މީހުންގެ ހިތުގަ ޖެއްސުމުން ލިބޭނެ އެންމެ ބޮޑު ދެރައަކީ ދުނިޔޭގަވެސް އުފާވެރިކަން ނުލިބުން- ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މީހުންގެ ހިތުގަ ޖެއްސުމުން ލިބޭނެ އެންމެ ބޮޑު ދެރައަކީ ދުނިޔޭގަވެސް އުފާވެރިކަން ނުލިބުން- ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެއް!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ދުނިޔޭގައިވެސް އުފާވެރިކަމަށް އެދުމެވެ. ދުނިޔޭގައި އުފާވެރިކަމަށް އެދުމަކީ މައްސަލައެއް ނޫނެވެ. ކުރަންޖެހޭ ކަމެއްވެސް މެއެވެ. އެހެނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދި ދުޢާކުރުމަށާއި ކުރަންވީ ދުޢާވެސް ޤުރްޢާނުގައި އެބައޮތެވެ. އެދުޢާއަކީ ހުރިހާ މުސްލިމުންނަށް އެނގޭ، ހިތުދަސް ދުޢާއެކެވެ.  

ކޮންމެއަކަސް ވިސްނައިލަންވީ ކަމަކީ ދުނިޔޭގެ ޙަޔާތުގައިވެސް އުފާވެރިކަމަށް އެދޭމީހާއަކީ އެހެން މީހުންގެ ހިތުގައި ޖައްސުވާ މީހަކަށް ވެގެން ނުވާނެ އެވެ. ޣީބަ ބުނެ، އެހެން މީހުންނަށް ނިކަމެތި ބަސްތައް ބުނެ ދެބައުޑުވައި އުޅޭ މީހަކަށްވެގެން ނުވާނެއެވެ. ޖުމުލަކޮށްލާފައި ބުނާނަމަ އެއްވެސް މީހަކަށް ހިތްދަތިކަން ލިބޭނެ ފަދަ އެއްވެސް ކަމެއް ކުރާ މީހަކަށްވެގެންނުވާނެއެވެ.  

އެއްވެސް މީހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކިހައި ބޮޑު މަތިވެރިކަމެއް ލިބިގެންވާ މީހަކުކަން އަހރެމެންނަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ރުހިވޮޑިގެންވާއަޅަކަށް އިހާނެތިކޮށް، އޭނާގެ ހިތުގައި ޖެހޭނެ ގޮތަށް ކަންކަން ކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިނުގަތުން އެމީހަކަށް ވަރަށް އަވަހަށް ލިބިގެންދާ ކަމެކެވެ.  

ކޮންމެ މީހަކުވެސް ސަމާލުކަންދޭންވީ އެމީހާގެ އަމިއްލަ ޙަޔާތަށެވެ. މާނައަކީ އެހެންމީހުންގެ ކަންކަމަށް ބެހި، އެއްޗެތި ގޮވައި ހިތުގައި ޖެއްސުން ފަދަ ކަންކަން ނުކުރާށެވެ! ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ޙާޞިލްކުރެވޭނީ އެހެން މީހުންގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ނުކޮށް އެހެން މީހުންނަށްވެސް ހެޔޮކޮށް ހިތައި އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާ މީހަކަށް ވެވިގެންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން