ފުއްޕާމޭގެ ބަލިތަކާއި އެނޫންވެސް ބަލިތަކާއި ގުޅިގެން ސާފުވައި ހަށިގަނޑަށް އެތެރެކުރުމަށް "އިންހޭލްކުރަން" ޑޮކްޓަރުން ބުނެއެވެ. އަދި ޑޮކްޓަރުން ނުބުނި ނަމަވެސް އެއީ ގިނަބައަކު ކުރާ ކަމެކެވެ.
ގޮނޑުދޮށަށް ގޮސް ގިނަ ބައަކު ސާފުވައި ލިބިގަނެއެވެ. އެކަމުން ކުރާ ފައިދާވެސް ބޮޑެވެ. އެއީ އެސަރަޙައްދުގެ ވައިގައި ލޮނުގެ އަސަރު ހުރުމުން ފުއްޕާމޭ އިތުރަށް ސާފުކޮށްދޭތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދައިން ސާފުވައި ލިބިގަންނައިރުވެސް ހަނދާންކުރަންވީ ލިބި މިގަންނަނީ ﷲ ތަޢާލާ ދެއްވަވާ މަތިވެރި ނިޢްމަތެއް ކަމެވެ. ފުރަތަމަ ކަމަކަށް ސާފުވައި ލައްވަވައި އެއިގައި ބަރަކާތް ލެއްވެވީ ﷲ ތަޢާލާއެވެ. ދެވަނަ ކަމަކަށް ގޮނޑުދޮށުން ލިބޭވައިގައި ލޮނުގެ އަސަރު ލައްވަވައި އެއިން އިތުރަށް ޝިފާ ލިބުން ލައްވަވައި ދެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ.
ވީމާ އެހެން ނިޢްމަތްތަކަށް ވެސް ޝުކުރުވެރިވާ ފަދައިން ސާފުވައިން އަރާމާއި ޝިފާ ހޯދަން މަސައްކަތްކުރާއިރު އެއީވެސް ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. ހަނދާނުގައި ބެހެއްޓުމަކީ ނިޢްމަތްތައް މިންވަރުކުރައްވަވާ ﷲ ތަޢާލާއަށް ޝުކުރުވެރިވެރިވުމެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމަށެވެ. ވީމާ ޝުކުރުވެރިވާ އަޅުންނަށް ޝިފާ ދެއްވެވުމުގައި ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން