި ކަންކަން ކުރެވުނު ގޮތް އެނގޭ ނޫންހެއްޔެވެ؟ އެހެން ކަމާއިއެކުގައިވެސް ތިއައީ ތިބި 2 ދަރިންގެ ބައްޕައެވެ. ވީވަރަކުން ޙާލުބަލައިދީފާނަމެވެ. ކައިރީގައި ހުންނާނެ ނޯކަރަކު ހޯދާށެވެ. އަހަރެންނަށްވެސް ކޮށްދެވުނު ކަމެއް ކޮށްދޭނަމެވެ." 

އޭނާ ބޭނުންވީ އެގޭގައި ތިބުމަށެވެ. ފިރިމީހާވެސް ގެއަށް ގެނެސް އެގޭގައި ދިރިއުޅުމަށެވެ. އޭނާ ބަލަހައްޓައިދޭ މީހަކީ ފިރިމީހާކަމަށްވެއްޖެނަމަ ފިރިމީހާއަށް ބޭނުންވާ ކަންކަންކޮށްދީ މުސާރަވެސް ދޭނެ ކަމަށެވެ. 

އެވާހަކަ ފިރިމީހާ ގާތުގައި ބުނުމުން އަހަރެންދެކެވާ ލޯބީންނާއި 2 ދަރިންނަށްޓަކައި އެކަންކަން އޭނާ ޤަބޫލުކުރިއެވެ. އަޅުގަނޑުމެން އެގެއަށް ގޮސް އޭނާއަށް ޚިދުމަތްކުރަން ފެށުމުން މަޑުމަޑުން ރަނގަޅުވަމުން އައިސް ހައަކަ މަސްތެރޭގައި އެކަނި އުޅެލެވޭވަރުވެއްޖެއެވެ. އަހަރެއްހައި ދުވަސްފަހުން މަސައްކަތް ކުރެވޭވަރުވެސްވިއެވެ. 

އެހިސާބުން އޭނާ 3 ވަނަ ކައިވެނިކުރިއެވެ. އެއީ ހެޔޮލަފާ އަންހެނެކެވެ. އަޅުގަނޑުމެންނާއިމެދު ޙަސަދަވެރިކަމެއް ނުބާއްވައެވެ. ދިރިއުޅެމުން މިއަންނަނީ އެކުގައެވެ. އަޅުގަނޑުގެ ފިރިމީހާ މިހާރު ވަޒީފާ އަދާކުރަނީ އޭނާގެ ފިހާރައެއްގައެވެ. 

މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. ޚާއްޞަކޮށް ޒުވާން އަނހެންކުދިންގެ މަޅީގައި ޖެހި އަނބިދަރިން އުކައިލާ ފިރިހެނުންނަށް ފިލާވަޅަކަށްވާނެކަމަށް އުންމީދުކުރަމެވެ. 

- ނަޒީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން